ށ. މިލަންދޫގައި ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރި މީހެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭނާ އާއި އެރަށުން އިތުރު ބަޔަކާއި ބައްދަލުވެފައި ވުމުން، އެރަށުގެ ހާލަތު ވަޒަން ކުރުމަށް ނެގުނު 100 ރޭންޑަމް ސާމްޕަލް ވެސް ނެގެޓިވްވެއްޖެއެވެ.
އެރަށުގައި ހޯމް ކަރަންޓީނު ފުރިހަމަކުރި މީހެއް، ނެގި ރިލީޒް ސާމްޕަލުން ޕޮޒިޓިވްވީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ.
އެ ކޭހާއި ގުޅިގެން އޭނާއާއި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި 7 މީހެއްގެ ސާމްޕަލް ވެސް ވަނީ ނަގާފައެވެ. އެހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވް ވެފައެވެ. އެ މީހުންގެ ސާމްޕަލްތަކުގެ ނަތީޖާ ލިބުނީ ފެބްރުއަރީ 26 ވަނަ ދުވަހުއެވެ.
މީގެއިތުރުން އެރަށުން ވަނީ 100 ރޭންޑަމް ސާމްޕަލް ވެސް ނަގާފައެވެ. ހުރިހާ ސާމްޕަލެއް ނެގެޓިވްކަން އެރަށު ސިއްހީ މަރުކަޒުން ހާމަކުރެއްވީ މިރެއެވެ.
މިލަންދޫން ނެގި ރޭންޑަމް ސާމްޕަލްތައް ނެގެޓިވްވެފައިވާއިރު، ރާއްޖެގައި ކޯވިޑްގެ ހާލަތު ގޯސްވެ، މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުން ވެސް އަންނަނީ ގިނަ ޕޮޒިޓިވް ކޭސްތަކެއް ފެންނަމުންނެވެ.
އެ ބަލީގައި ހުސްވި ފެބްރުއަރީގައި ވެސް ރާއްޖެއިން 10 މީހަކު ނިޔާވެފައިވާއިރު، މިހާތަނަށް 54 ދިވެހިންނާއި 8 ބިދޭސީއަކު ވަނީ ނިޔާވެފަ އެވެ.
ހުސްވި ފެބްރުއަރީ މަސް ރެކޯޑް ކުރެވިފައި ވަނީ މިހާތަނަށް އެންމެ ގިނަ ބަޔަކު އެއް މަހެއްގައި ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މަހުގެ ގޮތުގައެވެ. މިހާތަނަށް ރާއްޖެއިން 19،793 މީހުންނަށް ވަނީ އެ ބަލި ޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!