އިންތިޤާލީ އިންސާފުގެ ޤާނޫނު ގެ ހަވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެމަތީން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޗީފް އޮމްބަޑްސްޕަރސަންގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ، ނ. މާފަރު އީޓުޖެހިގެ ޢަބްދުއްސަލާމް ޢާރިފް އެވެ. އޮމްބަޑްސްޕަރސަންގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ ގއ. ކަނޑުހުޅުދޫ ބްލޫރޯޒް އަލްއުސްތާޛާ ޖިހާދާ އަނީސްއާއި، ހ. ފެހިއާލާ މަރްޔަމް ލައިޒާ އެވެ. މި ތިން ބޭފުޅުން އެ މަޤާމުތަކަށް ޢައްޔަންކުރައްވާފައި ވަނީ މިއަދު އެވެ.

Ad
rt

ޗީފް އޮމްބަޑްސްޕަރސަންގެ މަޤާމަށް ޢައްޔަންކުރެއްވި ޢަބްދުއްސަލާމް ޢާރިފަކީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނަކީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަރސް އޮފް ކޮމްޕެރެޓިވް ލޯސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އޮމްބަޑްސްޕަރސަންގެ މަޤާމަށް ޢައްޔަންކުރެއްވި އަލްއުސްތާޛާ ޖިހާދާ އަނީސް އެންމެފަހުން އަދާކުރެއްވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމެވެ. އޭގެ ކުރިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި އަދި އެޓާރނީ ޖެނެރަލްގެ އޮފީހުގެ އިތުރުން ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުގެ އިސް މަޤާމުތަކެއް އެ ކަމަނާ ފުރުއްވާފައިވެއެވެ. އަލްއުސްތާޛާ ޖިހާދާ އަނީސް ވަނީ މޯލްޓާގެ އައި.އެމް.އޯ. އިންޓަނޭޝަނަލް މެރިޓައިމް އިންސްޓިޓިއުޓުން މާސްޓަރސް އޮފް ލޯސް އިން އިންޓަރނޭޝަނަލް މެރިޓައިމް ލޯ ހާސިލުކުރައްވާފައެވެ.

އޮމްބަޑްސްޕަރސަންގެ މަޤާމަށް އައްޔަންކުރެއްވި މަރްޔަމް ލައިޒާ މީގެ ކުރިން ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ލެކްޗަރަރއެއްގެ މަޤާމާއި، ހިއުމަންރައިޓް ކޮމިޝަނާއި، އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރާއި، އަދި ތަޢުލީމީ ދާއިރާގެ މަޤާމުތައް އަދާކުރައްވާފައެވެ. މަރްޔަމް ލައިޒާ ވަނީ ތައިލެންޑުގެ މަހިޑޯލް ޔުނިވަރސިޓީއިން މާސްޓަރސް އޮފް ހިއުމަން ރައިޓްސް އެންޑް ޑީސެންޓްރަލައިޒޭޝަން، އަދި މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީން މާސްޓަރސް އޮފް އެޑިއުކޭޝަން ހާސިލުކުރައްވާފައެވެ.

"އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް" ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 17 ވަނަ ދުވަހުގަ އެވެ.