މިދިޔަ އަޟްހާ ޢީދު ތެރޭގައި ޝެޑިއުލް ދަތުރުތައް ފެށި ކުޅުދުއްފުށީ އެއަރޕޯޓަށް ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކަށް، އޮންލައިން ކޮށް ޓިކެޓު ނެގޭނެ އިންތިޒާމު މޯލްޑިވިއަން އިން ހަމަޖައްސައިފިއެވެ.

މިއަދުން ފެށިގެން މޯލްޑިވިއަންގެ ވެބްސައިޓު މެދުވެރިކޮށް ކުޅުދުއްފުއްޓަށް ކުރާ ދަތުރުތަކަށް ޓިކެޓު ނެގޭނެ އިންތިޒާމު، އެ އެއަރލައިނުން ހަމަޖައްސާފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން ފަސިންޖަރ ސޭލްސް އެޖެންޓުން މެދުވެރިކޮށް އެ އެއަރޕޯޓަށް ކުރާ ދަތުރުތަކަށް ޓިކެޓު ނެގޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.

Ad
rt

މޯލްޑިވިއަން އިން މިހާރު ގެންދަނީ ޝެޑިއުލް ކޮށްގެން ކުޅުދުއްފުއްޓަށް ހަފްތާއަކުން ތިން ދަތުރު ކުރަމުންނެވެ. މި ދަތުރުތައް ކުރަމުންދަނީ ކޮންމެ ހަފްތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

ޢީދު ތެރޭގައި ޝެޑިއުލް ދަތުރުތައް ފެށިއިރު، ސޭލްސް އޭޖެންޓުންނާއި ވެބްސައިޓު މެދުވެރިކޮށް ޓިކެޓު ނުނެގޭތީ އެތައް ބަޔަކު ދިޔައީ ޝަކުވާކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހަމައެހެންމެ، އޭރު އެތައް ބަޔަކު ދިޔައީ މޯލްޑިވިއަން އަށްވެސް ފާޑު ކިޔަމުންނެވެ.

ކުޅުދުއްފުށީ އެއަރޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސިތާ އަހަރެއް، މި މަސްތެރޭގައިވާއިރު، މިދިޔަ އަހަރުވެސް ޗާޓާ ކޮށްގެން އެ އެއަރޕޯޓަށް ވަނީ ފްލައިޓުތަކެއް ޖައްސާފައެވެ. އެހެންނަމަވެސް، މި އަހަރުގެ އޯގަސްޓު މަހު ކުޅުދުއްފުށީ އެއަރޕޯޓަށް ދަތުރުތައް ފެށީ ޓާމިނަލް އެއްކޮށް ނިންމުމަށްފަހުއެވެ. އަދިވެސް، އެއަރޕޯޓުގެ ފަޔަރ ސްޓޭޝަނުގެ މަސައްކަތް އެއްކޮށް ނިމިފައިނުވެއެވެ.