ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން، ހއ. ހޯރަފުށި އިސް މެޖިސްޓްރޭޓް އަލްއުސްތާޛް މުހައްމަދު ޝަރީފްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ، އޭނާގެ މައްސަލައެއް ބެލުމަށް ނިންމީ ތަނާޒުލް ވާން ޖެހޭ މައްސަލައަކުން ތަނާޒުލް ނުވެ އެ މައްސަލަ ހިންގައި ނިންމި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

Ad
rt

އެހެންކަމުން މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ މިއަހަރުގެ ހަތަރުވަނަ ޖަލްސާއިން އެ މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގު ކޮމިޓީ އެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

ފަނޑިޔާރުންނާ ގުޅޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރަންޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް އެފަދަ މީހުން މަޤާމުން ވަކިކުރުމަށް ހުށަހެޅުމާއި، އަދި ފަނޑިޔާރަކާއިބެހޭގޮތުން ޝަކުވާއެއް ނުވަތަ ތުޙުމަތެއް ހުށަނޭޅުނުކަމުގައިވީނަމަވެސް، ވަކިފަނޑިޔާރެއްގެ ސުލޫކާބެހޭގޮތުން ސުވާލުއުފެދޭ ސަބަބުތަކެއް ހުރިކަމަށް ކޮމިޝަނަށް ޤަބޫލުުކުރެވޭނަމަ އެފަދަ ފަނޑިޔާރެއްގެ މައްސަލަ ބަލައި ތަޙްޤީގުކުރުމަކީ ޖޭއެސްސީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

އެ ކޮމިޝަނަކީ، އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރުލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތު ކުރުމުގެ ޙައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނުނީ ޝަޚުޞެކެވެ.