ހއ. އިހަވަންދޫގައި ފުޅާ ދާއިރާއެއްގައި އިޖުތިމާއީ ހަރަކާތްތައް ހިންގަމުން އަންނަ، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ''މަންސަފާ''ގެ ނަމުގައި އުނގަންނައި ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މި ފުރުޞަތުގެ ބޭނުން ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ހިފޭނޭހެން، އެ ޖަމިއްޔާއިން ފަށާ މި ހަރަކާތަކީ ރާއްޖޭގެ މަދަރުސާތަކުގެ ދަރިވަރުން ''އޭ'' ލެވެލް އަދި ''އޯ'' ލެވެލް އިމްތިހާނަށް ތައްޔާރުކޮށް ދިނުމަށް އެހީތެރިވުމަށް ފަށާ ހަރަކާތެކެވެ.

Ad
rt

މިގޮތުން މި ހަރަކާތުގެ ދަށުން އެހީތެރިކަމަށް އެދޭ މަދަރުސާތަކަށް ކިލާސްތައް ނަގައިދީ، އިމްތިހާނުތަކަށް ދަރިވަރުން އިތުރަށް ތައްޔާރު ކުރުމަށް އިމަގު ޖަމިއްޔާގެ ''ޓީޗާސް ޕޫލް''ގައި ހިމެނޭ ތަޖުރިބާކާރު، ތަޢުލީމީ އެދުރުންގެ އެހީތެރިކަން ލިބިގެން ދާނެއެވެ.

އިމަގުގެ އުނގަންނައި ދިނުމުގެ ހަރަކާތް، ''މަންސަފާ'އާއި ގުޅޭގޮތުން އެ ޖަމިއްޔާގެ ޢިލްމީ ގޮފީގައި އިސްކޮށް ހަރަކާތްތެރިވާ ފަތުހުﷲ އަޙްމަދު ''ތިލަދުން''އަށް މައުލޫމާތު ހިއްސާ ކުރަމުން ބުނީ، ރާއްޖޭގެ މަދަރުސާތަކުން ''އޭ'' ލެވެލް އަދި ''އޯ'' ލެވެލް އިމްތިހާ ހަދާ ދަރިވަރުންނަށް އިތުރު ތަމްރީނު ދީ ކިލާސްތައް ނަގައިދީ، ދަރިވަރުން އިމްތިހާނުތަކަށް އިތުރަށް ތައްޔާރު ކުރުމަށް ވަރަށް ގިނަ މަދަރުސާތަކުން ބޭނުންވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރުމަށް އެކަށީގެންވާ ގޮތެއްގައި މުދައްރިސުން ހޯދުމުގެ މަގު ހަނިވެފައި ވުމުގެ ސަބަބުން އެ ފުރުޞަތައް އެދޭ އެތައް މަދަރުސާތަކަކަށް އެދެވޭ ގޮތެއްގައި އެކަން ކުރިއަށް ގެންދިޔުމަށް ދަތިވެފައިވާކަން އޭނާ ފާހަގަ ކުރިއެވެ.

''އަޅުގަނޑުމެން މި އަޅައިދެނީ ފާލަމެއް، ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް އަޅުގަނޑުމެންގެ އެހީތެރިކަން ލިބޭނެ، މަދަރުސާތަކުން އެދުމުން އެ މަދަރުސާއަކަށް ބޭނުންވާ މާއްދާއަކަށް މުދައްރިސުން އަޅުގަނޑުމެންގެ ''ޓީޗާސް ޕޫލް'' އިން ހަމަޖައްސައިދެވޭނެ، މިވަގުތު ޕޫލްގައި ހިމެނެނީ މުޅިން ވެސް އިހަވަންދޫ މުދައްރިސުން، ގިނައީ މާސްޓާސް ފެންވަރުގެ މުދައްރިސުން، މީގެ އިތުރުން ހަތް އަހަރު، ދިހަ އަހަރު، ފަނަ އަހަރުގެ ތަޖުރިބާ ހުރި، ވަރަށް ތަޖުރިބާކާރު މުދައްރިސުން މި ޕޫލްގައި ހިމެނެނީ''

ފަތުހުﷲ ބުންޏެވެ.

އޭނާ ބުނީ، އެޖަމިއްޔާގެ ދައުރަކީ މަދަރުސާތަކުން އެދުމުން އެ ޖަމިއްޔާގެ ''ޓީޗާސް ޕޫލް''އިން މުދައްރިސުން ހަމަޖައްސައި ދިނުން ކަމަށެވެ. އެ ގޮތަށް ހަމަޖައްސާ މުދައްރިސުންގެ ދަތުރު ފަތުރާއި، ހުރުމާއި ކެއުން ހަމަޖައްސައިދޭން ޖެހޭނީ އެ މުދައްރިސަކު ގެންދާ ސްކޫލަކުން ކަމަށް އޭނާ ބުންޏެވެ. އަދި މުދައްރިސުން ކިޔަވައިދީ، ތަމްރީނު ހަރަކާތްތައް ހިންގުމަށް އެޖަމިއްޔާއިން އަދި މުދައްރިސުންވެސް އެއްވެސް ފީއެއް ނުނަގާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ފަތުހުﷲ ބުނިގޮތުގައި މި ހަރަކާތުގައި ބައިވެރިވެ، މަސައްކަތް ކުރަން ބޭނުންވާ އެހެން ރަށްރަށުގެ މުދައްރިސުންނަށް ވެސް ވަނީ އެ ޖަމިއްޔާގެ ''ޓީޗާސް ޕޫލް''ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައި އެވެ. އަދި އެފަދަ މުދައްރިސުންނަށް އުފަލާއިއެކު މަރުހަބާ ކިޔާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އިހަވަންދޫ އިމަގު ޖަމިއްޔާއިން ރާއްޖޭގެ މަދަރުސާތަކުން ''އޭ'' ލެވެލް އަދި ''އޯ'' ލެވެލް އިމްތިހާ ހަދާ ދަރިވަރުންނަށް އުނގަންނައި ދިނުމަށް ''މަންސަފާ''ގެ ނަމުގައި ހަރަކާތެއް ފެށިއިރު، މި ހަރަކާތަކީ ރާއްޖޭގެ ވަރަށް ގިނަ މަދަރުސާތަކަށް މި ހަރަކާތުގެ ސަބަބުން ފަސޭހަކަން ލިބޭނެ ހަރަކާތެކެވެ. އަދި މިހަރަކާތުގެ އެހީގައި އެ އިމްތިހާނުތައް ހަދާ ދަރިވަރުންނަށް އެ ދަރިވަރުން އުނގެނޭ މަދަރުސާތަކުން އިތުރު ކިލާސްތައް ނަގައިދީ، އިމްތިހާނަށް ތައްޔާރު ކުރުމަށް މުދައްރިސުން ހޯދުމަށް ކުރިމަތިވާ ދަތިތަކަށް ފަހިކަން ލިބިގެން ދާނެއެވެ.