އުތުރުގެ އެކިރަށްރަށުން، ކަނޑޫފަލަކަށްފަހު ކަނޑޫފަލެއް މަރުވަމުންދާކަމުގެ ހިތްދަތި ޚަބަރު މިދިޔަ އަހަރުތެރޭގައި ވަނީ އިވިގެން ގޮސްފައެވެ. ވެށި ދެކެ ލޯބިވާ، ވެށީގެ މުހިންމުކަން އިޙްސާސްވާ ކޮންމެ މީހަކަށްމެ އެ ޚަބަރުން ހިތްދަތިކަން ލިބުނެވެ.

މިގޮތުން މިދިޔަ އަހަރުވަނީ އުތުރުގެ ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ ހދ. ވައިކަރަދޫ ކަނޑޫފާ ނެތި ހިނގައިދާނެކަމުގެ ބިރުބޮޑުވެ، ނުރައްކަލުގެ ތެރޭގައިވާކަން ވެސް ހާމަވެފައެވެ. އެކަން ތިލަވެގެން ދިޔައީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެރަށުގެ ޒުވާނެއް ކަމަށްވާ ޙުސައިން ނުވާސް އާއި މުޙައްމަދު ޖިނާސް ސޯޝަލް މީޑިއާއަށް ދޫކޮށްލި ކަނޑޫފަލުގެ ހާލަތު ދައްކުވައިދޭ ފޮޓޯތަކަކުންނެވެ.

Ad
rt

އޭގެ ފަސްވަރަކަށް މަސްދުވަހުގެ ފަހުން އަނެއްކާ ވެސް އެރަށުގެ ޒުވާނެއް ކަމަށްވާ އަޙްމަދު ފާރިޝް މިވަނީ އެ ކަނޑޫފަލުގެ ހާލަތު ދައްކުވައިދޭ ފޮޓޯތަކެއް ''ތިލަދުން'' އަށް ހިއްސާކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެރަށުގެ ކަނޑޫފާ ބާރު މިނެއްގައި ދަނީ މަރުވަމުންނެވެ. އެރަށުގެ ކަނޑޫފަލުން ބޮޑު ޞަރަޙައްދަކުން ގިނަ ޢަދަދެއްގެ ކަނޑޫގަސްތައް މަރުވެފައިވާތަން އެ ފޮޓޯތަކުން ފެނެއެވެ.

ފޮޓޯ: އަޙްމަދު ފާރިޝް / ހދ. ވައިކަރަދޫ

ވައިކަރަދޫގެ ކަނޑޫފާ ބާރުމިނެއްގައި މަރުވަމުންދާތީ ''ތިލަދުން''އިން ކުރި ސުވާލެއްގެ ޖަވާބުގައި އެރަށު ކައުންސިލްގެ ރައީސް އަޙްމަދު ނަސީމް ވިދާޅުވީ އެރަށުގެ ކަނޑޫފާ މަރުވާ ސަބަބު ދެނެގަންނަށް އެ ކައުންސިލާއި، އެރަށުގެ ޒުވާނުންގެ ތެރެއިން ހިލޭސާބަހަށް މަސައްކަތްކުރާ ކުދިންކޮޅަކާއި އަދި ތިމާވެއްޓާއިބެހޭ މިނިސްޓްރީ ގުޅިގެން ދިރާސާއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

''އަޅުގަނޑުމެން ކުރި ދިރާސާ ވަނީ އެންވަޔަރަންމަންޓް މިސްޓްރީއަށް ވެސް ފޮނުވިފައި، އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި އެދިރާސާއިން އެއްކުރެވުނު ސާމްޕަލްތައް މިހާރުވަނީ ރާއްޖެއިން ބޭރަށް ފޮނުވާފައި، އަތި ނަތީޖާ ނުލިބޭ''

ނަސީމް ވިދާޅުވި އެވެ.

ފޮޓޯ: އަޙްމަދު ފާރިޝް / ހދ. ވައިކަރަދޫ

ނަސީމް ވިދާޅުވިގޮތުގައި މިހާރު އެ ސާމްޕަލްތައް އެންވަޔަރަންމަންޓް މިސްޓްރީއަށް ފޮނުވުތާ ދެމަހެއްހާ ދުވަސް ވެދާނެ ކަމަށެވެ.

''އަޅުގަނޑުމެން ކައުންސިލުން އެދެން މިހާލަތުގައި ވެސް އެއްވެސް މީހަކު ކަނޑޫފަލަށް ވަދެ ކަނޑޫގަސްތަކަށް ގެއްލުން ލިބޭފަދަ ކަމެއް ނުކުރަން. އުންމީދަކީ، ކަނޑޫފާ އަލުން އިޔާދަ ކުރެވޭނެ މަގެއް ފެނުން. އަލުން އެހާލަތަށް ދެވެންދެން ކެތްތެރިކަމާއެކު ތިބުމަށް ރައްޔިތުންގެ ކިބައިން އެދެން، މިހާތަނަށް ވެސް ރައްޔިތުންގެ ކިބައިން ވަރަށްބޮޑު އެއްބާރުލުމެއް ލިބުނުކަން ފާހަގަކޮށް ޝުކުރުވެސް ދަންނަވަން''

ނަސީމް ވިދާޅުވިއެވެ.

ފޮޓޯ: އަޙްމަދު ފާރިޝް / ހދ. ވައިކަރަދޫ

ވައިކަރަދޫ ކަނޑޫފާ ހުއްޓުމެއްނެތި މަރުވަމުންދާއިރު، ހއ. ކެލާ އަދި ހދ. ނޭކުރެންދޫ ކަނޑޫފަލަށް ދިމާވެފައިވާ މައްސަލައިގައި ކުރި ފީލްޑް ސާވޭ އިން ލިބުނު ނަތީޖާ މިދިޔަ އަހަރުގެ ޖުލައި މަސްތެރޭގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވަނީ ހާމަކޮށްފައެވެ.

މިގޮތުން އެދެރަށުގެ ކަނޑޫފަލަށް މައްސަލަތަކެއް ދިމާވާން ފެށުމާއިއެކު އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި، ފިޝަރީޒް މިނިސްޓްރީ ގުޅިގެން ކުރި ދިރާސާއިން އެދެ ރަށުގެ ވެސް ކަނޑޫފަލުގައި ތަފާތު ފަނިފަކްސާތަކެއް ހުރިކަމަށާއި މި ފަނިފަކްސާތަކަކީ އެގަސްތަކުގެ ހެދި ބޮޑުވުމަށް ހުރަސްއަޅާ އެއްޗެހިކަމަށް އެ މިސްޓްރީއިން ވަނީ ބުނެފައެވެ. އަދި މި ފަނިތަކަކީ އެގަސްތަކުގެ މޫތަކު ތެރޭގައި ދިރުއުޅޭ އެއްޗެއްކަންވެސް ދިރާސާއިން ދައްކާކަމަށް ހާމަކޮށްފައިވެއެވެ.

https://thiladhun.wonstasite.com/42538

މީގެ އިތުރުން ދެރަށުގެވެސް ކަނޑޫ ފަލުން މަޑިތަކެއްގެ ސާމްޕަލްވެސް ނަގާފައިވާކަމަށާއި އެމަޑިތަކުގައިވެސް ތަފާތު ތަކެއް ހުރިކަމަށްވަނީ ބުނެފައެވެ. އެ މިނިސްޓްރީން ބުނީ ކެލާ އާއި ނޭކުރެންދޫން ފެނުނު މަޑީގައި ކުދި ތަފާތުތަކެއް ހުރި ކަމަށެވެ. އަދި ގަސްތައް ކައިރީގައި ފެންގަނޑުގައި އުޅޭ ފަންޏެއް ދެ ރަށުން ވެސް ފެނިފައިވާ ކަމަށެވެ.

މިފަހުން ކަނޑޫފާ ނެތި ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާކަމަށް ހާމަވި ގިނަ ކަނޑޫފާތައް ހުރި ރަށްތައް ނިސްބަތްވަނީ ރާއްޖޭގެ އުތުރަށެވެ. އެރަށްތަކުގެ ތެރޭގައި ހއ. އުލިގަމު، ހއ. ކެލާ، ހދ. ނޭކުރެންދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ހދ. ކުމުންދޫ، ށ. ފޭދޫ، ށ. ފަރުކޮޅު ހިމެނެއެވެ.

https://thiladhun.wonstasite.com/44867

މީގެ އިތުރުން ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކުރާ ''ސޭވް މޯލްޑިވްސް'' ހަރަކާތުން، އެ ހަރަކާތަށް ކަނޑޫފާތައް މަރުވަމުންދާ ކަމަށް ރިޕޯޓުލިބިފައިވާ ރަށްތަކުގެ ތެރޭގައި އިސްވެ ދެންނެވުނު ރަށްތަކުގެ އިތުރުން ށ. ގޮއިދޫ އަދި ނ. ކެނދިކުޅުދޫ ހިމެނޭ ކަމަށް ހާމަކޮށްފައިވެއެެވެ. މި ލިސްޓަށް އެންމެފަހުން އިތުރުވެފައި ވަނީ ގދ. ހޯނޑެއްދޫ އެވެ.