ޤައުމުގެ ސާފުތާހިރުކަން ދެމެހެއްޓުމަކީ ފަރުދީ ޒިންމާއަކަަށް ހަދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ، އިއްޔެ ހުޅުމާލޭގައި ކުރިއަށް ދިޔަ "ސާފު ހުޅުމާލެ" ހަރަކާތް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަ ފުޅުގައެވެ.
އެ ހަރަކާތް ފެއްޓެވުމުގެ ގޮތުން ދެއްކެވި ވާހަކާގައި ނައިބު ރައީސް ވަނީ، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަކުރައްވައި، މި ސަރުކާރުން ސާފުތާހިރުކަމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް ދެއްވާ ސަމާލުކަމަށް އަލިއަޅުއްވާލައްވާފައެވެ.
މީގެއިތުރުން ނައިބު ރައީސް ވަނީ މި ސަރުކާރު ހަވާލުވުމަށްފަހުވެސް އެންމެ ފުރަތަމަ ބޮޑު އިވެންޓެއްގެ ގޮތުން ބޭއްވިގެން ދިޔައީ ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއްކަން ފާހަގަކުރައްވާފައެވެ.
އެމަނިކުފާނު ދެއްކެވިވާހަކަފުޅުގައި، ކޯވިޑް -19 އިން ވެސް އަޅުގަނޑުމެނަށް ދަސްވި އެންމެ މުހިންމު ފިލާވަޅަކީ ސާފުތާހިރުކަން ކަަމުގައި ވަނީ ވިދާޅުވެފައެވެ.
ނައިބު ރައީސް ފައިޞަލް އިތުރަށް ވިދާޅުވީ، ދިވެހި ހުރިހާ ރައްޔިތުންވެސް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ޤައުމުގެ ސާފުތާހިރުކަން ދެމެހެއްޓުމަކީ ފަރުދީ ޒިންމާއަކަަށް ހަދަންޖެހޭ ކަމަށެވެ.
އިއްޔެގެ ހަރަކާތުގައި ނައިބު ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ، ފޮޓޯ: ރައީސް އޮފީސް
އިއްޔެ ހަވީރު ހުޅުމާލެ ރުއްގަނޑު 1 ސަރަޙައްދުން ފެށި މި ހަރަކާތުގައި، ހުޅުމާލޭގެ 40 ސަރަޙައްދެއް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ.
"ސާފު ހުޅުމާލެ" ނަމުގައި އިއްޔެ ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދިޔަ ހަރަކާތުގައި ވަނީ 18 ޓަނުގެ ކުނި ނަގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!