ހއ. އަތޮޅު ހޮސްޕިޓަލަށް، އިތުރު ޕޯޓެބަލް ޑިޖިޓަލް އެކްސްރޭ މެޝިނަކާއި، ޕޯޓެބަލް ޑިޖިޓަލް ސްކޭން މެޝިނެއް ފޮނުވައިފި އެވެ.

ސަރުކާރުން ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލަށް މި ފޮނުވި ޕޯޓެބަލް ޑިޖިޓަލް އެކްސްރޭ މެޝިނާއި، ޕޯޓެބަލް ޑިޖިޓަލް ސްކޭން މެޝިނަކީ ކޯވިޑާއި ގުޅިގެން ޖަޕާން ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ސިއްހީ ސާމާނުތަކުގެ ތެރޭން، އެ ހޮސްޕިޓަލަށް ލިބުނު ދެ މެޝިން ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

Ad
rt

މީގެ ތެރެއިން ޕޯޓެބަލް ޑިޖިޓަލް އެކްސްރޭ މެޝިން އެ ހޮސްޕިޓަލަށް ލިބުނީ އިއްޔެ އެވެ. އަދި ޕޯޓެބަލް ޑިޖިޓަލް ސްކޭން މެޝިން ލިބުނީ މި މަހުގެ 3 ވަނަ ދުވަހުއެވެ.

ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ''ތިލަދުން''އަށް ވިދާޅުވީ، އިތުރު ސްކޭން މެޝިނެއް ލިބިގެން ގޮސްފައި މިވަނީ، އިތުރު ސްކޭން މެޝިނަކަށް އެ ހޮސްޕިޓަލުން ބޭނުން ޖެހިފައި ވަނިކޮށް ކަމަށެވެ.

''މި ހޮސްޕިޓަލަށް މިހާރު ވަނީ ދާއިމީ ސްކޭން ޑޮކްޓަރެއް ވެސް ހަމަޖެހިފައި، އެހެންވީމައި އިތުރު ސްކޭން މެޝިނެއް މި ތަނަށް ބޭނުން ވެފައި ވަނީ ވެސް، އުންމީދު ކުރަނީ މި މެޝިންތައް މެދުވެރިކޮށް ރައްޔިތުންނަށް ކުރިއަށްވުރެ ރަނގަޅު، ފަސޭހަ ޚިދުމަތެއް ލިބިގެން ދިޔުން''

އަޝްރަފް ވިދާޅުވިއެވެ.

ހުސްވި ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ވެސް ސަރުކާރުން ވަނީ އެ ހޮސްޕިޓަލަށް ޕޯޓެބަލް އެކްސްރޭ މެޝިނެއް ފޮނުވާފަ އެވެ.

ހއ. އަތޮޅު ހޮސްޕިޓަލްގެ ކަށީގެ ޑަކްޓަރަށް ދެއްކުމަށާއި، އަންހެނުންގެ ޑަކްޓަރަށް ދެއްކުމަށް ހއ. އަތޮޅުގެ ރަށްތައް ފިޔަވައި ހދ. އަތޮޅުގެ އުތުރު ބިތުގެ ރަށްތަކުން ވެސް ގިނަ ބަޔަކު ދާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.