ކޯވިޑް-19ގެ ސަބަބުން މެދެކެނޑިފައި އޮތުމަށްފަހު، އަލުން ރާއްޖެ ހުޅުވާލިފަހުން ހއ. ވަށަފަރަށް މިއަދު ފަތުރުވެރިންގެ ފުރަތަމަ ގްރޫޕް ޒިޔާރަތް ކޮށްފިއެވެ.

އެރަށުގެ ގެސްޓް ހައުސްތައް ހުޅުވާލަން ޓޫރިޒަމް މިނިސްޓްރީއިން ހުއްދަ ދީފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. މިއަދު ވަށަފަރަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިންގެ ގްރޫޕަކީ ޔޫކްރެއިންއަށް ނިސްބަތްވާ ޢާއިލާއެކެވެ. އެ ޢާއިލާގައި ހިމެނެނީ 4 މެންބަރުންނެވެ.

Ad
rt

ދިގު ދަތުރަކަށްފަހު މިއަދު ވެލާނާއިންޓަނޭޝަނަލް އެއާޕޯޓުން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްމަގުން ވަށަފަރަށް ޒިޔާރަތްކުރި އެ ޢާއިލާ މިއީ ރާއްޖެއައި ފުރަތަމަ ފަހަރެވެ.

ވަށަފަރު "ވާދީއިން'' ގެސްޓްހައުސް އަށް އައި އެ ޢާއިލާގައި ހިމެނޭ ޑރ. ވަސީލޭވް މާޝާ ވަށަފަރުގެ ޗާލު ގޮނޑު ދޮށުގައި ހުރެ ބުނީ " މިއީ ހަޤީޤަތުގައި ވެސް ސުވަރުގެއެއެއް" ކަމަށެވެ. އޭނާ އަކީ މެޑިކަލް ޑޮކްޓަރެކެވެ.

އޭނާ ބުނިގޮތުން އޭނާ ރާއްޖެއިން ޒިޔާރަތް ކުރާނެ މަންޒިލެއް ކަނޑައެޅީ އިންޓަރނެޓް މެދުވެރިކޮށް ބަަލައިގެން ކަމަށެވެ. ރާއްޖެ އާދެވުމުން "މިތަނުގެ ރައްކާތެރިކަން އިހްސާސް ކުރެވޭ" ކަމަށް ވެސް އޭނާ ބުންޏެވެ.

ޑރ. މާސާއާއި ޢާއިލާ ވަށަފަރުގައި، އެކުގައި ގެސްޓް ހައުސްގެ އޭޖެންޓުން، ފޮޓޯ: ވާދީއިން ވަށަފަރު

ހއ. ވަށަފަރަކީ ފަތުރުވެރިކަމުގެ 4 ގެސްޓްހައުސް ހިންގާ ޗާލު، ސާފު ގޮނޑު ދޮށެއް އޮންނަ އަމާން ރަށެކެވެ. އަދި އެއީ ހުރިހާ ގޮތަކުން ވެސް ލޯކަލް ޓޫރިޒަމަށް ވަރަށް ބޮޑަށް ފައްކާވެފައިވާ ރަށެކެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން ފަތުރުވެރިންގެ ފުރަތަމަ ގްރޫޕް ވަށަފަރަށް މިއަދު ޒިޔާރަތް ކޮށްފައިވާއިރު، ކޯވިޑް-19 އާ ގުޅިގެން ގެސްޓްހައުސްތައް ބަންދުކުރުމަށްފަހު ގެސްޓްހައުސް އަލުން ހުޅުވާލަން ހުއްދަދިންފަހުން މިހާތަނަށް 182 ގެސްޓްހއުސްއެއް ހުޅުވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ މިއަދު ހާމަކޮށްފައެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް ދިހަ އަތޮޅަކުން ވަނީ 168 ގެސްޓްހައުސްއެއް ހުޅުވާފައެވެ.

ކޯވިޑް-19 އާގުޅިގެން ގެސްޓްހައުސްތައް ބަންދުކުރިއިރު 530 ގެސްޓްހައުސްއެއް ދިޔައީ ރާއްޖޭގައި ހިންގަމުންނެވެ.

ކޯވިޑާއި ގުޅިގެން ގެސްޓްހައުސްތައް ބަންދުކުރުމަށްފަހު އަތޮޅުތެރޭގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނީ އޮކްޓޯބަރު 15 ގައެވެ. އަދި ގްރޭޓަރ މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނީ މި މަހު 15ގައި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، 110 ފަހުން އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލީ މި ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.