އިނގިރޭސި ޕްރިމިއަ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ސައުޓެމްޓަންގެ ކޮޅަށް ނުވަ ލަނޑު ޖަހައިފިއެވެ.
އަންގާރަ ދުވަހުގެ ރޭ މެންޗެސްޓާގެ އޯލްޑް ޓްރަފޯޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ޕްރިމިއަ ލީގުގައި ޓީމެއް ކޮޅަށް ޔުނައިޓެޑުން 9 ލަނޑު ޖެހި ދެވަނަ ފަހަރެވެ. 1995 ވަނަ އަހަރުގެ ލީގުގައި އިޕްސްވިޗް ޓައުންއާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް ޔުނައިޓެޑުން ވަނީ 9 ލަނޑު ޖަހާފައެވެ. މީގެ އިތުރުން މި މެޗުގައި ޔުނައިޓެޑުން ޖެހި ނުވަ ލަނޑާއިއެކު އެ ޓީމް ވެގެން ގޮސްފައިވަނީ ސައުތެމްޓަންކޮޅަށް ނުވަ ލަނޑު ޖެހި ދެވަނަ ޓީމަށެވެ. 2019 ވަނަ އަހަރު ލީގުގައި ލެސްޓާ ސިޓީ ވެސް ވަނީ ސައުތެމްޓަންގެ ކޮޅަށް ނުވަ ލަނޑު ޖަހާފައެވެ.
މެޗުގެ ދެވަނަ މިނެޓުގައި ސައުތެމްޓަންގެ މިޑްފީލްޑަރ ޖަންކެވިޒް ޔުނައިޓެޑްގެ މެކްޓޮމިނޭއަށް ކުރި ފައުލަކާއި ގުޅިގެން ސީދާ ރަތްކާޑެއް ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި ފުރިހަމަ ކޮށްފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ޔުނައިޓެޑުން ވަނީ މުޅި މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. މިގޮތުން 75 އިންސައްތަ ބޯލް ޕޮޒިޝަން އެ ޓީމުން ހިފެހެއްޓިއިރު، ސައުތެމްޓަންގެ ގޯލާއި އަމާޒުކޮށް ޔުނައިޓެޑުންވަނީ 13 ހަމަލާއެއް ފޮނުވާލާފައެވެ.
ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ ހަތަރު ލަނޑު ކާމިޔާބު ކޮށްފައެވެ. ފުރަތަމަ ލަނޑު 18 ވަނަ މިނެޓުގައި ޑިފެންޑަރ ވެން ބިސާކާ ކާމިޔާބު ކޮށްދީފައިވާއިރު، ދެވަނަ ލަނޑު 25 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ރަސްފޯޑެވެ. ޔުނައިޓެޑުން ކާމިޔާބުކުރި ތިންވަނަ ލަނޑު ސައުތެމްޓަންގެ ބެނާކްއަތުން ބައިކޮޅަށް ވަދެފައިވާއިރު، ހަތަރު ވަނަ ލަނޑު 39 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ކަވާނީއެވެ.
މެޗުގެ 69 ވަނަ މިނެޓުގައި ޔުނައިޓެޑަށް ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ މާޝިއަލްއެވެ. އޭގެ ދެ މިނެޓް ފަހުން ހަވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މެކްޓޮމިނޭއެވެ. މެޗުގެ 86 ވަނަ މިނެޓުގައި ސައުތެމްޓަންގެ ޑިފެންޑަރ ބެނާކް ޔުނައިޓެޑްގެ ފޯވާޑް މާޝިއަލްއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީވަނީ ޔުނައިޓެޑަށް ޕެނަލްޓީއެއް ދީފައެވެ. މި ފައުލާއި ގުޅިގެން ބެނާކްއަށް ރަތްކާޑް ދެއްކުމުން އެ ޓީމުން މެޗު ފުރިހަމަ ކޮށްފައިވަނީ ނުވަ ކުޅުންތެރިންނާއި އެކުއެވެ. ޕެނަލްޓީ ކާމިޔާބުކޮށް މެޗްގައި ޔުނައިޓެޑަށް ހަތްވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ބްރޫނޯ ފެނާންޑޭޒްއެވެ. އަދި އަށްވަނަ ލަނޑު މާޝިއަލް ކާމިޔާބު ކުރި އިރު ނުވަވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޑެނިއަލް ޖޭމްސްއެވެ.
މި މޮޅާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއާއި ޔުނައިޓެޑުން ވަނީ ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފައެވެ. ނަމަވެސް ސިޓީއަށް ވުރެ އިތުރަށް ޔުނައިޓެޑުން ވަނީ ދެ މެޗް ކުޅެފައެވެ. އެއްވަނާގައި އޮތް ސިޓީއަށް 20 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި ޔުނައިޓެޑް އޮތީ 22 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ. މެޗުން ބަލިވި ސައުޓެމްޓަން އޮތީ 21 މެޗުން ލިބުނު 29 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ 12 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!