ދިވެހި ސަރުކާރުން ހިންގާ ހައުސިންގ މަޝްރޫޢުގެ ދަށުން، ކޮންމެ ރަށެއްގައިވެސް މަޝްރޫޢު ހިންގުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް ހައުސިންގ މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޚާލިޞް ވިދާޅުވީ ހައުސިންގ މަޝްރޫޢު ހިންގުމަށް ބޭނުންވާ ރަށްތައް ކަނޑައަޅާނީ ކައުންސިލްތަކާއި މަޝްވަރާ ކުރުމަށްފަހުކަމަށެވެ. އެގޮތުން މިހާރު ބަލަމުންދަނީ ރަށްރަށުގައި ބޯހިޔާވަހިކަން ބޭނުންވާ މީހުންގެ މިންވަރު ކަމަށް ޚާލިޞް ވިދާޅުވިއެވެ.
މިހާތަނަށް އުތުރުން ހއ. ހދ އަތޮޅުކައުންސިލާއި، ލ. ގއ. ގދ. ޏ. ސ އަތޮޅު ކައުންސިލަށް ސިޓީ ފޮނުވައި، ބޯހިޔާވަހިކަން ބޭނުންވާ މިންވަރު ބަލަމުންދާކަމަށް ޚާލިޞް ވިދާޅުވިއެވެ. އަދި ހައުސިންގ ޔުނިޓް އެޅުމުގެ ސްކީމްގައި ބައިވެރިވުމުގެ ފުރުޞަތު ހުރިހާ ރަށަކަށް ދޭނެކަމަށާއި މިހާތަނަށް ސިޓީ ނުފޮނުވާ އަތޮޅު ކައުންސިލްތަކަށް އަންނަ ހަފްތާގައި ސިޓީ ފޮނުވާނެކަމަށް ޚާލިޞް ވިދާޅުވިއެވެ.
"ސަރުކާރުގެ ހައުސިންގ މަޝްރޫޢު ހިންގާނެ ގޮތުގެ ޕްލޭންތައް ހެދުމުގެ މަސައްކަތްތައް ވަރަށް ހަލުއިކަމާއެކު ކުރިއަށްދޭ" ޓީވީއެމްގެ ޚަބަރުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރ ޚާލިޞް ވިދާޅުވިއެވެ.
ރަށްރަށުގައި އަޅާނީ ރޯ ހައުސްތޯ، ޕްލެޓްތޯ، ނުވަތަ ގެވަޅުގައި ގެ އަޅާނީތޯ ނިންމާނީ އަތޮޅު ކައުންސިލާއި ރަށްރަށުގެ ކައުންސިލްތައް މަޝްވަރާ ކޮށްގެންނެވެ. ބައެއް ރަށްރަށުގެ ކައުންސިލުން މިހާރުވަނީ ގެ ނާޅާ ހުރި ގެވަޅުތަކުގައި ސަރުކާރުގެ ސްކީމްގެ ދަށުން ގެވަޅު އަޅަން ބޭނުންވާ މީހުންނަށް އެ ފުރުޞަތު ހުޅުވާލާފައެވެ.
އުތުރުގެ ރަށްރަށުގައި އަޅާނެ ހައުސިންގ ޔުނިޓްތަކުގެ އަދަދު އަދި ނިންމައިފައެއްނުވެއެވެ. ނަމަވެސް ދެކުނުގެ އޮތޮޅުތަކަށް ޢަމާޒުކޮށް 5000 ހައުސިންގ ޔުނިޓް އަޅާނެކަން މިހާރު އިޢުލާން ކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!