ޑިޒައިން އެންޑް ބިލްޑް އުސޫލުން ހއ. މޮޅަދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށް ފައި ވަނީ ފުލެކްސިންކް ޕްރައިވެޓް ލިމިޓެޑާ އެވެ.
މޮޅަދޫގެ އިތުރުން ލ. މުންޑޫ އަދި މ. ވޭވަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ވެސް ޕްލޭނިން މިނިސްޓްރީއިން އެ ކުންފުންޏާ މިއަދު ހަވާލުކުރިއެވެ.
ތިން ރަށުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ޖުމްލަ 104،088،337 ރުފިޔާގެ އަގަކަށް، 780 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
މިއަދު ސޮއިކުރި މަޝްރޫއުގެ ދަށުން ސާވޭކުރުމާއި، އީއައިއޭގެ މަސައްކަތާއި،ފެނާއި ނަރުދަމާ ނިޒާމް ފަރުމާކޮށް ފެނާއި ނަރުދަމާ ނިޒާމުގެ ވިޔުގަ އެޅުން ހިމެނޭނެ އެވެ.
ހަމައެއާއެކު އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމުކުރުމާއި ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމްކުރުމާއި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ވެސް ހިމެނެ އެވެ.
މިއެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި ފުލެކްސިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނަޖާހް ޝަރީފެވެ.
މޮޅަދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ހަވާލުކޮށްފައި ވަނީ 35،864،006 ރުފިޔާއަށެވެ. މުންޑޫގައި އެ މަޝްރޫޢު ހިންގުމަށް 35،535،851 ރުފިޔާ ޚަރަދު ކުރާއިރު، ވޭވަށުގައި އެމަޝްރޫޢު ހިންގަން 32،688،479 ރުފިޔާ ޚަރަދު ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!