އިނގިރޭސި ޕްރިމިއަ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ސިޓީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ފަސޭހަކަމާއި އެކު ސިޓީން ކާމިޔާބު ކޮށްފިއެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

ސިޓީގެ ފަރާތުން މުޅި މެޗުގައި ވޮސް މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުންވަނީ މި މެޗުގައި 61 އިންސައްތަ ބޯލް ޕޮޒިޝަން ހިފަހައްޓައި ޖުމްލަ ހަ ހަމަލާއެއް ޓޮޓެންހަމްގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. ސިޓީން އަންނަނީ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން އެ ޓީމުންވަނީ ލީގުގައި އެންމެ ފަހުން އެ ޓީމް ކުޅުނު އެގާރަ މެޗުވެސް ކާމިޔާބު ކޮށްފައެވެ.

Ad
rt

ލީގުގެ ފުރަތަމަ ކޮޅުގައި ޓޮޓެންހަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް، ލީގުގައި މިހާރު އެ ޓީމުން ނެރެމުންދަނީ ތަށް ނަތީޖާތަކެކެވެ. މިގޮތުން އެ ޓީމުން ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ކާމިޔާބު ކުރެވިފައިވަނީ އެންމެ މެޗެކެވެ. އަދި އެ ޓީމްވަނީ އެވަޓަންއަތުން ބަލިވެ ފާއިތުވި ހަފްތާގެ ތެރޭގައި އެފްއޭކަޕުން ވެސް ކަޓާފައެވެ.

މި މެޗުގައި ސިޓީން ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައިވަނީ ޕެނަލްޓީއަކުންނެވެ. ޓޮޓެންހަމްގެ އޭރިއާގެ ތެރެއިން ސިޓީގެ މިޑްފީލްޑަރ ގުންޑަގަންއަށް، ޓޮޓެންހަމްގެ މިޑްފީލްޑަރ ހޮއިބާގް ކުރި ފައުލަކާއި ގުޅިގެން ރެފްރީދިން ޕެންލްޓީ ސިޓީއަށް ކާމިޔާބު ކޮށްދީފައިވަނީ ރޮޑްރިއެވެ. މި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައެވެ. މި ލަނޑާއިއެކު ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ އެއް ލަނޑުން ސިޓީ ކުރީގައި އޮވެގެންނެވެ.

ސިޓީން މެޗުގެ ދެވަނަ ހާފުގައި އިތުރު ދެ ލަނޑު ކާމިޔާބުކުރި އިރު މި ދެލަނޑު ވެސް ކާމިޔާބު ކޮށްދީފައިވަނީ މި ސީޒަންގައި މޮޅު ކުޅުމއް ދައްކަމުން އަންނަ ގުންޑަގަންއެވެ. 50 ވަނަ މިނެޓުގައި ސިޓީއަށް ދެވަނަ ލަނޑު ގުންޑަގަން ކާމިޔާބު ކޮށްދީފައިވާއިރު ތިންވަނަ ލަނޑު އޭނާ ކާމިޔާބު ކޮށްދީފައިވަނީ 66 ވަނަ މިނެޓުގައެވެ.

މި މޮޅާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެއް މެޗު މަދުންކުޅެ ސިޓީއަށް ވަނީ ހަތް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް ލިބިފައިވަނީ 23 މެޗުން 53 ޕޮއިންޓެވެ. ދެވަނާގައި މިވަގުތު އޮތީ ލެސްޓަ ސިޓީއެވެ. އެ ޓީމަށް 24 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ. މެޗުން ބަލިވި ޓޮޓެންހަމްއަށް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 9 ވަނާގައެވެ. އެ ޓީމަށް 23 މެޗުން ލިބިފައިވަނީ 36 ޕޮއިންތެވެ.