ގިނަ ބައެއްގެ މެދުގައި މަގުބޫލު ޓިކްޓޮކް އިން މިދިޔަ އަހަރުގެ ފަހު ކޮޅުގައި 89.13 މިލިއަން ވީޑިއާ ނަގާފައިވާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާގޮތުގައި މީގެ ތެރެއިން އެންމެ ގިނައީ އެމެރިކާއަށް ނިސްބަތްވާ މީހުން އަޕްލޯޑު ކޮށްފައިވާ ވޯޑިއޯތަކެވެ. އެގޮތުން އެމެރިކާގެ 11.78 މިލިއަން ވީޑިއޯ އެޕުން ނަގާފައިވާނެ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

Ad
rt

މި ވީޑިއޯތަކުގެ ތެރެއިން 83.3 އިންސައްތަ ވީޑިއޯތައް ޓިކްޓޮކް އިން ނަގާފައިވަނީ އަޕްލޯޑު ކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. އެހެންކަމުން އެ ވީޑިއޯތަކަށް އެއްވެސް ވިއުސް އެއް ލިބިފައި ނުވާނެކަމަށް ޓިކްޓޮކް އިން ވަނީ ބުނެފައެވެ.

ޓިކްޓޮކް އިން ބުނެފައިވާގޮތުގައި މި ވީޑިއޯތައް ނަގާފައިވަނީ އެ ޕްލެޓްފޯމުގެ ގައިޑްލައިންތަކާ ހިލާފުވުމުގެ ސަބަބުންނެވެ. މީގެ ތެރޭގައި ކުޑަ ކުދިންގެ ވީޑިއޯތަކާއި އަމިއްލައަށް މަރުވާ ވީޑިއޯތަކައި ފުރާނައަށް ގެއްލުންވާ ކަހަލަ ކަންތައްތައް ކުރާ ވީޑިއޯތަކުގެ އިތުރުން ބަރަހަނާ ވީޑިއޯތައްވެސް ހިމެނެއެވެ.

ރިޕޯޓުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ފަހުކޮޅުގައި 6.14 މިލިއަން ޓިކްޓޮކް އެކައުންޓް ވަނީ ބްލޮކް ކޮށްފައެވެ.

އެމެރިކާގެ 11.78 މިލިއަން ވީޑިއޯ ނަގާފައިވާއިރު ދެވަނައަށް އެންމެ ގިނަ ޥީޑިއޯ ނަގާފައިވަނީ ޕާކިސްތާނުގެ ޔޫސަރުންގެއެވެ. އެގޮތުން ޕާކިސްތާނުގެެ 8.2 މިލިއަން ވީޑިއޯ ވަނީ ނަގައިފައެވެ. މީގެ އިތުރުން ބްރަޒިލްގެ 7.51 މިލިއަން ވީޑިއޯ އާއި ރަޝިއާގެ 4.75 މިލިއަން ވީޑިއޯ އަދި އިންޑޮނޭޝިއާގެ 3.86 ވީޑިއޯ ވަނީ ނަގައިފައެވެ.

ޓިކްޓޮކްއަކީ ދިވެހިންގެ މެދުގައިވެސް މަގުބޫލު ޕްލެތްފޯމެކެވެ. ގިނަ އަދަދެއްގެ ދިވެހިންވެސް މި ޕްލެޓްފޯމުގައި ކޮންޓެންޓު ކްރިއޭޓް ކުރެއެވެ. ނަމަވެސް މިދިޔަ އަހަރު ފަހުކޮޅު އެއްވެސް ދިވެއްސެއްގެ ވީޑިއޯ ނަގާފައިވާ ކަމެއް ޓިކްޓޮކްއިން ހާމަކޮށްފައި ނުވެއެވެ.