ހއ. ކެލާގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ބިން ދޫކުރާއިރު އެރަށުގެ ރައްޔިތުންނަށް އެ ބިންތައް ކާމިޔާބު ކުރެވޭނެ ގޮތަށް ބިންތައް ދޫކުރުމުގެ މަރުހަލާގެ ކަންކަން ބައްޓަންކޮށްދިނުމަށް ހއ. އަތޮޅު ކައުންސިލްގައި ކެލާ ދާއިރާ ތަމްސީލް ކުރަށްވާ، ހއ. އަތޮޅު ކައުންސިލް ޕީޕީއެމް މެންބަރު ޢަބުދުﷲ އިންފާޒް ރަޝީދު އެދި ވަޑައިގެންފިއެވެ.
އޭނާ މިގޮތަށް އެދި ވަޑައިގަތީ އިއްޔެ ކެލާ ކައުންސިލަށް ފޮނުވި ސިޓީއެއްގަ އެވެ. އެސިޓީގައި އޭނާ ވަނީ 2014 ވަނަ އަހަރުން ފެށިގެން އޭނާއާއި، ކެލާ ކައުންސިލްގެ މިހާރުގެ ރައީސް އާދަމް ފުރްޣާންއާއި، ކެލާ ކައުންސިލްގެ ދެވަނަ ދައުރުގެ އެންމެހައި ކައުންސިލް މެންބަރުންނާއި އަދި އިދާރީ މުއައްޒަފުން ގުޅިގެން ފެށި މަސައްކަތުން ކެލާއިން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ބިން ދޫކުރުމުގެ މަސައްކަތުގެ އެންމެފަހު މަރުހަލާއާ ހަމައަށް ވާސިލް ވެވިފައިވާތީ އެކަމަށް ޓަކައި މަރުޙަބާ ކިޔާފަ އެވެ.
އެ ސިޓީގައި އޭނާ ވަނީ ކެލާއިން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތެރެއިން ކަނޑައެޅޭ ވަކި އިންސައްތައެއް ކެލާ ރައްވެހިންނަށް ޚާއްޞަ ކުރަން ފެންނަ ކަމަށް ބުނެފައެވެ. އަދި އެ އިންސައްތަ އަކީ ދޫކުރެވޭ ބިމުގެ ފަންސާސް އިންސައްތަ ކަމަށް ހަދަން ފެންނަ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ބިން ކުޔަށްދޫކުރުމަށް ހުށައެޅޭ ޕްރޮޕޯސަލްއަށް މާރކްސް ދޭއިރު، ކެލާގެ ރައްޔިތަކަށް ވުން ނުވަތަ ކެލާ ރައްޔިތަކާ ޖޮއިންޓް ޕާރްޓްނާސިޕެއް ހަދާފައިވާ ފަރާތަކަކުން މާރކްސްލިބޭ ޚާއްޞަ ޕޮއިންޓެއްގޮތުގައި ހިމެނުން ވެސް އޭނާ ވަނީ އެދިފައެވެ. އެކަމުގެ ސަބަބުން އެރަށުގެ ވިޔަފާރިތައް ކުރިއަރައި، ރަށަށަށް ފާހަގަތިކަން ގެނުވާނެ ކަމަށް އޭނާ ވަނީ އެ ސިޓީގައި ފާހަގަ ކޮށްފައެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކެލާ ރަށުކައުންސިލް ރައީސް ކަމަށް އިދިކޮޅު ޕީޕީއެމް ޓިކެޓްގައި ވެސް ވާދަކުރަށްވާ އިންފާޒް މިގޮތަށް އެދިފައިވާއިރު، ކެލާގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން 12 ބިމެއް އަދި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގަން 2 ބިމެއް، ބީލަމަށް ހުޅުވާލާނަން ނިންމާފައިވާ ކަމަށް އެރަށު ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
ކެލާ ކައުންސިލާއި، ކެލާ ތަމްސީލް ކުރަށްވާ މަޖިލިސް މެންބަރު އިބްރާޙީމް ޝަރީފާއި ގުޅިގެން އެރަށުގައި ފަތުރުވެރިކަން ތަރައްގީކޮށް، އެ މަސައްކަތަށް ބިންތައް ހުޅުވާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އެ ބިންތައް މިހާރުވަނީ ބީލަމަށް ހުޅުވާލުމުގެ އެންމެ ފަހު މަރުހަލާގައި ކަމަށް ކެލާ ކައުންސިލުން ވަނީ މައުލޫމާތު ދެއްވާފަ އެވެ.
އެރަށުން ގެސްޓްހައުސް ތަރައްގީކުރަން ހުޅުވާލާ ބިމެއްގެ ބޮޑު މިނަކީ، ބިމެއް 5 ހާސް އަކަފޫޓެވެ. އަދި ސިޓީ ހޮޓާ ތަރައްގީ ކުރަން ހުޅުވާލާ ބިމެއްގެ ބޮޑު މިނަކީ، ބިމެއް 10 ހާސް އަކަފޫޓެވެ.
ކައުންސިލްގެ ރައީސް އާދަމް ޣުފްރާން ''ތިލަދުން''އަށް ކުރިން ވިދާޅުވެފައި ވަނީ ކެލާ ކައުންސިލްގެ އަމާޒަކީ ކުރިއަށްއޮތް ދެ އަހަރެއްހާ ދުވަސްތެރޭގައި އެރަށުގައި ފަތުރުވެރިކަމުގެ 400 އެނދު ތަރައްގީ ކުރެވޭގޮތަށް ކަންކަން ފަހިކޮށް ދިނުން ކަމަށެވެ. އެކަމުގެ ސަބަބުން ކެލާ ރައްޔިތުންނަށް ތިޔާގިކަންލިބި، އުފާވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށް ދިނުމަކީ އެ ކައުންސިލްގެ އެންމެ ބޮޑު ވިސްނުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އެރަށުގައި ފަތުރުވެރިކަން ތަރައްގީ ކުރުމުގެ ކަންކަން ރޭވިގެން ދާނީ އެރަށަށް އެންމެ ނަފާބޮޑު، ރައްޔިތުންނަށް ހާއުފާވެރިކަން ލިބިދޭނެ މަގަކުންނެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީއިން ވަނީ އެރަށު ތުނޑީ ސަރަހައްދުން 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ހުޅުވާލާފަ އެވެ. އެ ހޮޓާ ތަރައްގީ ކުރަން ތިން ފަރާތަކުން ކުރިމަތިލިއިރު، އެ މަޝްރޫޢު ހަވާލުކުރާނެ ފަރާތެއް ވެސް މިހާރު ވަނީ ކަނޑައަޅާފައި ކަމަށް މައުލޫމާތު ލިބެއެވެ.
މީގެ އިތުރުން ކެލާ ކައުންސިލުން ވަނީ އެ ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް އެރަށުގައި މެޑިކަލް ފެސިލިޓީއެއް ގާއިމްކޮށް ހިންގައި ދޭނެ ފަރާތެއް ހޯދަން ވެސް ޢިއުލާން ކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!