އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަންއާއި އެވަޓަން ބައްދަލުކުރި މެޗު، އެވަޓަންއިން ކާމިޔާބުކޮށް ގަދަ ހަތަރު ޓީމުގެ ތެރެއަށް ވަނުމަށް އެ ޓީމުން ކުރަމުން އަންނަ އުންމީދު އައުކޮށްފިއެވެ.
ހޯމަދުވަހުގެ ރޭ އެވަޓަންގެ ގުޑިޝަން ޕާކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެވަޓަންއިން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއިންނެވެ.
ދެ ޓީމެގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ނުވަވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އެ ޓީމްގެ ބްރެޒިލް ފޯވާޑް ރިޗާލްޝަންއެވެ. ރިޗާލްޝަން މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ މިޑްފީލްޑަރ ސިގާޑްސަން ތަނަވަސް ކޮށްދިން ފުރުޞަތަކުންނެވެ.
ސައުތެމްޓަންއަށް، އެ ޓީމް ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް މޮޅެއް ހޯދިފައިނުވެއެވެ. މި މެޗުގައި އެ ޓީމަށް އެވަޓަންގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައިވަނީ ވެސް އެންމެ ހަމަލާއެކެވެ. ސައުތެމްޓަންއަށް މި މެޗުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުޞަތެއް ލިބިގެން ގޮސްފައިވަނީ އެ ޓީމްގެ މިޑްފީލްޑަރ މޫސާ ޖެނެޕޯއަށެވެ. އެވަޓަންގެ އޭރިއާގެ ތެރޭހުރެ ފޮނުވާލި ބާރު ބޯޅަ ގޮސްފައިވަނީ ދަނޑި ކައިރިން ބޭރަށެވެ.
އެވަޓަން މިވަގުތު އޮތީ 25 މެޗުން ލިބުނު 43 ޕޮއިންޓާއިއެކު ތާވަލުގެ ހަތްވަނާގައެވެ. ހަތަރު ވަނާގައި އެވަޓަންއަށް ވުރެ އެއް މެޗު އިތުރަށްކުޅެ ދެ ޕޮއިންޓްގެ ފަރަގަކާއިއެކު އޮތީ ވެސްޓްހަމްއެވެ. ވެސްޓްހަމްއަށް ލިބިފައިވަނީ 26 މެޗުން 45 ޕޮއިންޓެވެ. ފަސްވަނާގައި 26 މެޗުން 44 ޕޮއިންޓް ލިބިގެން ޗެލްސީ އޮތްއިރު، ހަވަނާގައި ލިވަޕޫލް އޮތީ 26 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!