ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެމުން އަންނަ ބައެއް ހިދުމަތްތަކަށް އަންނަ ހަފުތާއިން ފެށިގެން ބަދަލުތައް ގެންނާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
އެ ބޭންކުން ބަދަލު ގެނައި ހިދުމަތްތަކުގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތާއި ޕޭރޯލްގެ ހިދުމަތާއި ޗެކް ޕްރޮސެސް ކުރުމާއި ލޯކަލް ބޭންކު ޓްރާންސްފާގެ ހިދުމަތް ދިނުން ހިމެނެއެވެ. އެ ބޭންކުން މިބަދަލުތައް ގެނައީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) މިއަދުން ފެށީގެން އަޅާ ފިޔަވަޅުތަކާ ގުޅިގެންނެވެ.
އާ ބަދަލުތަކާއެކު ރާއްޖޭން ބޭރަށް ފައިސާ ފޮނުވަން އެ ދުވަހެއްގެ ހެނދުނު 11:00ގެ ކުރިން ފޮނުވާ ޓީޓީ ނުވަތަ ލެޓާ އޮފް ކްރެޑިޓް އެ ދުވަހު ޕްރޮސެސް ކުރާނެއެވެ.އަދި އޭގެ ފަހުން ފޮނުވާ ތަކެތި ޕްރޮސެސް ކުރާނީ ޖެހިގެން އަންނަ ދުވަހުއެވެ. އެހެން ބޭންކުތައް މެދުވެރިކޮށް ޗެކު ޕްރޮސެސް ކުރުންވެސް ކުރިއަށްދާނީ މި ނިންމުމާއެއްގޮތަށެވެ. ނަމަވެސް ބީއެމްއެލް ޗެކު ޕްރޮސެސް ކުރުމާއި ލޯކަލް ބޭންކު ޓްރާންސްފާ އަދި ޕޭރޯލް ހިދުމަތަށް މެންދުރު 12:00ގެ ކުރިން އެދޭނަމަ އެދުވަހު ޕްރޮސެސް ކުރާނެއެވެ.
ބީއެމްއެލުން ވަނީ އެޗްޕީއެގެ އެންގުމާ އެއްގޮތަށް އެ ބޭންކުގެ ބައެއް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭ އިންތިޒާމު ހަމަޖައްސައިފައެވެ. މީގެ ސަބަބުން ބައެއް ހިދުމަތްތައް ލަސްވިނަމަވެސް ހުރިހާ ހިދުމަތެއް ބަރާބަރަށް ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ.
މާލެ ސަރަހައްދުގައި ހުންނަ ބީއެމްއެލްގެ ސާވިސް ސެންޓަރުތަކުންނާއި ބްރާންޗުތަކުން އަންނަ ހަފުތާއިން ފެށިގެން ހިދުމަތްދޭނީ ޓޯކަންއަށެވެ. އެގޮތުން، ބޭންކުން ހިދުމަތްދޭ ދުވަސްތަކުގެ ހެނދުނު 8:00ން 11:00އާ ދެމެދު ކިއުބީ އެޕް މެދުވެރިކޮށް ޓޯކެން ނެގޭނެކަމަށް ބީއެމްލުން ބުންޏެވެ.
މީގެ އިތުރުން އެކައުންޓް އޯޕަނިން ސެންޓަރުތަކާއި ލޯނު އަދި ބިޒްނަސް ސެންޓަރުތަކުން ހިދުމަތް ހޯދުމަށް ބޭންކުގެ އެޕޮއިންޓްމަންޓު ޕޯޓަލުން އެޕޮއިންޓްމަންޓު ހެއްދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!