އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި އެސްޓަންވިލާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ޕޮއިންޓްގެ ގޮތުން ޔުނައިޓެޑުން އަރާ ހަމަކޮށްފިއެވެ.
ހުކުރު ދުވަހުގެ ރޭ މެންޗެސްޓާގެ އޯލްޑް ޓްރަފޯޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަަަހަމަ ކުޅުމެކެވެ. ގިނަ ހަމަލާތަކެއް ދެ ޓީމުން ވެސް އިދިކޮޅު ގޯލަށް އަމާޒުކޮށް ފޮނުވާލި މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައިވަނީ ޔުނައިޓެޑުންނެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް މި ލަނޑު ޔުނައިޓެޑަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފްރާންސް ފޯވާޑް މާޝިއަލްއެވެ. މަޝިއަލް މި ލަނޑު ކާމިޔާބު ކޮށްފައިވަނީ ޔުނައިޓެޑްގެ ޑިފެންޑަރ ވެން ބިކާސާ އޭރިއާގެ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ބޮލުނަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއިން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
އެސްޓަންވިލާއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ ދެވަނަ ހާފުގައި 58 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމެގެ މިޑްފީލްޑަރ ޖެކް ގްރީލިޝް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެ ޓީމްގެ ފޯވާޑް ބާޓްރެންޑް ޓްރައޯރޭއެވެ. މެޗުން ޔުނައިޓެޑް މޮޅުވިލަނޑު 61 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ޔުނައިޓެޑްގެ ޕޯޗުގަލް މިޑްފީލްޑަރ ބްރޫނޯ ފެނާންޑޭޒްއެވެ. މި ލަނޑު ފެނާންޑޭޒް ކާމިޔާބު ކޮށްފައިވަނީ އެ ޓީމްގެ ފްރާންސް މިޑްފީލްޑރ ޕޮގްބާއަށް އެސްޓަންވިލާ އޭރިއާގެ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ.
މި މެޗުން ލިބުނު ތިންޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ ދެ ވަނާގައި މިވަގުތު މެންޗެސްޓާ ޔުނައިޓެޑް އޮތީ އެއްވަނާގައި އޮތް ލިވަޕޫލާއި އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް ލީގުގައި ކުޅުނު 16 މެޗުން އެ ޓީމަށް ލިބިފައިވަނީ 33 ޕޮއިންޓެވެ. އެއްވަނާގައި އޮތް ލޮވަޕޫލް ވެސް މި އަދަދަށް މެޗުކުޅެ އެ ޓީމަށް ވެސް ލިބިފައިވަނީ 33 ޕޮއިންޓެވެ. ލިވަޕޫލް މިވަގުތު ތާވަލުގެ އެއްވަނާގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ރޭގެ މެޗުން ބަލިވި އެސްޓަންވިލާ މިވަގުތު އޮތީ އެ ޓީމް ލީގުގައި ކުޅުނު 15 މެޗުން ލިބުނު 26 ޕޮއިންޓާއިއެކު ތާވަލުގެ 6 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!