ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގައި މާދަމާ ސްކޭންގެ ޚިދުމަތް ފަށަން ތައްޔާރު ވެއްޖެއެވެ.

އެ ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ''ތިލަދުން''އަށް ވިދާޅުވީ، އެ ހޮސްޕިޓަލަށް އަލަށް ގުޅުނު ސްކޭން ޑަކްޓަރު ކަރަންޓީނު ފުރިހަމަ ކުރެއްވުމަށްފަހު މާދަމާ މަސައްކަތައް ނުކުންނަވާނެ ކަމަށެވެ. އަދި މިއީ އެ ހޮސްޕިޓަލްގައި މުޅިން އަލަށް ފެށޭ ޚިދުމަތެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

Ad
rt

އެ ޚިދުމަތް ފެށިގެންދާއިރު ފުރަތަމަ ދޫކުރަން ހަމަޖެހިފައި ވަނީ ދުވާލަކަށް ފަނަރަ ނަންބަރު ކަމަށް ވެސް އަޝްރަފް ވިދާޅުވިއެވެ. އަދި ހަފުތާއަކު ފަސް ދުވަހު އެ ޚިދުމަތް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

''އިރާދަ ކުރެއްވިއްޔާ މި ހޮސްޕިޓަލްގައި މާދަމާ ސްކޭންގެ ޚިދުމަތް ފެށޭނެ. މި ޚިދުމަތާއެކު މި ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުންނަށް އިތުރު ލުއިފަސޭހަކަން ލިބިގެންދާނެ، ޚާއްޞަކޮށް މާބަނޑު މީހުން ސްކޭން ކުރުމުގައި މިހާރު އުފުލަމުންދާ ތަކުލީފަށް ނިމުމެއް އަންނާނެ، މާބަނޑު މީހުން މާބަނޑު ދުވަސްވަރު ގިނަ ސްކޭންތަކެއް ކުރަންޖެހޭއިރު މިހާރު މިދާން ޖެހެނީ މާލެއަށް ނޫނީ ދުރު އެހެން ރަށަކަށް، އެހެންކަމުން މި ހޮސްޕިޓަލުން ޚިދުމަތްހޯދާ އެފަދަ މީހުންނަށް ވެސް މިއީ ލިބޭނެ ވަރަށް ބޮޑު ލުޔެއް''

އަޝްރަފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މާދަމާ އެ ހޮސްޕިޓަލްގައި ޚިދުމަތް ފަށްޓަވާ، ސްކޭން ޑަކްޓަރު ކުރިއަށް އޮތްތަނުގައި އަތޮޅުގެ އެހެން ރަށްތަކަށް ވެސް ދަތުރުކޮށް، އެރަށްތަކުގެ ރައްޔިތުންނަށް އެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.

މީގެއިތުރުން އެ ހޮސްޕިޓަލްގައި މެދުކެނޑިފައިވާ އޮޕަރޭޝަން ޑަކްޓަރުގެ ޚިދުމަތްވެސް މާދަމާއިން ފެށިގެން ލިބެން ފަށާނެ އަޝްރަފް ވިދާޅުވި އެވެ.

ސްކޭން ޑަކްޓަރަށް ދެއްްކުމަށް އެޕޮއިންޓްމަންޓް ހެދުމުގެ ކަންތައް ހަމަޖެހިފައި ވަނީ މިހާރު ވެސް އެ ހޮސްޕިޓަލުން އެޕޮއިމަންޓް ދޫކުރާ އާއްމު އުސޫލުންނެވެ.

ހއ. އަތޮޅު ހޮސްޕިތަލުން އަންނަނީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރުކޮށް، އިތުރު ވަސީލަތްތައް ގާއިމު ކުރަމުންނެވެ. އަދި އެ ހޮސްޕިޓަލަކީ ޚިދުމަތް ދިނުމުގައި ހއ. އަތޮޅާއި ހދ. އަތޮޅުގެ އުތުރުބިތުގެ ރަށްތަކުގެ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ހޮސްޕިޓަލެކެވެ.