އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް އާއި ލިވަޕޫލް ބައްދަލުކުރި މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގައި ލީޑު ފުޅާ ކުރުމަށް ލިބުނު ފުރުޞަތު ލިވަޕޫލުން ނަގާލައިފިއެވެ.

ބުދަ ދުވަހުގެ ރޭ ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ.

Ad
rt

މި މެޗުގައި ލަނޑު ޖަހާނެ ފުރުޞަތުތަކެއް ލިވަޕޫލުން ތަނަވަސް ކުރި ނަމަވެސް އޭގެ ތެރެއިން ގިނަ ހަމަލާތަކެއްގެ ހުރަހަކަށް ވެފައިވަނީ މެޗުގައު މޮޅު ކުޅުމެއް ދެއްކި ނިއުކާސަލްގެ ގޯލްކީޕަރ ކާލް ޑާލޯއެވެ. ލިވަޕޫލްގެ އިތުބާރު ފޯވާޑް ސަލާހްއަށް ފުރަތަމަ ހާފުގައި ނިއުކާސަލްގެ އޭރިޔާގެ ތެރެއިން ލިބުނު ހުސްފުރުޞަތު ގޯލާ އަމާޒު ކޮށްލެވިފައިނުވާއިރު، ފުރަތަމަ ހާފުގައި ލިވަޕޫލްގެ ބްރެޒިލް ފޯވާޑް ފިރްމީނޯ ބޮލުން ފޮނުވާލި ނުރައްކާތެރި ބޯޅަ ވަނީ ނިއުކާސަލްގެ ގޯލްކީޕަރ ދިފާއު ކޮށްފައެވެ.

މުޅި މެޗު ކޮންޓްރޯލް ކޮށްގެން ލިވަޕޫލުން މޮޅަށް ކުޅެފައިވީ ނަމަވެސް މި މެޗުން އެއްވަރު ވުމުން ލީގުގައި އެ ޓީމް ކުޅުނު 16 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތީ އެއްމެޗު މަދުންކުޅެ 30 ޕޮއިންޓާއިއެކު މެނެޗެސްޓާ ޔުނައިޓެޑެވެ. ހުކުރު ދުވަހުގެ ރޭ މެންޗެސްޓާއިން އެސްޓަން ވިލާއާއި ބައްދަލު ކުރާ މެޗު ކާމިޔާބު ކޮށްގެން ލިވަޕޫލާއި ޕޮއިންޓްގެ ގޮތުން ހަމަހަމަ ކުރުމުގެ ފުރުޞަތު އެ ޓީމަށްވަނީ ތަނަވަސްވެގެން ގޮސްފައެވެ.