ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ 6 ކުންފުންޏަކަށް 55.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެ ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ، ކޯވިޑްގެ ސަބަބުން، ޤައުމުގެ ފަތުރުވެރިކަމާއި އިޤްތިޞާދީ ޙަރަކާތްތައް ހުއްޓިގެން ދިޔައިރުވެސް، ވިންދު ޖަހަޖަހައި އޮތީ ދިވެހި މަސްވެރިކަމުގައި ކަމަށެވެ.

Ad
rt

ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށްޓަކައި، މިދިޔަ އަހަރުވެސް، ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެކަން ފާހަގަ ކުރަށްވާ އެމަނިކުފާނު ވިދާޅުވީ، މަސް ގަންނަ ކުންފުނިތަކަށް ދީފައި އޮތް ''އެކްސްކްލޫސިވިޓީ'' މިދިޔަ އަހަރު އުވާލައި، މަސް ގަތުމުގެ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ފުރުޞަތު، މިހާރުވާނީ ޢާންމުކޮށް ހުޅުވާލާފައި ކަމަށެވެ.

''މަސްވެރިކަމުގެ ބޭނުންތަކަށް އިމްޕޯޓްކުރާ، ބައެއް ތަކެތިން ނަގަމުން އައި އިމްޕޯރޓް ޑިއުޓީވެސް މިދިޔަ އަހަރު ވާނީ ކަނޑާލާފައި. މީގެ އިތުރުން ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ 6 ކުންފުންޏަކަށް 55.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެ.''

ރައީސް ވިދާޅުވިއެވެ.

''މިފްކޯއަށް މިދިޔަ އަހަރު، 49 ހާސް މެޓްރިކް ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 879 މިލިއަން ރުފިޔާ ވާނީ ދީފައި. މިއީ މިދިޔަ 14 އަހަރުގެ ތެރޭގައި މިފްކޯއަށް އެންމެ ގިނައިން މަސް ގަތް އަހަރު. ފެލިވަރާއި ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަށް 8200 މެޓްރިކް ޓަނު، އިތުރުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ. މިމަސައްކަތް ނިމުމުން މިފްކޯއަށް މަސް ގަނެވޭ މިންވަރު ދުވާލަކަށް 61 އިން ސައްތަ އިތުރުވާނެ.''

ރައީސް އިތުރަށް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ގދ. ތިނަދޫގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށެވެ.