އޮސްޓްރޭލިއާގެ 85 މީޓަރުގެ ޔޮޓު، “ބޯލްޑް” ރާއްޖެއަށް އައިސްފިއެވެ.
ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ޔޮޓު ރާއްޖޭގައި ފިނި މޫސުން ނިމެން ދެން އޮންނާނެއެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ޔޮޓުތައް ހަދާ “ސިލްވާ ޔޮޓު” ކުންފުނިން ފަރުމާކޮށްފައިވާ ޔޮޓެކެވެ.
މި ޔޮޓުގައި ހެލިކަޕްޓަރ ޖެއްސުމަށް ދެ ހެލިޕެޑް ހުންނައިރު ގިނަ އަދަދެއްގެ ވޯޓާ ސްޕޯޓު ހަރަކާތްތައްވެސް ކުރިއަށްގެންދެވޭނެއެވެ. މި ޔޮޓަކީ ފަސް ތަރީގެ ހިދުމަތްލިބޭ ލަގްޒަރީ ޔޮޓެކެވެ.
މީގެ އިތުރުން މި ޔޮޓުގައި ޖަކޫޒީއަކާއި ރަހުމަތްތެރިންނާއި އާއިލާއާއެކު ވަގުތު ހޭދަކޮށްލަން ހާއްސަ ސަރަހައްދެއްވެސް ހުރެއެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން ގިނަ އަދަދެއްގެ ޔޮޓުތައް އަންނަނީ ރާއްޖެއަަށް ދަތުރުކުރަމުންނެވެ. މީގެތެރޭގައި ދުނިޔޭގެ އެންމެ ބޮޑު ޔޮޓުތައްވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!