އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި، އެވަޓަން ބައްދަލުކުރި މެޗު އެވަޓަން ކާމިޔާބު ކޮށްފިއެވެ. މަސީ ސައިޑް ޑާބީގެ ގޮތުގައި މަޝްހޫރު ވެފައިވާ ލިވަޕޫލާއި އެވަޓަންގެ ކުރިމަތިލުމުގެ މި މެޗުން ލިވަޕޫލް އަމިއްލަ ދަނޑުގައި އެވަޓަން މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
ފަހަކަށް އައިސް ލީގުގައި ލިވަޕޫލްގެ ފަރާތުން ފެންނަމުން އަންނަނީ ދަށް ނަތީޖާތަކެކެވެ. މިގޮތުން އެ ޓީމުން އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފައެވެ. މީގެކުރިން އެ ޓީމް ޖެހިޖެހިގެން އަމިއްލަ ދަނޑުގައި ބަލިވެފައިވަނީ 1923 ވަނަ އަހަރުއެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު އެވަޓަންއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފޯވާޑް ރިޗާލްޝަންއެވެ. މި ލަނޑު ރިޗާލްޝަން ކާމިޔާބު ކޮށްފައިވަނީ ހަމޭސް ރޮޑްރިގޭޒްގެ ހިތްގައިމު ޕާހަކުންނެވެ. މި ލަނޑަށް ފަހު ލިވަޕޫލުން ފުރަތަމަ ހާފުގައި ވެސް ވަނީ އެވަޓަންގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން އެ ޓީމްގެ ކެޕްޓަން ހެންޑަޝަން އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާ އެވަޓަންގެ ކީޕަރ ޕިކްފޯޑް ވަނީ ދިފާއު ކޮށްފައެވެ. ފުރަތަމަ ހާފުގައި އެވަޓަންގެ ޑިފެންޑަރ ކޮލެމަންއަށް ވަނީ ލަނޑެއް ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބިގެން ގޮސްފައެވެ. އޭރިއާގެ ތެރެއަށް ހުރަސްވި ބޯޅަ ހުސްކޮށްހުރެ ބޮލުން ފޮނުވާލި ނަމަވެސް ލިވަޕޫލްގެ ކީޕަރު އެލިޝަން ބެކާ ވަނީ ހުޝިޔާރުކަމާއި އެކު އެ ހަމަލާ ދިފާއު ކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ލިވަޕޫލުން އެވަޓަންގެ ގޯލަށް ނުރައްކާކުރި ނަމަވެސް ލިވަޕޫލުން މެޗުގައި އުފެއްދި ހުރިހާ ހަމަލާއެއްގެ ހުރަހަކަށް ވެފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެވަޓަންގެ ގޯލްކީޕްރ ޕިކްފޯޑްއެވެ. މެޗުގައި އެވަޓަންއިން ކާމިޔާބުކުރި ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން 83 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ސިގާޑްޝަންއެވެ.
މި މެޗުން އެއްވަރު ވުމުން އެވަޓަންއާއި ލިވަޕޫލް ވަނީ ޕޮއިންޓްގެ ގޮތުން ހަމަހަމަ ވެފައެވެ. ލިވަޕޫލް މިވަގުތު ޕޮއިންޓް ތާވަލުގެ ހަވަނާގައި އޮތީ 25 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. އެވަޓަންއަށް މިވަގުތު ޕޮއިންޓް ތާވަލުގެ ހަތްވަނާގައި އޮތީ 24 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!