2012 ވަނަ އަހަރުގެ ތެރޭގައި ހދ.ހޮނޑައިދޫއިން ހައްޔަރުކުރެވިފައިވަނީ ސަންރައިސް ބަލަންގޮސް ތިއްބައިކަމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ހޮނޑައިދޫއިން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާ، އޭރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރަކަށް ހުންނެވި ހާމިދު އަބްދުލްޢަފޫރާއި، ކުރީގެ މިނިސްޓަރު އިބްރާހިމް ހުސެއިން ޒަކީ އާއި އެއިރު ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ޒުހައިރު އާއި އަދިވެސް ބައެއް އެހެން މީހުން ހައްޔަރުކުރީ ސަންރައިސް ބަލަން ތިއްބާ ކަމަށް ޖާބިރު ވަނީ ބުނެފައެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށް ބަހުސްކުރައްވަމުން ޖާބިރު ވިދާޅުވީ އެރޭ ސިފައިންނާއި ފުލުހުން އެރަށަށް އަރާ އެމީހުން ހައްޔަރުކުރީ ކުށެއް ކޮށްގެން ނޫންކަމަށެވެ. ހޮނޑައިދޫން ޖާބިރު ހައްޔަރުކޮށް އެއް އަހަރު ދުވަހު ޖަލުހުކުމެއް އިއްވިއެވެ. ޖާބިރަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ ކުޑަކަމުދާތަކެތި ދޭން ދެކޮޅު ހެއްދެވި މައްސަލައިގައެވެ.
ދައުލަތުގެ އިއްޒަތްތެރިއެއްކަމަށްވާ ހުސައިން ޒަކީއާ އެއިރުގެ ރައީސްގެ ސްޕޯކްސް ޕާސަން އަދި އެހެން އިއްޒަތްތެރިން ވެސް އެތާނގައި ތިބި. އަޅުގަނޑުމެން ކުރިހާވެސް ކަމަކީ ސަންރައިސްވާ މަންޒަރު ބަލާލުން. އެއީ އިންސާނީ ކާރާމާތުގައި އޮންނަ ކަމެއް. އެކަމުގެ ސަބަބުން އަޅުގަނޑުމެން ގައިގައި ތަޅާ ސުންނާފަތިކުރީ،
ޖާބިރު ވިދާޅުވީ އޭނާ އުފާކުރައްވަނީ އެބޭފުޅުންނާ (އެއިރު އެޗްއާރުސީއެމްގެ މެންބަރުންނާ) އެކީގައި މަޖިލީހުގައި އިންނަވަން ޖެހިވަޑައިގަންނަވާތީ ކަމަށެވެ. އަދި ހިންނަވަރު ދާއިރާގެ މެންވަރު ޖީހާން މަހުމޫދު ގުރުބާންވެވަޑައިގެން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ކޯޓު އަމުރެއްގެ ދަށުން 16 ނޮވެމްބަރ 2012 ވަނައަހަރު ހދ. ހޮނޑައިދޫ ގައި ފުލުހުން ހިންގި ޚާއްޞަ އޮޕްރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގިނަ ޢަދަދެއްގެ ދިޔާތަކެއްޗާއި ގިނަ ޢަދަދެއްގެ ބަނގުރަލާއެކު 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
އަޅުގަނޑުމެން އެތާ ތިއްބާ އެތަނަށް ދިޔަބަޔަކު އެ އެއްޗެއް އެތަނަށް ގެންދިޔައީވެސް. އެއިރު ބަޢާވާތެއް ކޮށްގެން އުޅުނު ވަހީދު މިހާރު ކޮބައިތޯ. އޭނާ ހުރިތަނަކުން ގެނެސް އަޅުގަނޑުމެން ޖަލަށްލާނަން އިނގޭތޯ. މި މަޖިލީހަށް އަޅުގަނޑުމެން މިއައީ އޭނާ ޖަލަށްލާން. ދަމާ ކޫއްތާ އޭނާ ގެންގޮސް އަޅުގަނޑުމެން ޖަލަށް ލާނަން،
ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހުންނެވި ތަނަކުން ދަމާކޫއްތާ ގެނެސް ހައްޔަރުކުރާނެ ކަަމަށާއި މަޖިލީހަށް ވަޑައިގެންނެވީ އެކަން ކުރުމަށް ކަމަށް ވިދާޅުވެފައެވެ.
ހޮނޑައިދޫން ހައްޔަރު ކުރި ބޭފުޅުން މިނިވަން ކުރަން ރައީސް ނަޝީދު ގޮވާލެއްވުމުން ޕީޕީއެމާއި އަދާލަތުން އެއިރުވަނީ އެކަން ކުއްވެރިކޮށްފައެވެ. ހޮނޑައިދޫން މީހުން ހައްޔަރު ކުރި މަންޒަރު ހިމެނޭ ވީޑިއޯއާއި ފޮޓޯތައް ފުލުހުންވަނީ އާންމުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!