އިޓާލިއަން ސީރިއާ އޭގައި ޔުވެންޓަސް އާއި ރޯމާ ބައްދަލު ކުރިމެޗު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޔުވެންޓަސް ޖެހިލައިފިއެވެ.
އާދީއްތަ ދުވަހުގެ ރޭ ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޔުވެންޓަސްއިން މެޗުގެ 13 ވަނަ މިނެޓުގައި ވަނީ ލަނޑުޖަހާފައެވެ. މި ލަނޑު މޮރާޓާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ މި މަހު ފަސްވަނަ ދުވަހު 36 އަހަރު ފުރުނު ރޮނާލްޑޯ ލީގުގައި ކުޅުން 17 މެޗުން ކާމިޔާބު ކުރި 16 ވަނަ ލަނޑެވެ. އަދި މި ސީޒަންގައި ޔުވެންޓަސްއަށް ކާމިޔާބު ކޮށްދިން 23 ވަނަ ލަނޑެވެ. މި ލަނޑަށް ފަހު ވެސް ރޮނާލްޑޯވަނީ ފުރަތަމަ ހާފުގައި ރޯމާގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވައިލާފައެވެ. އެއް ހަމަލާ ކީޕަރު ދިފާއު ކުރިއިރު އަނެއް ހަމަލާ އަމާޒުވެފައި ވަނީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ޔުވެންޓަސްގެ ޑިފެންސް ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ރޯމާއަށް ލަނޑުޖަހާނެ ފުރުޞަތެއްނުދީ ވަނީ ހިފަހައްޓާފައެވެ. މެޗުގައި ޔުވެންޓަސްއިން ކާމިޔާބުކުރި ދެވަނަ ލަނޑަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ކުލުސެވެސްކީ ރޯމާގެ ގޯލުގެ ކުރިމައްޗަށް ހުރަސްކުރި ބޯޅަ ކުލިއާ ކޮށްލަން އުޅުމުގެ ތެރޭގައި ރޯމާގެ ޑިފެންޑަރ ރޮޖާ އިބެނޭޒްއަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
މި މެޗުން ލިބުނު ތިން ޕޮއިނޓާއިއެކު، ޔުވެންޓަސްއިން ލީގުގައި ކުޅުނު 20 މެޗުން ލިބުނު 42 ޕޮއިންޓާއިއެކު މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ އިންޓަ މިލާނެވެ. އެ ޓީމް އެއްވަނާގައި އޮތީ 21 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޭސީ މިލާން އޮތީ 20 މެޗުން 46 ޕޮއިންޓް ހޯދައިގެނެނެވެ. މި މެޗަށް ނުކުތްއިރު ރޯމާ އޮތީ ތާވަލުގެ ތިންވަނާގައެވެ. ނަމަވެސް މި މެޗުން ބަލިވުމާއި ގުޅިގެން އެ ޓީމް ވަނީ ހަތަރު ވަނައަށް ވެއްޓިފައެވެ. އެ ޓީމަށް ލިބިފައިވަނީ 21 މެޗުން 40 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!