ބްރޯޑްކާސްޓިން ކޮމިޝަން(ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެމްބަރުކަމަށްް ރާއްޖެޓިވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީން އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ފަޒީން ބްރޯޑްކޮމްއަށް އައްޔަނުކުރަން ރުހުން ދިނީ މިއަަަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 12 ވަނަ ޖަލްސާގަ އެވެ.

Ad
rt

އެ މަގާމަށް އައްޔަނު ކުރާނެ ފަރާތެއް ކަނޑައެޅުމަށް ރައީސް އޮފީހުން، ރައީސް ޞާލިޙް އިސްކަން ދެއްވި ތަރުތީބުން 11 ނަމެއް މަޖިލީހަށް ފޮނުވިއެވެ. އެނަންތައް ދިރާސާކުރެއްވުމަށްފަހު މަޖިލީހުގެ މިނިވަންމުވައްސަސާތަކޭ ބެހޭ ކޮމެޓީން ތަޅުމަށް ފޮނުވަން ފާސްކުރީ ރައީސް ޞާލިޙް އިސްކަންދެއްވި ތަރުތީބުން އެ ލިސްޓްގެ އެންމެ ކުރީގައިއޮތް ދެ ނަމެވެ. އެއީ ފަޒީންގެ އިތުރުން ވީޓީގެ ކުރީގެ ނޫސްވެރިޔާ އަދި މިހާރު ތެދުބަސް ޑޮޓްކޮމްގެ ޗީފް އެޑިޓަރ ޝިފްޒާ މުސްތަފާއެވެ.

އެ ލިސްޓްގައި އިތުރަށް ހިމެނުނު ނަންތަކަކީ، ޝިފާ ތައުފީގް ހ. ހާޖަރާގެ، އަލީ މުހައްމަދު މަނިކު، ދަފްރަރު ނަންބަރު: ރސ1851، އަހްމަދު މޫސާ، ހ. އަބްސާވިލާ، ޒުބައިރު އަހްމަދު މަނިކު، ގ. މަލްބިނަބް، ހަސަން ރަޝީދު، ފްލާވާގެ/ސ. މަރަދޫ، އައިޝަތު ހުސައިން މަނިކު، ހ. ރީދޫކޮކާގެ، މުހައްމަދު ޝާމިން، އިރުދޭމާގެ، ގދ. ގައްދޫ، ހުސައިން އަމްރު، ވ. ރޯޝަން އަދި އިމްރާނާ ބިންތު އަބްދުﷲ، މ. ކަރޭޖް އެވެ.

ކޮމިޓީގެ ނިންމުމާ އެއްގޮތަށް މިއަދުގެ މަޖިލިސް ޖަލްސާގައި ފުރަތަމަ ވޯޓަށް އެހީ ފަޒީންގެ ނަމަށެވެ. ފަޒީންއަށް ރުހުންދޭން ފެންނަ ކަމަށް 55 މެމްބަރުން ވޯޓު ދެއްވި އެވެ. މަޖިލިސްގެ ގަވާޢިދު ބުނާގޮތުން ފުރަތަމަ ވޯޓަށް އަހާން ތަޅުމުން ފާސްކޮށްފިނަމަ އިތުރު ނަމަކަށް ވޯޓަކަށް ނާހާނެއެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު ވަކި ކުރުމުގެ މަސައްކަތް މަޖިލީހުން ކުރަމުން ދަނިކޮށް، އެންމެ ފަހުމަރުހަލާގައި އޭނާ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެނެވެެ. އޭނާ އިސްތިއުފާ ދެއްްވީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަސް ތެރޭގަ އެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯކޮމްގައި މިހާރު ތިއްބެވީ ހަ މެމްބަރުން ނެވެ. ރައީސް ކަމުގައި ހުންނަވަނީ މަރިޔަމް ވަހީދާއެވެ. އަދި ކޮމިޝަންގެ ނައިބު ރައީސްއަކީ އަހުމަދު ގައިސްއެވެ. ދެން އެ ކޮމިޝަންގައި ތިއްބެވީ އަލީ ޔޫސުފު، އައިމިނަތު އަމީނާގެ އިތުރުން އައިމިނަތު ސަހާރަތު އިއްޒަތާއި، އަމްޖަދު ވަހީދެވެ.

ބްރޯޑްކޮމްގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރެވެ.