ށ. މިލަންދޫގައި ދިރިއުޅޭ އުމުރުން އައްޑިހަ އަހަރުން މަތީ މީހުން ތެރެއިން ކޯވިޑް19 ވެކްސިން ޖަހުމަށް ބޭނުންވާ މީހުން ނަން ނޯޓު ކުރަން ހުޅުވާލައިފިއެވެ.
މިލަންދޫ ސިއްހީ މަރުޒުގެ ޕަބްލިކް ހެލްތު ޔުނިޓުން މިރޭ އާންމުކުރި ދެންނެވުމެއްގައި ބުނީ އެރަށުގައި ދިރިއުޅޭ އުމުރުން 80 އަހަރުން މަތީ މީހުންގެ ތެރެއިން ކޯވިޑް ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް ނަން ނޯޓު ކުރަން ހުޅުވާލާ ކަމަށެވެ.
މިގޮތުން އެ ވެކްސިން ޖަހަން ނަން ނޯޓުކުރަން އެދޭ މީހުން މާދަމާގެ މެންދުރު 14:00ގެ ކުރިން ނަން ނޯޓު ކުރަން އެ މަރުކަޒުން ވަނީ އެދިފަ އެވެ.
ނަން ނޯޓު ކުރަން ގުޅާނީ އެ މަރުކަޒުގެ 6540519 ނަންބަރު ފޯނާއި ކަމަށް ވެސް އެ މަރުކަޒުން ބުނެއެވެ. އަދި ނަން ނޯޓު ކުރާއިރު ވެކްސިން ޖަހަން އެދޭ މީހެއްގެ ނަން، އެޑްރެސް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު، އުފަން ތާރީޚް އަދި ގުޅޭނެ ނަންބަރެއް ދިނުމަށް އެ މަރުކަޒުން ވަނީ އެދިފައެވެ.
މިލަންދޫގެ 80 އަހަރުން މަތީ މީހުން ކޯވިޑް ވެކްސިން ޖަހަން ހުޅުވާލިއިރު، ރާއްޖޭގެ ބައެއް ރަށްތަކުގައި މިހާރު ވެސް ހައިރިސްކް މީހުންނަށް އަންނަނީ އެ ވެކްސިން ޖަހަމުންނެވެ. އަދި ގިނަ ރައްތަކެއްގައި އަންނަނީ އެފަދަ މީހުންނަށް އެ ވެކްސިން ދިނުމަށް ތައްޔާރު ވަމުންނެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމު ކުރެއްވި މައުލޫމާތަށް ބަލާއިރު މިއަދުގެ ނިޔަލަށް ރާއްޖެއިން 20،162 މީހުން ވަނީ ކޯވިޑް ވެކްސިން ޖަހާފަ އެވެ. އޭގެތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ އޭރިއާއިން ވެކްސިން ޖެހި 16،703 މީހުންނާއި، އަތޮޅު ތަކުން 3،458 މީހުންނެވެ.
ރާއްޖެގައި ޖަހަމުން ދަނީ އިންޑިއާ ސަރުކާރުން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. ރާއްޖޭގައި މި ވެކްސިން ޖަހަން ފެށީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!