ހުސްވި 2020 ވަނަ އަހަރު ވެގެން ދިޔައީ، މި ގަރުނުދުއް ނުރައްކާތެރި ބަލިމަޑުކަން ކޯވިޑް-19 ގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށްއައި އަހަރެއްގެ ގޮތުގައިއެވެ.

މި ބަލިމަޑުކަމުގެ ސަބަބުން މުޅިދުނިޔޭގެ މައިގަނޑު ހުރިހާސިނާއަތެއްހެން ހުއްޓުމަކަށް އައެއެވެ. އޭގެ ތެރޭގައި ރާއްޖެއަށް ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަތުރުވެރިކަން ހިމެނެއެވެ.

Ad
rt

ކޯވިޑްބަލީގެ ގޮންޖެހުން ތަކާއިއެކު ވެސް ނިމުނު އަހަރު ރާއްޖެއަށް ވަނީ 554،800 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ނިމުނު އަހަރު އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާ އިންނެވެ. ގާތްގަނޑަކަށް 32،000 ޓޫރިސްޓުން ބޯޑަރު ހުޅުވާލި ފަހުން ރަޝިއާ އިން އައިސްފައި ވެއެވެ.

ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ޓޫރިސްޓުން މިދިޔަ އަހަރު އައިސްފައިވަނީ ރަޝިއާ އާއި އިންޑިއާ އަދި ޔޫކޭ، އެމެރިކާގެ އިތުރުން ޖަރުމަނުންނެވެ.

ކޯވިޑްގެ ހާލަތާއި ގުޅިގެން، ޓޫރިޒަމް މިނިސްޓްރީން އަންދާޒާ ކުރެއްވި ގޮތުގައި ނިމުނު އަހަރު 525000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެއެވެ. އަދި މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް އެ މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން މި އަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް އެ މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު 2020 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ބަންދުކުރުމަށްފަހު، 110 ފަހުން އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި 2020 ވަނަ އަހަރުގެ މާޗް 17 ގައި ބަންދުކުރި ގެސްޓްހައުސްތައް 2020 ވަނަ އަހަރުގެ އޮކްޓޫބަރު 15 ގައި ވަނީ ހުޅުވާލާފަ އެވެ.