މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ސަރަޙައްދުގައި ކެރޭން ބޭނުން ކޮށްގެން ކާޕެޓް ރޯލުތަކެއް ދޯންޏަކަށް އެރުވުމުގެ މަސައްކަތުގެ ތެރެއިން ކާޕެޓްރޯލެއް ބޮލަށް ވެއްޓި އަނިޔާވި، ހދ. ނޮޅިވަރަމް، ނައިޓްޑްރީމް އިމްރާން އަލީ 28، އިތުރު ފަރުވާއަށް އިނޑިއާއަށް ގެންގޮސްފިއެވެ.
މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި މި ހާދިސާއަށް ފަހު އިމްރާނަށް ފަރުވާދެމުން އައިސްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އައިސީޔޫގައެވެ. އިއްޔެގެ ވަގުތެއްގައި އިމްރާން އިންޑިއާއަށް ގެންގޮސްފައިވާއިރު އިމްރާނަށް މިހާރު ފަރުވާދެމުން އަންނަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައެވެ.
އިމްރާން އިންޑިއާއަށް ގެންދިއުމުގެ ކުރިން ފާއިތުވެދިޔަ ދުވަސްތަކުގައި އައިޖީއެމްއެޗުން ވެސް ވަނީ ގިނަ އޮޕަރޭޝަންތަކެއް ކޮށްފައެވެ. ނަމަވެސް އިމްރާން އިންޑިޔާއަށް ގެންދިޔަ އިރު ވެސް ހާލު ސީރިއަސްއެވެ.
އިމްރާނަކީ މިނާ އިންވެސްޓްމެންޓް ކްލިއަރެންސް ގްރޫޕުގައި މަސައްކަތްކުރަމުން ދިޔަ ފަރާތެކެވެ. މި ހާދިސާއާއި ގުޅިގެން އެމްޕީއެލްގެ އެކްސިޑެންޓް އެންޑް އިންވެސްޓިގޭޝަން ކޮމިޓީން އެ މައްސަލަ ބަލައި ނިމެންދެން މިނާ އިންވެސްޓްމަންޓާއި އެ މަސައްކަތުގައި ބައިވެރިވި އެމްޕީއެލްގެ މުވައްޒަފުން ވަނީ ސަސްޕެންޑް ކޮށްފައެވެ.
އިމްރާނަށް ލިބުނު އަނިޔާއާއި ގުޅިގެން އޭނާއަށް އެހީތެރިވެ ދިނުމުގެ ގޮތުން އޭނާގެ އުފަން ރަށް ކަމުގައިވާ ނޮޅިވަރަމުގެ ޒުވާނުން އިސްނަގައިގެން ބޭސްފަރުވާއަށް އެހީތެރިވުމަށް ފައިސާ ހޯދުމަށް ވަނީ މި މަހުގެ 13 ވަނަ ދުވަހު ހަރަކާތެއް ވެސް ހިންގާފައެވެ. އެ ރަށުގެ އިތުރުން މާލޭގައި ވެސް ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުން ވަނީ 193،121 ދިވެހި ރުފިޔާއާއި، 2360 ޔޫއެސް ޑޮލަރު ހޯދާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!