ތިލަދުންމަތީގެ 9 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމު ކުރުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ކުރިއަށް ގެންދިޔުމަށް ރަސްމިއްޔާތެއްގައެވެ. މީގެ ތެރެއިން ހދ. ހަނިމާދޫ ފިޔަވައި ތިލަދުންމަތީގެ އަނެއް އަށް ރަށުގެ ކައުންސިލުން ސޮއިކުރީ އޮންލައޮންކޮށް ކުރިއަށް ގެންދިޔަ އެ ރަސްމިއްޔާތުގެ ތެރެއިން އެރަށެއްގެ ކައުންސިލް އިދާރާގައި ތިބެގެންނެވެ.

Ad
rt

ހަނިމާދޫ ކައުންސިލުން ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެންވަޔަރަންމަންޓް މިނިސްޓްރީއަށް ހާޟިރުވެފައެެވެ. އެކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަބުދުއް ސަލާމް ޢަލީއެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރީ މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަނެވެ.

ކުނި މެނޭޖުކުރާ މަރުކަޒު ގާއިމު ކުރުމަށް ތިލަދުންމަތިން މިއަދު ސޮއިކުރި 9 ރަށް

  • ހއ. އިހަވަންދޫ
  • ހއ. ދިއްދޫ
  • ހއ. ވަށަފަރު
  • ހއ. އުތީމު
  • ހދ. ނައިވާދޫ
  • ހދ. ހަނިމާދޫ
  • ހދ. ނޮޅިވަރަންފަރު
  • ހދ. ނެއްލައިދޫ
  • ށ. ނަރުދޫ
އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގެ ތެރެއިން

އެރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު، ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއްސަލާމް ޢަލީ "ތިލަދުން"އަށް ވިދާޅުވީ، ހަނިމާދޫގެ ގޭބިސީތަކާއި މުއައްސަސާތައް އަދި ގެސްޓްހައުސްތަކުގައި އުފެދޭ ކުނި އުކާލައި ނައްތާލުމުގެ މަސައްކަތް އެ ކައުންސިލުން މިހާރުވެސް ކުރަމުން އަންނަތާ ފަސްވަރަކަށް އަހަރު ވެފައިވާއިރު، މި އަދު ސޮއިކުރެވުނު ސެންޓަރު ގާއިމު ކުރުމުން ހަނިމާދޫ ކައުންސިލުން މިހާރު ކުރަމުން އަންނަ އެ މަސައްކަތަށް ބޮޑު ފަސޭހައަކާއި، އިތުރު ކުރިއެރުން ލިބިގެން ދާނެ ކަމަށެވެ.

"ކައުންސިލުން މުވައްޒަފުން ނަގައިގެން، އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދައިގެން ކުނިއުކާލުމުގެ ޚިދުމަތް ރަށުގައި ދޭތާ މިހާރު ފަސްވަރަކަށް އަހަރުވީ، މިއަދު މި ސޮއިކުރެވުނު ސެންޓަރު ގާއިމު ކުރެވިގެން ދިޔުމުން މި މަސައްކަތަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ"

ސަލާމް ވިދާޅުވިއެވެ.

ސަލާމް ވިދާޅުވީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި އެ ސެންޓަރު ގާއިމުކޮށް އެތަނަށް ބޭނުންވާ މެޝިނަރީ ފޯރުކޮށް ދިނުމަށް ހަމަޖެހިފައި ވަނީ ދެ ވަނަ ފިޔަވަހީގައި ކަމަށެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ 2021 ވަނަ އަހަރުގެ ބަޖެޓްގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ)ގެ ދަށުން ހިންގާ މި މަޝްރޫޢުގެ ދަށުން ތިލަދުންމަތީގެ ނުވަ ރަށެއްގެ އިތުރުން ގދ. ތިނަދޫގައި ވެސް ކުނި މެނޭޖުކުރާ މަރުކަޒެއް ގާއިމު ކުރަން މިއަދު ވަނީ ސޮއިކޮށްފަ އެވެ.

މި މަސައްކަތުގެ ޓެންޑެރިން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ، ކައުންސިލްތަކުގެ ފަރާތުން ކަމަށް މަޢުލޫމާތު ލިބިފަ ވެއެވެ.