ހއ. ހޯރަފުށީގައި އެއާޕޯޓު ތަރައްގީކޮށް ނިންމާލީ އެންމެ 7 މަހުން ކަމަށާއި، ހއ. އަތޮޅު ދިގު ފަރު، މަސްގަންނަ ރަށެއްގެ ގޮތުގައި ތަރައްގީކޮށް އެއް އަހަރު ދުވަހުގެ ތެރޭ ނިންމޭނެ ކަމަށާއި، އަދި އެކަން ކޮށްދޭން ޖެހޭ ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ރަޝީދު މިހެން ވިދާޅުވީ މިއަދު މެންދުރުފަހު އެރަށުގެ މަސްވެރި ޢާއިލާތަކުން އިންތިޒާމްކޮށް، އެރަށުގެ ބަނދަރުގައި ބޭއްވި އިހުތިޖާޖުގައި ބައިވެރިވެ، ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

ރަޝީދު ވިދާޅުވީ ސަރުކާރު ތަކުން މަސްވެރިންނަށް ވާ ވަޢުދުތައް ނުފުއްދާ ކަމަށާއި، މަސްވެރިން ދަނީ ބިކަވެ، ދުވަހެއް ދުވަހަކަށް ހާލުގައި ޖެހެމުން ކަމަށެވެ.

އިހަވަންދޫ އަކީ ބޮޑުތިލަދުންމަތިން އެންމެ ގިނަ މަސްވެރިން ތިބި ރަށްކަމަށާއި، މަސްވެރި ދޯނި ފަހަރުވެސް ދުއްވާ ރަށްކަން ރަޝީދު ފާހަގަ ކުރެއްވިއެވެ. އަދި އެ ސަރަޙައްދުން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވައްދައިދޭ މަސްވެރިން ތިބީވެސް އެރަށުގައިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ރަޝީދު ވިދާޅުވީ ޖީސީއޯލެވެލް ނިންމާ އިހަވަންދޫގެ ހުރިހާ ޒުވާނުންވެސް ގުޅެމުން ދަނީ މަސްވެެރި ކަމުގެ ގައުމީ ޚިދުމަތާއި ކަމަށެވެ. އެހެން ކަމުން އެއްރަށަަކަށް މަސްވެރިކަމުގެ ދާއިރާއިން ކަމެއް ކޮށްދޭ ނަމަ އިހަވަންދޫއަށް އެކަމެއް ކޮށްދޭން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ 15 ވަރަކަށް ދުވަހަށް މަސްވެރިން މަސްވެެރިކަމަށް ނުގޮސް ތިބިއްޖެނަމަ ދައުލަތަށް އެލިބެނީ ފޫނުބެދޭވަރު ގެއްލުމެއް ކަމަށެވެ. އަދި އެކަން އެހެން ވިޔަ ނުދިނުމަށްޓަކައި އޭގެ ކުރިން ރައްޔިތުން ބޭނުންތައް ފުއްދައިދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މަސްވެރިން މިގޮތަށް އިހުތިޖާޖު ކުރަށް ފަށައިފިނަމަ ދައުލަތަށް ފޫ ނުބެދޭވަރު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެކަން ތަކުރާރުކޮށް އަންގަން"

ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ އިހަވަންދޫއާއި މުޅިރާއްޖޭގެ މަސްވެރި ޢާއިލާތަކަށް ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ގެނައުމަށް ގޮވައިލާ ކަމަށެވެ.

"ހޯރަފުށީގައި އެއާޕޯޓް އަޅާ ނިންމާލީ ބަރާބަރު 7 މަސް ދުވަހުން. މިއޮށް ދިގު ފަރު ހިއްކާފައި ރައްޔިތުންނަށް މަސްކިރޭ ގޮތް އެއް އަހަރު ތެރޭ ހަދައިދެވޭނެ، ހަދައިދޭން ޖެހޭނެ، މި އައިސްޕްލާންޓަކީ ސަރަޙައްދީ އައިސްޕްލާންޓަކަށް ވާންޖެހޭ، ހަދައިދޭން ޖެހޭނެ"

ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ، އިހަވަންދޫ ރައްޔިތުންނާއި މަސްވެރި ޢާއިލާތައް ދިވެހި ސަރުކާރަށްދޭ އެހީތެރިކަމާއި އެއްވަރަށް، އެ ޢާއިލާތަކަށާއި، ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ފަރާތުން ވެސް އެހީތެރިކަން ދިނުމަށް އޭނާ ގޮވައިލާ ކަމަށެވެ.

ރަޝީދު ދެއްކެވި ވާހަކާގައި ވަނީ، އިހަވަންދޫ މަސްވެރިންގެ ޝަކުވާތައް ކަމާބެހޭ ހުރިހާ އިދާރާތަކާއި ހިއްސާ ކުރަށްވާނެ ކަމުގެ ޔަޤީންކަން ވެސް އިހަވަންދޫ ރައްޔިތުންނާއި މަސްވެރި ޢާއިލާތައް ދެއްވާފައެވެ.