"މޯލްޑިވްސް ޓޫރިޒަމް ބުލެޓިން" ގެ ނަމުގައި މަޖައްލާއެއް ނެރެފި އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްއިން ޝާއިޢުކުރާ މި މަޖައްލާ ނެރެދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ.

Ad
rt

މި މަޖައްލާގެ ފުރަތަމަ އަދަދު ނެރެދެއްވުމުގެ ގޮތުން ކުރެއްވި ޓުވީޓެއްގައި ރައީސް ވިދާޅުވީ، މިއީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ހުރިހާ ފަރާތްތަކާއި، ޚާއްޞަކޮށް ފަތުރުވެރިންނާއި ކިޔަވާކުދިންނަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެ މަޖައްލާއެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ.

މި މަޖައްލާގެ ފުރަތަމަ އަދަދުގެ އިސްބަހުގެ ގޮތުގައި ހިމަނާފައިވާ ރައީސްގެ ބަސްފުޅުގައި ވިދާޅުވެފައިވަނީ މި އަހަރުގެ ތެރޭގައި ޤައުމުތަކަށް ކޯވިޑް19ގެ ބަލިމަޑުކަމުން އަރައިގަނެވި، ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު އާރޯކަމާއި ދިރުން ލިބިގެންދާނެކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގަ އެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަންޖެހުމާއި ގުޅިގެން ކުރިމަތިވި ދަތިތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފަ ރައީސް ވިދާޅުވެފައިވަނީ ކަމާގުޅޭ އިދާރާތައް ގުޅިގެން ކުރި މަސައްކަތުން މިހާރު އަލުން ފަތުރުވެރިން ރާއްޖެ އަންނަން ފަށައި ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބަދަލުކުރެވިފައިވާކަމަށެވެ.

"މޯލްޑިވްސް ޓޫރިޒަމް ބުލެޓިން" ގެ ފުރަތަމަ އަދަދު ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުގައިވާ tourism.gov.mv/en/news/maldives_tourism_bulletin މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.