ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް މިކުރާ މަސައްކަތުގައި، އެންމެ އިސްކަމެއް ދޭންޖެހިފައިވާ އެއް ދާއިރާއަކީ މަސްވެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ، ކޯވިޑުން ރައްކާތެރިވުމުގެ ގޮތުން، ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު، އަލުން ހުޅުވައިލުމާއެކު، ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބި، ދުނިޔޭގެ އެކިކަންކޮޅުތަކުގެ ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ ބޭނުންވާ މަންޒިލަކަށް މިއަދު ވެފައި މިވަނީ މި ދިވެހިރާއްޖެ ކަމަށެވެ. އަދި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިންނަށް މަރުޙަބާ ކިޔަން ފެށުނީ، ރައްޔިތުންގެ ވަރަށް މަތިވެރި ޤުރުބާނީތަކެއްގެ ސަބަބުންކަމަށް ރައީސް ވިދާޅުވިއެވެ.

''ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް މިކުރާ މަސައްކަތުގައި، އެންމެ އިސްކަމެއް ދޭންޖެހިފައިވާ އެއް ދާއިރާއަކީ މަސްވެރިކަން. ރާއްޖޭގެ ފަތުރުވެރިކަމެކޭ އެއްގޮތަށް، ރާއްޖޭގެ ދޮށީގެ މަސްވެރިކަމަކީވެސް، މިހާރަށްވުރެވެސް ބޮޑަށް، ދުނިޔޭގެ މަޤްބޫލުކަން ހޯދޭނެ ޞިނާޢަތެއް. އެއީ ތިމާވެށްޓާ އެންމެ ރައްޓެހި ގޮތަށް ދުނިޔޭގައި ކުރެވޭ މަސްވެރިކަން.''

ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ޞިނާޢަތަށްވެސް އެންމެ ފައިދާ ހުރި ގޮތަކީ، ފަތުރުވެރިކަމެކޭ އެއްގޮތަށް، އެ ވިޔަފާރިން ސަރުކާރު ނުކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލުން ކަމަށް ބުނެވިދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ނަމަވެސް މިވަގުތަކީ އެކަން އެގޮތަށް ކުރަން އެންމެ ރަނގަޅު ވަގުތުކަމަކަށް ޤަބޫލެއް ނުކުރެވޭ ކަމަށެވެ. އަދި މިވަގުތު އެކަންކޮށްފި ނަމަ، މަސްވެރިކަމަށް ބޮޑެތި ލޯނުތައް ނަގައި އިންވެސްޓްކޮށްގެން ތިބި އެތައް އޮޑިވެރިންނެއް ބަނގުރޫޓުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

''އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް މި ޞިނާޢަތް ދޫކޮށްލުމަށްޓަކައި، މީގެ އަހަރުތަކެއް ކުރިން ސަރުކާރުން މަސައްކަތްތަކެއް ކުރި. ވަރަށް ގިނަ ލުއިތަކެއްވެސް ދިން. ނަމަވެސް، މަސްވެރިންގެ ޝަކުވާތައް ދިޔައީ، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. އަޅުގަނޑުމެން މިދަނީ މަސްވެރިންގެ ޝަކުވާތައް އަޑުއަހަމުން، އަދި އެޝަކުވާތަކަށް ޙައްލެއް ހޯދުމުގެ މަސައްކަތް މިއަންނަނީ ކުރަމުން. އަޅުގަނޑުމެންގެ ސިޔާސަތަކީ، މަސްވެރިންނަށް އެންމެ ފައިދާ ހުރި ގޮތަށް މި ޞިނާޢަތު ބައްޓަންކުރުން.''

ރައީސް ވިދާޅުވިއެވެ.

''އެނގިވަޑައިގަންނަވާނެ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އޮތް ޙާލަތު. ބޮޑު ގެއްލުމެއްގައި ހިންގާތާ އެތައް އަހަރެއްވެއްޖެ. ވެއަތުވެދިޔަ ދެ އަހަރުގެ ތެރޭގައިވެސް، ސަރުކާރާއި އެސް.ޓީ.އޯ އިން މިފްކޯގެ ޚަރަދުތައް ދެކޮޅުޖެއްސުމަށްޓަކައި 571 މިލިއަން ރުފިޔާ ވަނީ ދީފައި. އެކަން އެގޮތަށް ކުރަންޖެހުނީ، މަސްވެރިންނަށް ލިބޭ އާމްދަނީ ހުއްޓުމަކަށް އަޔަނުދިނުމަށްޓަކައި. މިދިޔަ އަހަރަކީ، މިފްކޯގެ ވެއަތުވެދިޔަ 14 އަހަރުގެ ތާރީޚުގައިވެސް، އެންމެ ގިނައިން މަސް ގަތް އަހަރު. އެއީ، 48494 ޓަނުގެ މަސް. އަދި މިފްކޯގެ މުޅި ޙަޔާތުގައިވެސް އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދީފައިވަނީވެސް މިދިޔަ 2019 ވަނަ އަހަރު. އެ އަހަރުގެ ތެރޭގައި، މަހުގެ އަގުގެ ގޮތުގައި މިފްކޯއިން މަސްވެރިންނަށް 903.7 މިލިއަން ރުފިޔާ ދޫކުރި. އާދެ، ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާއާ ގާތްކުރާ ޢަދަދެއް މިވަނީ މަސްވެރިންނަށް ދޫކުރެވިފައި.''

ރައީސް އިތުރަށް ވިދާޅުވިއެވެ.

އަދި މިހިނގާ 2020 ވަނަ އަހަރުގެ މިހާތަނަށް، މަސްވެރިންގެ އަތުން 44510 ޓަނުގެ މަސް މިފްކޯއަށް ގަނެ، 840.31 މިލިއަން ރުފިޔާވަނީ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށާއި، މިސަރުކާރު ފެށުމާއެކު، މިފްކޯއަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރަށްވައި ރައީސް ވިދާޅުވީ މިފްކޯގެ ދަށުގައި އޮތް ފެލިވަރު ކޭނިންގ ފެކްޓްރީއަށް އެކަނި ބެލިކަމުގައިވިޔަސް، ބަދަލުތަކެއް އަންނަކަން ގަބޫލުކުރަންޖެހޭނެ ކަމަށެވެ.

''2018 ވަނަ އަހަރު ފެލިވަރަށްގަތީ 4000 ޓަނުގެ މަސް. 2019 ވަނަ އަހަރު، މިދިޔަ އަހަރު 9000 ޓަނުގެ މަސް. އަދި މި އަހަރުގެ މިހާތަނަށް 12000 ޓަނުގެ މަސް، ފެލިވަރަށް ގަނެފި. މިއީ މިފްކޯ ރަނގަޅު ކުރުމަށްޓަކައި މި ސަރުކާރުން ގެންނަ ބޮޑެތި ބަދަލުތައް.''

ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ލުއިތައް ދެމުން އަންނައިރު، ޤައުމު ކުރިން އޮތް ޙާލަތަށްވުރެވެސް، ރަނގަޅު ޙާލަތަކަށް ގެންދެވޭނީ، މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކޮށްގެންކަން ހަނދާނުގައި ބަހައްޓަންވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.