ހއ. ބާރަށުން ހޯމް ކަރަންޓީން ފުރިހަމަ ކުރި ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެ، އެ މީހުން އިތުރު މީހުންނާއި ބައްދަލުވެފައި ވުމުން ނެގި ސާމްޕަލްތަކުން ވެސް ބަޔަކު ޕޮޒިޓިވް ވުމުން، އެރަށުން އިތުރު 158 ސާމްޕަލެއް ނަގައިފިއެވެ.
ބާރަށުން ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އިތުރު މީހުން ބައްދަލުވެފައި ވުމުން ޖެހިގެންއައި ދުވަހު (އިއްޔެ) 6 މީހެއްގެ ސާމްޕަލް ނެގިއެވެ. އޭގެ ތެރެއިން 4 ސާމްޕަލެއް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.
އެހެން ކަމުން ރޭގެ ވަގުތެއްގައި ހއ. ދިއްދޫންނާއި، އިހަވަންދޫން ޓީމްތަކެއް ބާރަށަށް ވަނީ ދަތުރުކޮށް، ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިއަދު ފަށާފަ އެވެ. އެކަމުގައި ހަރަކާތްތެރި ވަނީ ހއ. އަތޮޅު ހޮސްޕިޓަލްގެ ޓީމަކާއި، ދިއްދޫ ޕޮލިސް ސްޓޭޝަންގެ ޓީމަކާއި، ދިއްދޫގައި ތިއްބަވާ އެމްއެންޑީއެފްގެ ޓީމަކާއި، އިހަވަންދޫ އައިމިނާދިޔޯ ހެލްތު ސެންޓަރުގެ ޓީމެކެވެ.
ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން ބާރަށުން މިހާތަނަށް 158 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ''ތިލަދުން''އަށް ވިދާޅުވީ، އެ ސާމްޕަލްތަކުގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ މީހުންގެ ސާމްޕަލާއި، އަދި ރެންޑަމްކޮށް ނެގި ސާމްޕަލް ވެސް ހިމެނޭ ކަމަށެވެ.
''އަދި ވެސް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް އެބަދޭ، މިހާރު އިތުރަށް ނެގ ި158 ސާމްޕަލްގެ ތެރޭގައި ގިނައީ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ނެގުނު ސާމްޕަލް، އޭގެ ތެރޭގައި ހައިރިސްކް މީހުން ވެސް ހިމެނޭ'' އަޝްރަފް ވިދާޅުވި އެވެ.
ބާރަށުގެ ހާލަތު ވަޒަން ކުރުމަށް އެރަށުން އިތުރު 158 ސާމްޕަލް ނަގާފައިވާއިރު، ރާއްޖެގައި ކޯވިޑްގެ ހާލަތު ގޯސްވެ، މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުން ވެސް ގިނަ ޕޮޒިޓިވް ކޭސްތަކެއް ފެންނަމުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!