ރާއްޖޭގައި ޕޯސްޓްގެ ޚިދުމަތްދެމުންދާ ސަރުކާރުގެ ކުންފުނި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެއިލް ޑެލިވަރީ ނިޒާމު ހަރުދަނާ ކުރުމަށް ގްރޭޓަރ މާލެ ސަރަޙައްދުގައި އިތުރު ޕިކް ޕޯސްޓެއް ގާއިމުކޮށް، ޚިދުމަތް ދޭން ފަށައިފިއެވެ.

އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުއިފަސޭހަކަން ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އަލަށް ޚިދުމަތް ދޭން ފެށި އައު ޕިކް ޕޯސްޓް ގާއިމުކޮށްފައި ވަނީ މާލޭ ސިޓީގެ، ގްރޭޓަރ މާލެ ބަސް ޓަރމިނަލުގައިއެވެ.

Ad
rt

އައު ޕިކް ޕޯސްޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ޕިކް ޕޯސްޓް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލްއެވެ. އެ ރަސްމިއްޔާތުގައި ޕޯސްޓް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަފީޤް މުހައްމަދުގެ އިތުރުން އެކުންފުނީގެ އިސް ވެރިން ބައިވެރިވެ ވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ޕޯސްޓްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަފީގު މުޙައްމަދު ވިދާޅުވީ މާލޭގެ އެކި ސަރަޙައްދުގައި މިފަދަ ސްޓޭޝަންތައް ގާއިމުކުރަމުންދަނީ ސަރުކާރުގެ ޢާއްމު ޚިދުމަތްތައް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ. އޭނާ ވިދާޅުވީ މިހާރުވެސް ޕިކް ޕޯސްޓްގެ 2 ސްޓޭޝަނެއްގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާލޭ ސިޓީގައި އަލަށް ހުޅުވި ޕިކް ޕޯސްޓް ސްޓޭޝަންގެ ޚިދުމަތް މިނިސްޓަރު މަލީޙް ފައްޓަވައި ދެއްވަނީ، ފޮޓޯ: ޕޯސްޓް ލިމިޓެޑް

ޕޯސްޓް ކުންފުނީގެ އެމްޑީގެ ވާހަކާގައި ވަނީ، ޕޯސްޓުގެ ޚިދުމަތް ރާއްޖޭގައި މިވަގުތު ދެމުންގެންދަނީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެ ޚިދުމަތް ފޯރުކޮށްދޭ އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވެފައެވެ.

"މިއަދު ރާއްޖޭގައި ޕޯސްޓްގެ ޚިދުމަތް ދެމުންގެންދަނީ ޔުނިވަރސަލް ޕޯސްޓަލް ސަރވިސަސް އިން ކަނޑައަޅާފައިވާ ގޮތަށް. އެގޮތުން އެހެން ގައުމުތަކުންވެސް ދެމުންދާ ޚީދުމަތްތައް ރާއްޖެއިންވެސް ލިބެން ހުންނާނެ. އަދި މިސްރާބު ހުރީ މިހާރަށްވުރެ ވެސް ޚިދުމަތް ފުޅާކުރުމަށް"

ޝަފީގު ވިދާޅުވިއެވެ.

ޕިކް ޕޯސްޓް ނިޒާމަކީ ސެލްފް ސަރވިސް ޑެލިވަރީ ސްޓޭޝަންތަކެއްގެ ގޮތުގައި ގާއިމުކޮށްފައިވާ ޑެލިވަރީ ނިޒާމެކެވެ. އައު ސްޓޭޝަނާއެކު މިހާރު ގްރޭޓަރ މާލެ ސަރަޙައްދުގައި 4 ޕިކް ޕޯސްޓް ސްޓޭޝަން ވަނީ ގާއިމުކުރެވިފައެވެ.

ރާއްޖޭގައި ފޯރުކޮށްދެމުންދާ ޕޯސްޓްގެ ޚިދުމަތަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށްވެސް ފުޅާކޮށްފައިވާ، 114 އަހަރު ވެފައިވާ ޚިދުމަތެކެވެ. މޯލްޑިވްސް ޕޯސްޓްގެ އަސާސީ ޚިދުމަތް ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށެއްގައި ލިބެން ހުންނައިރު، އަތޮޅުތަކުގައި ވަނީ ޕޯސްޓް އޮފީސްތައް ވެސް ގާއިމުކޮށްފައެވެ. އަދި މޯލްޑިވްސް ޕޯސްޓުން އަންނަނީ އެންމެފަހުގެ ޒަމާނީ ޕޯސްޓްގެ ޚިދުމަތްތައް ވެސް ރާއްޖޭގައި ތަޢާރުފްކޮށް، ފޯރުކޮށް ދެމުންނެވެ.