ބިއްލޫރި ޕެލެޓެއް ވެއްޓި އަނިޔާވި ޒުވާނާ ނިޔާވެއްޖެ އެވެ.

ނ. ލަންދޫ ފޭރުގަސްދޮށުގޭ އަބްދުﷲ އާސިމް ނިޔާވީ މިހާދިސާއާއި ގުޅިގެން ލިބުނު އަނިޔާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮންނެވެ. އުމުރުން 27 އަހަރުގެ އާސިމް ނިޔާވީ މިއަދު ފަތިހު 05:40 ގައިކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އާސިމް ނިޔާވީ އެތެރެހައްޓަށް ލިބުނު ގެއްލުން ތަކަށް ފަރުވާ ދެމުން ދަނިކޮށެވެ.

Ad
rt

މިމަހުގެ 7 ވަނަ ދުވަހު މާލޭ ވިޔަފާރި ބަނދަރުގައި، ކޮންޓޭނަރަކުން ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި 2 މީހަކަށްވަނީ އަނިޔާވެފަ އެވެ.

މިޙާދިސާގައި ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ހާނީއްކަވެފައިވަނީ އެސަރަޙައްދުގައި މަސައްކަތްކުރި ދެމީހަކަށެވެ. ވިޔަފާރި ބަނދަރު ހިންގާ، އެމްޕީއެލްއިން އެދުވަހު މަޢުލޫމާތު ދެއްވިގޮތުގައި މިޙާދިސާ ހިނގަން މެދުވެރިވީ ބިއްލޫރި ޕެލެޓެއް ކޮންޓޭނަރުން ނެރުމަށް، ފޯކް ލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގައެވެ. މި ޙާދިސާގައި، ބިއްލޫރި ޕެލެޓް އަރިއަޅާލި ވަގުތު، އެ ޕެލެޓް ނެރުމަށް ހަރަކާތްތެރިވަމުންދިޔަ ދެމީހެއް ވަނީ ޕެލެޓްގެ އަރިމަތީގައި ތާށިވެފައިކަމަށް ބުނެފައިވެއެވެ.

ޕެލެޓެއް ވެއްޓި ކޮންޓެއިނަރެއްގެ ތެރޭގައި ތާށިވި މީހާ ސަލާމަތްކޮށްފައިވަނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއިން ހިންގި ހާއްސަ އޮޕްރޭޝަނެއްގައިއެވެ.

މިހާދިސާ ތަހުގީގްކޮށް، މި ފަދަ ކަމެއް ތަކުރާރުވެނުދިއުމަށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް އެމްޕީއެލްއިން އެރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.

މާލޭ ވިޔަފާރި ބަނދަރަކީ ނުރައްކާތެރި މަސައްކަތްތަކެއް ކުރާ ތަނަކަށްވާތީ، ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހަރަކާތްތެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެކުންފުނިން ބޮޑު އަހައްމިއްޔަތެއް ދެއްވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.