ކުރީ އަދަދާއި ގުޅޭ: ދިއްދޫއަކީ އުތީމުގެއުތުރުން އުތީމާ އެންމެގާތަށް އޮންނަ ރަށެވެ. އުތީމުޚާންދާނުގެ މެމްބަރުން އުތީމުގައި ވަޒަންވެރިވެލައްވައިގެން އުޅުއްވި ދުވަސްވަރު އުތީމަކީ ރުއްގަސް މަދު ރަށަކަށް ވުމުން އުތީމު ޢާއިލާގެ ފަރާތުން ދިއްދޫގައި ރުއްއަޅުއްވައި އެރަށް، ދިރުވުމަށް މަސައްކަތްކުރެއްވި ކަމުގަ ވިސްނެ އެވެ.
ދިއްދޫއަކީ މަހަށް ދިއުމަށް ފަސޭހަ ރަށަކަށް ވާތީ އެދުވަސްވަރުވެސް މަސްވެރިން، އިރުވައި މޫސުމުގައި މަހަށްދާން ދިއްދޫއަށް އައިސް ބަނޑަހަޖަހައިގެން ތިބޭ ރަށަކަށްވެސް ވެދާނެއެވެ. އެހެން ވެއްޖެނަމަ ރަށްވެރި ފަރާތަށް ރަށުމަސްބައި އޮންނާނެއެވެ.
އުތީމު ޢާއިލާގެ ފަރާތުން ދިއްދޫގައި ރުއްއަޅައި އެރަށް ގެންގުޅުއްވަނިކޮށް ޕޯޗްގީޒުންނާ ދެކޮޅަށް، އުތީމު ތިންބެއިން ފެށްޓެވި ޖިހާދާއެކު އުތީމާއި އެބޭފުޅުންނާއި ގުޅުންކެނޑި ދިޔުމުންވެސް އުތީމު ޢާއިލާގެ ވާރިސުންކަމުގައި ހިމެނުނު އުތީމު ރައްޔިތުން އުތީމުގަނޑުވަރުގެ ނަމުގައި ދިއްދޫއަކީ އުތީމު ރައްޔިތުންގެ ރަށަކަށް ބަލައިގެން އުޅުނީކަމަށްވުމަކީ ދުރުކަމެއް ނޫނެވެ.
މިގޮތަށް ބަޔާންކުރަންޖެހެނީ އުތީމު ގަނޑުވަރަށް ނުވަތަ އުތީމު މިސްކިތަކަށް ނުވަތަ އުތީމު ރައްޔިތުން ކައިބޮއި އުޅުމަށް ދިއްދޫ ދެއްވާފައި އޮތްކަމުގެ ފަތްކޮޅެއްނެތުމުންނެވެ.
އިސްވެ ބަޔާންވެދިޔަ ފަތްކޮޅުންވެސް އައްސުލްތާން މުޙަންމަދު މުޢީނުއްދީން އުތީމު ރައްޔިތުންނަށް ދިއްދޫއާއި ބެހޭގޮތުން ދެއްވާފައި ވަނީ އިމްތިޔާޒުތަކެކެވެ. އެއިމްތިޔާޒުތައްދެއްވީ ކޮން އަސްލެއްގެ މައްޗަށް ބިނާކުރައްވައިގެން ކަމެއް އެނގޭކަށްނެތެވެ.
އިސްވެދިޔަ ދިއްދޫގެ މައްސަލައާ ގުޅިގެން "އުތީމު ޢާއިލާ އުތީމަށް ނިސްބަތްވީ ކަމުގައި ވިޔަސް އެޢާއިލާއާއި އެރަށާއި ދެމެދު މާބޮޑު ގުޅުމެއް ނެތްކަމަށް" ބައެއް ފަރާތްތަކުން ބުނާ ބުނުމަށް ތަޙްލީލީ ނަޒަރަކުން ބަލާއިރު އެވާހަކަ އެގޮތަށް ބުނެއުޅުމަށް ތަން ނެތެއްނޫނެވެ.
އާދެ! މިހައިތަނަށް އެނގެން އޮތް މަޢުލޫމާތުގެ އަލީގައި އުތީމު އާއިލާ ފެށެނީ ހއ.ބާރަށު ކަޅުޙަސަންކަލޭގެއާއި ހަމައިންނެވެ. ކަޅު ޙަސަންކަލޭގެއާބެހޭ އިތުބާރު ކުރެވޭފަދަ އިތުރު މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. ބައެއް ފަރާތް ތަކުން ކަޅުޙަސަންކަލޭގެ، މާލެއަށްވެސް ނިސްބަތްކުރެއެވެ. އެބަޔަކު އެގޮތަށް އެބުނަނީ ތާރީޙީ ކޮން އަސްލެއްގެ މައްޗަށް ބުރަވެކަމެއް އެފަރާތް ތަކުންވެސް ހާމައެއް ނުކުރެއެވެ.
ކޮންމެއަކަސް ކަޅުޙަސަންކަލޭގެގެ "ދަރިކޮޅުގެ ގަހަށް" ބަލާއިރު އޭނާގެ ތިބިކަން އެނގެނީ ފިރިހެން ތިން ދަރީންނެވެ. ކަޅުޢަލިތަކުރުފާނާއި، ބާރަށު އެދުރުތަކުރުފާނާއި މޫސާ އެދުރުތަކުރުފާނެވެ. ކަޅުޢަލިތަކުރުފާނަށް އުތީމު ޚަތީބުކަން ލިބުމުން އޭނާ މަޝްހޫރުވީ އުތީމު އަލްޚަތީބު ކަޅު ޢަލީ ތަކުރުފާނުގެ ނަމުންނެވެ.
ބަރަށު އެދުރުތަކުރު ފާނަށްވެސް އެރަށުޚަތީބުކަން ލިބިލެއްވުމުން ބާރަށު ޚަތީބު ތަކުރުފާނުގެ ނަމުން ޝުހުރަތުވިއެވެ. މޫސާ އެދުރުތަކުރުފާނު މަޝްހޫރުވީ ނޮޅިވަރަންފަރު އެދުރުތަކުރުފާނުގެ ނަމުންނެވެ.
މިހައިތަނުން ކަޅުޙަސަންކަލޭގެ 3 ދަރިންގެ މައްޗަށް ވިސްނާއިރު އެތިންބެއިންނަކީ އެ ޒަމާނުގައި ރާއްޖެތެރޭގައިއޮތް ތަޢުލީމެއް ރަނގަޅަށް އުނގެނިގެން ޢާންމުންގެ އިޙްތިރާމް ލިބިފައިވާ ބައެއްކަން ފާހަގަކުރެވެއެވެ.
އުތީމު ޚަތީބަކަށްވި ކަޅުޢަލީ ޚަތީބު ތަކުރުފާނު ކައިވެނިކުރެއްވީ ބ. އަތޮޅު ހޮރުބަދޫ (މިހާރު ފަޅުރަށެއް. އެރަށް ފަޅުކޮށްފައި ދިޔަ މީހުންނަކީ މިހާރު އެއަތޮޅު ދޮންފަނުގައި ތިބި މީހުންނެވެ. ) ބޭކަނބަލަކާއެވެ.
މިބަނޑުންނއޭނާއަށް ލިބިލެއްވީ ޙުސައިންތަކުރުފާނެވެ. ފަހުން މިތަކުރުފާނު ހިމެނުނީ އުތީމު އަލްޚަތީބު ހުސައިންތަކުރުފާނު ކަމުގައެވެ. މިތަކުރުފާނުވެސް އުތީމުން ޙަޔާތުގެ ބައިވެވިޔަކު ޚިޔާރެއް ނުކުރައްވައެވެ.
ޙުސައިން ޚަތީބު ތަކުރުފާނު ފުރަތަމަ ކައިވެނި ކުރެއްވީ ހއ.މާރަންދޫ ތޭރަވާ މުދިންކަލޭގެފާނުގެ ދަރިޔަކާ އެވެ. މިބަނޑުން ލިބިލެއްވީ ޢަލީ ތަކުރުފާނެވެ.
އާދެ! މާރަންދޫ އަލްޚަތީބު ޢަލިތަކުރުފާނެވެ. ދެން ލިބިލެއްވީ ފާތިމާކަމަނާ ފާނެވެ. (ދައިތާކަމަނާ) މިހެންވުމުން އަލްޚަތީބު ޢަލިތަކުރުފާނާއި ފާތިމާ ކަމަނާފާނާއި އެއްބަނޑު އެއްބަފައެވެ.
ޙުސައިން ޚަތީބު ތަކުރުފާނު ދެވަނައަށް ކާވެނިކުރެއްވީ ހއ.އިހަވަންދޫ ކައްޕީނިތަކުރުފާނުގެ އާމިނާދިޔޯއާ އެވެ. މިބަނޑުން ލިބިލެއްވީ މުޙަންމަދުތަކުރުފާނާއި ޙަސަންތަކުރުފާނެވެ.
ހުސައިންޚަތީބުތަކުރުފާނު މުސްކުޅިވެލެއްވުމުން އޭނާއަށްއޮތް ޚަތީބުކަން އޭނާގެ އެދިލެއްވުމުގެމަތިން މުޙަންމަދުތަކުރުޕާނަށާއި ޙަސަންތަކުރުފާނަށް ބަދަލުކޮށްދެއްވީ "އަނދިރި އަނދިރިން" ކަމުގައި ބުނެވެއެވެ. ކޮންމެއަކަސް އޭގެފަހުން އެދެބެއިންނަކީ އުތީމުގެ ޚަތީބުންނެވެ. އުތީމު އަލްޚަތީބު މުޙަންމަދުތަކުރުފާނުވެސް ޙަޔާތުގެ ބައިވެރިޔަކު ފުރަތަމަ ޚިޔާރު ކުރެއްވީ ރަށުންބޭރުންނެވެ.
އާދެ! ހއ.ބާރަށުންނެވެ. މުޙަންމަދުތަކުރުފާނުގެ ދަރިކަލުން އިބްރާހިމް ކަލާފާނުގެ މަންމައަކަށްވީ ބާރަށް ބޯށިވަލު އާމިނާއެވެ. (އާމިނާރަނިކިލެގެފާނު) ދެވަނައަށް މުޙަންމަދުތަކުރުފާނު ކާވެނިބައްލަވައިގަތީ ޢަލިރަސްގެފާނުގެ ސިއްތިމާވާ ރަނިކިލެގެފާނާއެވެ. އަދި އަލްޚަތީބު ޙަސަންތަކުރުފާނުވެސް ކާވެނިކުރެއްވީ ޢަލިރަސްގެފާނުގެ ކުޑަކަމަނާފާނާއެވެ.
ކަޅުޢަލިހަތީބު ތަކުރުފާނު އުތީމުގައި ގެދޮރު އަޅުއްވައިގެން ދިރިއުޅުއްވީ އެޒަމާނުގައި އުތީމުމީހުން ވަޒަންވެރިވެގެންއުޅުނު ސަރަޙައްދު (ރަށުގެ ހުޅަނގުކޮޅު)ގެ އިރުމަތީގައި އެހެން ގެތަކާއި ތަންކޮޅެއް ދުރުގައެވެ. ޙުސައިން ޚަތީބު ތަކުރުފާނު ގެއެޅުއްވީ ކަޅުޢަލި ޚަތީބު ތަކުރުފާނުގެ ގޯތިތެރޭގައި ހުރި މުސްކުޅިގޭގެ އިރުންނެވެ. (މިހާރުގެ އުތީމުގަނޑުވަރު) އޭގެފަހުން އުތީމުމުޙަންމަދުތަކުރުފާނު ބާރަށު އާމިނާދިޔޯއާ ކައިވެނިބައްލަވައިގަތުމުން ޙުސައިން ޚަތީބުތަކުރުފާނުގެ ގޭގެ އިރުމައްޗަށް ބޭރުގެއެއް އިތުރުކުރައްވައިގެން އެގޭގައި ދިރިއުޅުއްވިއެވެ.
ހުސައިން ޚަތީބު ތަކުރުފާނުގެ ހާލުކޮޅު ބެލުމަށް ފާތިމާކަމަނާފާނު އުތީމަށް ގެންނެވުމުން ގޭގެ އުތުރުފަރާތުގައި "މަރިޔާދުގެ" އަޅުއްވައި މައިގެއަށް އެބައި އިތުރުކުރެއްވިއެވެ. އެދުވަސްވަރު މިފަދަ ކަންކަން ޢަމަލީގޮތުން ކުރައްވަންތިއްބަވާނީ މުޙަންމަދުތަކުރުފާނާއި ޙަސަންތަކުރުފާނެވެ.
ރަށުގެ ހުޅަނގުފަރާތުގައި ދިރިއުޅުން އުތީމު މީހުން މިހާރު އެސަރަޙައްދު ދޫކޮށްފައި އައިސް ދިރިއުޅެނީ ގަނޑުވަރުގެ އިރުން ރަށުގެ އިރުމަތީގައެވެ. ފާތިމާ ކަމަނާފާނުވެސް އުތީމުން މީހަކާ ކާވެނިކުރެއްވިކަން އެނގޭކަށްނެތެވެ. އެކަމަނާ ކައިވެނިކުރެއްވީ މީދޫ ތުއްފާށަނާއާއި އަދި މަލާބާރީ ބޭކަލަކާ ކަމަށް ބުނެވެއެވެ.
ޢަލިޙަތީބު ތަކުރުފާނު ދިރިއުޅުއްވީ އެތަކުރުފާނުގެ "މައިވުނަ" ރަށުގައެވެ. ޙުސެއިން ޚަތީބު ތަކުރުފާނު ނިޔައުވުމުން އެ ޢާއިލާގެ އިސްބޭކަލަކު ކަމުގައި ދެންތިއްބެވި ބޭކަލުން ޚިޔާރު ކުރެއްވީ ޢަލިތަކުރުފާނެވެ.
އަނދިރިއަނދިރިންގެ އެންގުމަށް ވިޔަޒޯރާއެކު ކަޅުއޮށްފުންމީގައި އުތީމު ތިންބެއިން ކުރެއްވި ދަތުރުގައި ކ.އަތޮޅު ކާށިދޫއާއި ހަމައިން ކަޅުއޮށްފުންމީގައި ހިނގި ޙާދިޘާއަށްފަހު ދޯނި އަނބުރާލާފައި އުތީމަށް ގޮސް އެރަށުގައިތިބި އެޢާއިލާގެ އެންމެން ނަގައިގެން ކަޅުއޮށްފުންމި ދިޔައީ މަލިކަށެވެ.
މަލިކުގައި އެބޭކަލުންގެ ޢާއިލާ "ރަމަތަ" ކުރެއްވުމަށްފަހު ރާއްޖެ މިނިވަންކުރެއްވުމުގެ މަސައްކަތް ގާތްގަނޑަކަށް 7 އަހަރުވަންދެން ކުރެއްވި އިރުގައިވެސް އުތީމަށް އެބޭކަލުން ދުރުވި ކަމަކަށް ނުވެއެވެ.
އުތީމުން މަލިކަށްދުރުވުމަށް ކަޅުއޮށްފުންމި ފުރުމުގެ ކުރިން އުތީމު ތިންބެއިން އެބޭކަލުންގެ ބައްޕައާއި ކާފަގެ މަހާނަދޮށަށް ދުރުވެ ފާތިޙާ ކިޔުއްވައި އިޙްތިރާމް އަދާ ކުރެއްވިއެވެ. އެއިން ދޭހަވަނީ އަބަދަށްޓަކައިއެބޭކަލުން އުތީމަށް އަލްވަދާޢު ކިޔުއްވީކަމެވެ.
ކަޅުއޮށްފުންމީގެ ފަހުލަވާނުން މާލެ ފަތަޙަކުރެއްވުމަށްފަހު މަލިކުގައި ތިބި އެ ބޭކަލުންގެ ޢާއިލާތައްބަލައި ކުރެއްވި ދަތުރުގައިވެސް އުތީމަށް ދުރުވިކަމެއް އެނގޭކަށް ނެތެވެ. އަދި އައްސުލްތާނުލް ޣާޒީ މުޙަންމަދުތަކުރުފާނުގެ ރަސްކަމުގައިވެސް އަދި އޭގެ ފަހުގައިވެސް އުތީމު ޢާއިލާގެ މެމްބަރަކު އުތީމަށް ދުރުވިކަން އެނގޭކަށް ނެތެވެ.
އުތީމު ރަސްކަމުގައި އުތީމުބަޔަކު ވެރިކަމުގެ ދާއިރާއިން ފެނިފައެއް ނެތެވެ. ހަމަ އެފަދައިން އެރަސްކަމުގައި އުތީމުގައި މިސްކިތް އިމާރާތްކޮށްދެއްވައި އެމިސްކިތްތަކަށް ގިނަގުނަ ބޯގަތަކާއި އުތީމު ރައްޔިތުން "ކައިބޮއި އުޅުމަށް" ބަންޑާރަ ކިބައިން ދަރުމަތައް ދެއްވާފައެއް ވެސް ނުވެއެވެ.
މިގޮތީ ދިޔަމިގިލީ ރަސްކަމާއި އިސްދޫ ދަރިކޮޅުގެ ރަސްކަމާއި ދެއްވަދޫ ލަސްގެފާނުގެ ރަސްކަމަށް ނަޒަރު ހިންގާއިރު އާދަޔާ ޚިލާފު ކަމެކެވެ. އިސްވެބަޔާންކުރި ގޮތްތަކަށް ކަން ހިނގާފައި ވުމުން "އުތީމު ޢާއިލާއާއި އުތީމާ ދެމެދުގައި ގުޅުންތަކެއް ނެތް ކަމުގައި" ވާހަކަ ދައްކާ މީހުންނަށް އެގޮތަށް ވާހަކަ ދެކެވެނީ ކަމުގައި ފެނެއެވެ.
(ނިމުނީ)
ނޯޓް: މިއީ މުޙައްމަދު އިބްރާހީމް ލުޠުފީ 1992 އަހަރު "ހއ. އުތީމާއި ހއ. ދިއްދުއާހުރި ގުޅުން" މިސުރުހީއަށް ފަތްތޫރަ މަޖައްލާގެ 157 ޢަދަދައް ލިޔުއްވާފައިވާ ލިޔުމެއްގެ ނަކަލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!