ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ހަރަކާތް ފަށައިފި އެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝިލްޑް ވެކްސިންގެ ރާއްޖެއިން ފުރަތަމަ ޖަހާފައި ވަނީ އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. ޝިރާނީ އަބްދުއްރަހީމްއަށެވެ. ދެވަނައަށް މި ވެކްސިން އާރު އެން ކާތިކޭން އާއި، ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހެއް ކަމަށްވާ އިބްރާހިމް ނަސީރު ވަނީ ޖަހާފަ އެވެ.
މިހަރަކާތުގެ ތެރެއިން ދައުލަތުގެ ތިންބާރުގެ ވެރިން ވެކްސިން ޖައްސަވާފައިވާއިރު، މިގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި، މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ ވެކްސިން ޖައްސަވާފައެވެ.
މީގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި، ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވެކްސިން ޖެއްސެވިއެވެ.
އެ ރަސްމިއްޔާތަށް ވަޑައިގެން ރައީސް ޞާލިޙް ވިދާޅުވީ ކޯވިޑް ވެކްސިން ދިނުމުގެ ހަރަކާތް މެދުނުކެނޑި ކުރިޔަށްދާނެ ކަމަށެވެ. އަދި ހައެއްކަ މަސް ދުވަހުގެ ތެރޭގައި ހުރިހާ އެންމެނަށް ވެކްސިން ދެވިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާނެ. އިރާދަކުރެއްވިއްޔާ މި ބަލިމަޑުކަމުން އަރައިގަނެވޭނެ،"
ރައީސް ވިދާޅުވި އެވެ.
ކޯވިޑް ވެކްސިން ދިނުމުގެ ހަރަކާތް މިއަދު ފަށާއިރު މާލޭގެ އިތުރުން އައްޑު އާއި ކުޅުދުއްފުށީގައި ވެސް މި ހަރަކާތް ވަނީ ފަށާފައެވެ.
ވެކްސިން ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ވެކްސިން ދޭ މީހުންގެ ތެރޭގައި ހިމެނެނީ، ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ވޯކަރުން އަދި އެއަށް ފަހު އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. އެއަށްފަހު 18 އަހާރާއި 50 އަހަރުގެ ތެރެއިން ހައި ރިސްކް މީހުންނާއި، ޓީޗަރުންނާއި، ޕޮލިހުންގެ އިތުރުން ޓޫރިޒަމް އިންޑަސްޓްރީގެ މީހުންނަށް ވެކްސިން ޖަހާނެއެވެ.
ރާއްޖޭގައި ޖަހަން ފެށި ވެކްސިނަކީ އިންޑިއާގެ ސީރަމް އިންސްޓިިޓިއުޝަނުން އުފައްދާފައިވާ ކޮވީޝީލްޑް ވެކްސިނެެވެ. އިންޑިއާ އިން ރާއްޖެ އަށް މި ވެކްސިންގެ 100،000 ޑޯޒް ހަދިޔާކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. މިއިން 50،000 މީހެއްގެ ގަޔަށް ވެކްސިން ޖަހާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!