ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާއި ގްރެނާޑާ ބައްދަލުކުރި މެޗުން ރެއާލް މޮޅުވެ މި ވަގުތު ސްޕެނިޝް ލީގުގެ އެއްވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

Ad
rt

ފުރަތަމަ ހާފުގައެ 38 ވަނަ މިނެޓުގައި ފައިގެ ފަލަމަސް ގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ރެއާލަށް ކުޅެމުން އަންނަ ބްރެޒިލްގެ 19 އަހަރުގެ ވިންގަރ ރޮޑްރިގޯ ވަނީ ބަދަލު ކޮށްފައެވެ. ފުރަތަމަ ހާފުގައި ރެއާލްގެ ފަރާތުން ވެސް މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައި ނުވާއިރު ހާފު ނިމިގެން ގޮސްފައިވަނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މެޗުގެ ދެވަނަ ހާފުގައި ރެއާލުންވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗުގައި ފެނިގެންދިޔަ ދެ ލަނޑު ވެސް ފެނިގެން ގޮސްފައިވަނީ ފަހު ހާފުގައެވެ. މެޗުގައި ރެއާލުން ޖެހި ފުރަތަމަ ލަނޑު އެސެންސިއޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރ ކަސެމީރޯއެވެ. ރެއާލުން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދީފައިވަނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ރެއާލްގެ ފްރާންސް ފޯވާޑް ކަރިމް ބެންޒެމާއެވެ. ސްޕެނިޝް ލީގުގައި ބެންޒެމާ މިހާ ހިސާބަށް ވަނީ 7 ލަނޑު ޖަހައި 5 އެސިސްޓް ކޮށްދީފައެވެ. ރެއާލުންވަނީ އެ ޓީމު ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުވެސް ކާމިޔާބު ކޮށްފައެވެ.

ސްޕެނިޝް ލީގުގައި ބުދަ ދުވަހުގެ ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު ޑިޕޯޓިވޯ އަލާވޭސް ވަނީ އެއިބާގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. އަދި ރެއާލް ބެޓިސްއާއި ކާޑިޒް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ބެޓިސްއިންނެވެ.

މިވަގުތު ސްޕެނިޝް ލީގުގެ އެއްވަނާގައި އޮތީ 13 މެޗުން ލިބުނު 32 ޕޮއިންޓާއި އެކު އެތުލެޓިކޯ މެޑްރިޑެވެ. ދެވަނާގައޮ އޮތީ އެތުލެޓިކޯއަށް ވުރެ އިތުރަށް ދެ މެޗުކު އެތުލެޓިކޯއާއި އެއްވަރަށް ޕޮއިންޓް ހޯދައިގެން ރެއާލް މެޑްރިޑެވެ.