ކޯވިޑް-19ގެ ސަބަބުން މުޅިރާއްޖެ ފުރަބަންދުކޮށް، ހުއްޓާލަން ޖެހުނު ވައިގެ އެތެރޭގެ ދަތުރުތައް އަލުން ފަށާފައިވާއިރު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ފްލައިޓްތަކުގެ ޢަދަދު އަނެއްކާ ވެސް ބޮޑުތަނުން އިތުރުވެއްޖެއެވެ.
ކޯވިޑްގެ ހާލަތުގެ ސަބަބުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުގެ ދަށުން ރާއްޖެ ފުރަބަންދަށް ދިޔުމުގެ ކުރީން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދުވާލެއްގެ މައްޗަށް އާންމުކޮށް ޖައްސައި، ފުރަމުން ދިޔައީ 6-7 ފްލައިޓެވެ.
ކޯވިޑްގެ ފުރަބަންދުގެ ސަބަބުން ހުއްޓާލި ދަތުރުތައް އަލުން ފެށިނަމަވެސް، މާލެއިން ރަށްރަށަށް ދިޔުމުގައާއި، މާލެއަށް އައިސް އަނބުރާ ރަށްރަށަށް ދިއުމުން ފުރިހަމަކުރަންޖެހޭ ކަރަންޓީނުގެ މުއްދަތާއި ގުޅިގެން، ކުރިން ދަތުރުކުރާ މީހުން މަދު ނަމަވެސް، މިހާރު ހަނިމާދޫ މަގުން ދަތުރުކުރާ މީހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ހަނިމާދޫއަށް ދަތުރުތައްކުރާ ޤައުމީއެއާލައިން މޯލްޑިވިއަންގެ ފްލައިޓް ޝެޑިއުލަށް ބަލާއިރު، އެވްރެޖްކޮށް ހަނިމާދޫއަށް 6-7 ފްލައިޓް އޮޕަރޭޓްކުރާތާ މިހާރު ދެ ހަފުތާއަށްވުރެ ވަނީ ގިނަ ދުވަސް ވެފައެވެ.
2021 ވަނަ، އާ އަހަރު ފެށުނު ދުވަސް ވެގެންގޮސްވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ވަކިން ބާރުބޮޑު ދުވަހަކަށެވެ. އެ ދުވަހު ހަނިމާދޫއަށް 10 ފްލައިޓް ޖައްސާ ފުރާފައިވެއެވެ.
މީގެ އިތުރުން ތިލަދުންމަތީގެ އަނެއް 3 އެއާޕޯޓަށް އެދުވަހުގެ ޖައްސާ،ފުރި ފްލައިޓްތަކަށް ބަލާއިރު، ހއ. ހޯރަފުށީ އެއާޕޯޓަށާއި، ހދ. ކުޅުދުއްފުށީ އެއާޕޯޓަށް އެ ދުވަހު އޮޕަރޭޓްކުރީ އެއިންކޮންމެ އެއާޕޯޓަކަށް ފްލައިޓެކެވެ. އަދި ށ. ފުނަދޫ އެއާޕޯޓަށް އެދުވަހު ފްލައިޓެއް އޮޕަރޭޓެއް ނުކުރެއެވެ.
މިއަދަކީ ވެސް ހަނިމާދޫއަށް ބާރު ބޮޑު ދުވަހެކެވެ. މި ގޮތުން މިއަދުވެސް 8 ފްލައިޓެއް ހަނިމާދޫއަށް ޖައްސާ ފުރާފައިވެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ކުރިން އިންޑިއާގެ ޓްރެވެންޑްރަމަށާއި، ކޮޗިންއަށް އިންޓަނޭޝަނަލް ދަތުރުތައް ކުރަމުން އައި އެއާޕޯޓެއް ނަމަވެސް ކޯވިޑްގެ ހާލަތުގެ ސަބަބުން އަލުން އެ ދަތުރުތައް އަދި ފަށާފައެއް ނުވެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އޮތް ޑިމާންޑް ކުޑަވެފައި ނުވާއިރު، އެ އާޕޯޓް ހަޤީޤީ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީ ކޮށްދިނުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.
އެމަސައްކަތް އިންޑިއާގެ އެހީތެރިކަމާއިއެކު ފަށަން ތައްޔާރުވަމުން ދާކަމަށް ހުސްވިއަހަރު ސަރުކާރުން ވަނީ ބުނެފައެވެ. އެ މަޝްރޫޢުއަކީ މުޅި ބޮޑުތިލަދުންމަތީގެ އުންމީދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!