ކުޅިވަރުގެ ތަރައްޤީއަށްޓަކައި މާލެ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ފަދަ އިތުރު ކުރިއެރުމެއް ލިބޭ ވަގުތުތަކުގައި ދިވެހި ކުޅިވަރުގެ ބައްޕަ ކަމުގައިވާ އަލްމަރްޙޫމް މުޙައްމަދު ޒާހިރު ނަޞީރުގެ ނަންފުޅު، ހަނދާނަށް ގެންނަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ހަވީރު މާލެ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ، އިއްޔެއަކީ ރާއްޖޭގެ އެތުލީޓުންނަށް ވަރަށް އުފާވެރި ދުވަހަކަށް ވާނެކަން ކަމަށާއި، ސިންތެޓިކް ޓްރެކަކީ، ރާއްޖޭގެ އެތުލީޓުން އެތައް އަހަރެއް ވަންދެން، ކުރަމުން އައި ޝަކުވާތަކަށް ލިބުނު، ކޮންމެވެސްވަރެއްގެ ޙައްލެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ކަސްރަތުކުރެއްވުމަށް އެ ޓްރެކަށް ވަޑައިގަންނަވާ ބޭފުޅުންނަށްވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް، އެ ޓްރެކް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިން ވަރަށް އާދައިގެ ގޮތަކަށް އޮތް މި ޓްރެކަށް މިގެނެވުނު ބަދަލުގެ ސަބަބުން، ރާއްޖޭގައި ބާއްވާ ޤައުމީ ކަސްރަތު މުބާރާތްތަކާއި، ސްކޫލްތަކުގެ ކަސްރަތު މުބާރާތްތަކުގެ ފެންވަރު، އެތައް ގުނައަކަށް ރަނގަޅު ވެގެންދާނެ ކަމަށާއި، އަދި ބޭރުގެ މުބާރާތްތަކަށް އެތުލީޓުން ތައްޔާރުކުރުމަށްވެސް، ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

''ކުޅިވަރުގެ ތަރައްޤީއަށްޓަކައި މިފަދަ ކޮންމެ ފިޔަވަޅެއް އަޅާއިރު، ދިވެހި ކުޅިވަރުގެ ބައްޕަ ކަމުގައިވާ އަލްމަރްޙޫމް މުޙައްމަދު ޒާހިރު ނަޞީރުގެ ނަންފުޅު، އަޅުގަނޑުމެން ހަނދާނަށް ގެންނަންޖެހޭނެ. މިހާރު މިތަނުގައި ޤުދުރަތީ ވިނަ ދަނޑަކާއި، ސިންތެޓިކް ޓްރެކެއް އޮތަސް، މީގެ އަހަރުތަކެއް ކުރިން، މުޅި މި ސަރަޙައްދަކީ އޮށްގަލާއި އަކިރިއާއި ކަށިވެލީގެ ބިމެއް.''

ރައީސް ވިދާޅުވިއެވެ.

''މި ދެންނެވި ދުވަސްވަރު، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް، ހަވީރުގެ ވަގުތުގައި ޒާހިރު ނަޞީރު އުޅުއްވަނީ މި ސަރަޙައްދުގައި. ބައެއްފަހަރަށް، ވޮލީ ކުޅުންތެރިން ގޮވައިގެން، ބައެއް ދުވަސްވަރު ކްރިކެޓް ކުޅުންތެރިންނާއެކު، އަދި ބައެއް ދުވަސްވަރު އެތުލީޓުންނާއެކު. މަންޑި މުބާރާތްތަކާއި، ބަށި މުބާރާތައްވެސް، ޒާހިރު ނަޞީރުގެ ރޭއްވެވުމުގެ މަތިން ވަރަށް ގިނަ އަހަރުތަކެއް ވަންދެން ކުރިއަށްގެންދެވި.''

ރައީސް ވިދާޅުވިއެވެ.

މިއަދު ރާއްޖޭގެ ކުޅިވަރު މިއޮތް ފެންވަރަށް ތަރައްޤީވެފައިވަނީ، އެމަނިކުފާނު އެ އިޝާރާތް ކުރެއްވި މާގިނަ ވަސީލަތްތަކެއް ނެތް، ދަތި ދުވަސްވަރު، ޒާހިރު ނަޞީރު އިސްނަންގަވައިގެން ކުރެއްވި ބުރަ މަސައްކަތްތަކެއްގެ ސަބަބުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ރާއްޖޭގެ ކުޅިވަރުގެ ޙަޔާތުން ދުވަހަކުވެސް މަރްޙޫމް ޒާހިރު ނަސީރުގެ ނަންފުޅު ފޮހެވިގެނެއް ނުދާނެ ކަމަށެވެ. އަދި ރައީސް ވަނީ އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެއީ ހަމައެކަނި އެތުލީޓުން ތަމްރީނުކުރުމަށް ޚާއްޞަ ތަނެއް ނޫން ކަމަށާއި، އެއީ މާލެ ސަރަޙައްދުގައި ދިރިއުޅޭ އެންމެންގެ ޢާންމު ޞިއްޙަތާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް ކަމަށެވެ. އެހެންކަމުން، މިއީ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމާއި، ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، ވަރަށް ޚާއްޞަ އިސްކަމެއްދީގެން ކޮށްފައިވާ މަސައްކަތެއް ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، ކުޅިވަރުގެ ރޮނގުން އަޅުގަނޑުމެން ދެކޭ ހުވަފެންތައް، ޙަޤީޤަތަކަށް ހެދޭނެ މަގު، ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށާއި، އޭގެ އިތުރުން، ތޮއްޖެހިފައި އޮތް މި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޢާންމު ޞިއްޙަތު ރަނގަޅުކުރުމަށްޓަކައި، ކޮށްދެވެން ހުރި ކޮންމެ ކަމެއް ކޮށްދިނުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެކުވެނި ޓްރެކުގައި ޒަމާނީ ފެންވަރަށް ސިންތެޓިކް އަޅައި ޓްރެކް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މެދު ތެރޭގައެވެ.