އެކާވީސްވަނަ ޤަރުނުގެ ތަރައްޤީއިން އެކައްޗަކަށް އަޅުގަނޑުމެންނަށް އެންމެގިނައިން ލިބުނު އެއްޗަކީ ސްކުރީނެވެ. ސްކުރީނާ ނުލާ މިއަދު ކުރަންޖެހޭ ގިނަ ކަންކަން ނުކުރެވެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ބިލަށް ފައިސާ ދެއްކުމާ، ޒަކާތް ދެއްކުމާ، ޤުރްއާން ކިޔެވުމާއި ފޮތް ކިޔުމުގެ އިތުރުން މުނިފޫހި ފިލުވުމަށް މިއަދު ގިނަ މީހުން ތިބެނީ ކޮންމެވެސް ސްކުރީނެއްގެ ކުރިމަތީގައެވެ. މިއާއެކު ދެން ފާހަގަވެގެންދިޔަ ކަމަކީ، ދިރިއުޅުން ފަސޭހަކުރަން ގެނައި ޓެކްނޮލޮޖީގެ މި އާއީޖާދުތަކާއެކު ދިރިއުޅުމުގެ ބިޒީކަން އިތުރުވެގެން ދިޔަކަމެވެ.

Ad
rt

އެއާއެކު ވަރަށް ގިނަ ބެލެނިވެރިންނަށް ދަރިންނާއެކު ހޭދަ ކުރެވޭ ވަގުތު މަދުވެ، ގިނަވަގުތު މަސައްކަތުގައި އުޅެން ޖެހެއެވެ. މިހެން ބުނި ކަމުގައިވީނަމަވެސް ދަރިންގެ ކަންކަމާ ނޫޅެ، ފިލްމު ބެލުމާއި އެހެނިހެން ބޭކާރު ކަންކަމުގައި އުޅޭ ބެލެނިވެރިންވެސް އުޅޭކަން ހިތާމަޔާއެކު ފާހަގަކޮށްލަން ޖެހެއެވެ. މިގޮތަށް ކުދިން އެކަނި ދޫވުމާއެކު ގިނަފަހަރަށް ވާ ގޮތަކީ ކުދިން ތިބެނީ ކޮންމެވެސް އިލެކްޓްރޯނިކް އާލަތަކާ ހަވާލުކޮށްފައެވެ.

ޓީވީ އިން ކާޓޫނު ބަލާށެވެ. ނުވަތަ އައިޕެޑުން ގޭމު ކުޅޭށެވެ. ނުވަތަ ފޯނުން ކޮންމެވެސް ކަހަލަ ވީޑިއޯއެއް ބަލާށެވެ. މިއީ ހައްތަހާވެސް ސްކުރީނެވެ. މިހެންގޮސް 24 ގަޑިއިރުގެ ބޮޑުބައެއް ކުދިން ހޭދަކުރަނީ މި ސްކުރީންތަކުގެ ކުރިމަތީގައެވެ.

ނަމަވެސް ސްކުރީނަކީ ޢަދުއްވަކަށް ހަދާލައިގެން ކުދިން މުޅިން ސްކުރީނާ ދުރުކުރުމަކީވެސް ރަނގަޅުކަމެއް ނޫނެވެ. ސަބަބަކީ ތަޢުލީމު ޙާސިލްކުރުމަށާއި ކުދިންގެ އިޖުތިމާޢީ ތަރައްޤީއަށްވެސް މިފަދަ އިލެކްޓްރޯނިކް އާލާތްތަކުގެ ބޭނުން ކުރަންޖެހޭތީއެވެ. އެހެންކަމުން ކުދިންނަށް ސްކްރީން ޓައިމް ދޭންވީ ކިހާވަރަކަށްތޯއާއި ކިހިނެއް ކަން އެނގޭނެ ގައިޑަކަށް އަޅުގަނޑުމެންގެ ލޮބުވެތި ބެލެނިވެރިން މިވަނީ ޙާޖަތްޖެހިފައެވެ.

ސްރީންގެ ދޮށުގައި ގިނަވަގުތު ހޭދަކުރުމުގެ ސަބަބުން ދިމާވާ ބައެއް މައްސަލަތައް

  • އޮބޭސިޓީ (މާބޮޑަށް ފަލަވުން)
  • މަދުން ނިދުމާއި، އެއްވަގުތު ތަކެއްގައި ނުނިދުން
  • އަޚުލާޤީ މައްސަލަތައް
  • ކިޔެވުމަށްދޭ ސަމާލުކަން ދަށްވެ، މަދަރުސާއިން ދަށް ނަތީޖާތަކެއް ލިބުން
  • އިޖުތިމާޢީ ހުނަރުތައް އަށަނުގަތުން
  • މާ ގިނައިން ބޮޑާހޭކުން
  • އަނިޔާވެރިވުން

ސްކްރީން ޓައިމަށް ވަގުތު ދޭންވީ މިންވަރު

އިލެކްޓްރޯނިކް އާލާތްތަކާ ޚިލާފަށް، ޤުދުރަތީ މާޙައުލު ތަކުގަގައި ހޭދަ ކުރެވޭ ވަޤުތުތަކާއި އެފަދަ ތަންތަނުގައި ކުރެވޭ ކަންކަމަކީ ކުޑަކުދިންގެ ސިކުނޑީގެ ތަރައްޤީއަށް، ވަރަށް މުހިންމު ކަންތައްތަކެކެވެ. ދެ އަހަރުން ދަށުގެ ކުޑަކުދިންގެ ސިކުނޑީގެ ތަރައްޤީއަށް ވާޗުއަލް ނުވަތަ ސްކުރީނެއްގެ ފަހަތުން ފެންނަ ކަންކަމަށްވުރެ، ދިރިއުޅޭ ވެށިން ފެންނަ ކަންކަމުން ކުރާ އަސަރު ރަނގަޅު ކަމަށާއި، 2 އަހަރުން ދަށުގެ ކުދިންނަށް އާއިލާއާއި މެމްބަރުންނާއެކު ކުރާ ވީޑިއޯ ކޯލްތަކުގެ އިތުރަށް އެއްވެސް ވަރަކަށް ސްކުރީންޓައިމް ނުދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އެމެރިކާގެ އެކަޑެމީ އޮފް ޕީޑިއަޓްރިކްސް އިން އަންގައެވެ.

އަދި ހަމަ އެހެންމެ، 2 އަހަރުން މަތީގެ ކުދިންނަށް ކޮންމެވެސް ވަރަކަށް ސްކުރީން ޓައިމް ދެވިދާނެއެވެ. ނަމަވެސް އެއީ ބެނެނިވެރިއެއްގެ ފުރިހަމަ ކޮންޓްރޯލާއެކުއެވެ. އެކުދިންނަށް ސްކުރީނުން ފެންނަ ތަކެތި ކިޔައިދީ ހެދުމަށާއި، އާންމު ދިރިއުޅުމުގައި އެކުދިންނަށް އެތަކެތި ފެންނަ ނަމަ، މެމަޢުލޫމާތުތައް ކުދިންނަށް ދިނުމަށެވެ. ނަމަވެސް މިފަދައިން ދެވޭ ސްކްރީން ޓައިމްވެސް ފޮތްކިޔުމާއި، އެކިއެކި ސިކުނޑި ތަރައްޤީކުރާ ހަރަކާތްތައް ހިމެނޭ "ޕްލޭ ޓައިމަށްވުރެ" އިސްވެގެންނުވާނެއެވެ.

2 އަހަރާއި 5 އަހަރާ ދެމެދުގެ ކުދިންނަށް ދުވާލެއްގެ މައްޗަށް 1 ގަޑިއިރަށްވުރެ ގިނަ ވަގުތު ސްކްރީން ޓައިމަށް ދިނުމަކީވެސް ރަނގަޅު ގޮތެއް ނޫނެވެ. އަދި ކުދިންނަށް ދައްކާ ޕްރޮގްރާމްތަކަކީ ކޮލިޓީ ރަނގަޅު ޕްރޮގްރާމް ތަކެއް ކަމުގައިވުންވެސް މުހިންމުކަމަށް އެއެކަޑެމީއިން ބުނެއެވެ.

ކޮލިޓީ ސްކްރީން ޓައިމެއް ކުދިންނަށް ދިނުމަށް އަންނަނިވި ކަންކަމަށް ރިޢާޔަތް ކުރާށެވެ

  • ކުދިންނަށް އެޕްތައް ނުވަތަ ޕްރޮގްރާމްތައް ކަނޑައެޅުމުގެ ކުރިން އަމިއްލައަށް އެޕްރޮގްރާމްތަކަކީ ދީނީ ގޮތުންނާއި އަޚްލާޤީގޮތުން އަދި ކުދިންނަށް ދެއްކުން ރަނގަޅު ޕްރޮގްރާމްތަކެއްތޯ ބަލާށެވެ. އެހެނީ ކުޑަކުދިންނަކީ އެކުދިންނަށް ފެނި، އަޑުއިވޭ ކަންކަން ވަރަށް ފަސޭހައިން ދަސްކޮށް ކޮޕީކުރާ ބައެކެވެ. ރަނގަޅަށް ޗެކު ނުކޮށް ކުދިން މިޑިޖިޓަލް ދުނިޔެއަށް ދޫކޮށްލައިފިނަމަ، އެކުދިންގެ ކިބައިގައި ނުރަނގަޅު ސިފަތަކެއް އަށަގެންފާނެއެވެ. އަދި އުމުރާ ނުގުޅޭ ތަކެތި ކުދިންނަށް ފެނި އަޚްލާޤީ ބަލިމަޑުކަމެއްގެ ތެރެއަށް ކުއްޖާ ގެނބިދާނެއެވެ.
  • ހަމައެކަނި ސްކުރީނަށް ބަލަން ނުވަތަ އެންމެ ފިތަކަށް ފިތާލަން ޖެހޭ ފަދަ ޕްރޮގްރާމްތަކުގެ ބަދަލުގައި، ގިނަ ކަންތައްތަކެއް ނުވަތަ ސްކުރީނާ ދުރު ހަރަކާތްތަކެއް ކުރަން ޖެހޭގޮތަށް ފަރުމާ ކުރެވިފައިވާ ޕްރޮގްރާމްތައް ހޯދާށެވެ.
  • ސްކުރީން ޓައިމް ދޭ ވަގުތުގައި ކުއްލިއަކަށް އަންނަ އެކިއެކި އިސްތިހާރުތައް ނުހިމެނޭ ޕްރޮގްރާމްތައް ނުވަތަ ތަޢުލީމީ-ގޭމްތައް ހޯދާށެވެ. ކުއްލިކުއްލިއަށް ޕްރޮގްރާމާ ނުގުޅޭ އިސްތިހާރުތައް ފެންނަނަމަ ކުދިންނަށް އޮޅޭގޮތްވެއެވެ. އަދި ގިނަފަހަރަށް މިފަދަ އިސްތިހާރުތަކުގައި ދީނީ، އަދި އަޚުލާޤީ ގޮތުން ކުދިންނަށް ދެއްކިގެން ނުވާނޭ ތަކެތި ހުންނަކަންވެސް ފާހަގަވެއެވެ.
  • ސްކްރީން ޓައިމް ކުއްޖާއަށް ދޭ ވަގުތުގައި ކުއްޖާގެ ކައިރީގައި އަބަދުވެސް ބެލެނިވެރިޔަކު ހުންނަންވާނެއެވެ. ޑިޖިޓަލް ދުނިޔެއަކީ، ރަނގަޅަށް ސުޕަވައިޒް ނުކޮށްފިނަމަ، ޅަދަރިންނަށް އެއްވެސް ވަރަކަށް ރައްކާތެރި ތަނެއްނޫނެވެ. އެހެންކަމުން ސްކުރީންޓައިމްދެވޭ ވަޤުތުތަގައި އެކުދިންގެ ގާތުގައި ބެލެނިވެރިޔަކު ހުރުން ވަރަށް މުހިންމެވެ.
  • އެދުވަހަކު ކުޅުނު ތަޢުލީމީ-ގޭމް، ނުވަތަ ބެލި ވީޑިއޯ ނުވަތަ ޕްރޮގްރާމާ ބެހޭގޮތުން ދޭތެރެއަކުން ސުވާލުކޮށް ހަދާށެވެ. އަދި ފެނުނު ކަންކަން ނުވަތަ އެނގުނު ކަންކަން ކުދިން ލައްވައި ބުނުވާށެވެ. މިއީ އެކުދިންގެ ސިކުނޑީގެ ތަރައްޤީއަށް ވަރަށް މުހިންމު ކަމެކެވެ.
  • އެޕްރޮގްރާމެއް ބަލަމުން ދާ ވަގުތު ނުވަތަ ތަޢުލީމީ-ގޭމެއް ކުޅޭ ވަގުތުވެސް އެކުދިންނަށް އޭގަ ވާނުވާ ރަނގަޅަށް ކިޔައިދީ ހަދާށެވެ. އަދި ފެންނަ ތަކެއްޗާބެހޭ މަޢުލޫމާތު އެކުއްޖެއްގެ އުމުރުފުރައަކާ ގުޅޭ ގޮތަކުން އެކުދިންނަށް ކިޔައިދީ ހަދާށެވެ.
  • އަވަސް ޕްރޮގްރާމްތައް ކުދިންނަށް ނުދައްކާށެވެ. އެފަދަ ޕްރޮގްރާމްތަކުގައި ކުދިންނަށް ނަގައިގަނެވޭ ވަރަށްވުރެ މާ އަވަސްއަވަހަށް ކަންކަން ބަދަލު ވަމުން ދިއުމުގެ ސަބަބުން ކުދިންނަށް އޭގެއިން، މާބޮޑު ފައިދާއެއް ނުކުރެއެވެ.
  • ކުދިން އިލެކްޓްރޯނިކް ވަސީލަތްތަށް ބޭނުންކުރާ ގޮތްތަށް ދެނެގަނެ، ކޮންޓްރޯލްކުރުން (ޕޭރެންޓަލް ކޮންޓްރޯލާ) ބެހޭ މަޢުލޫމާތު ހޯދައި، އުނގެނޭށެވެ.
  • ކާގަޑީގަ އަދި އާއިލާ އެކީ ވަގުތު ހޭދަކުރާ ވަގުތު ތަކުގައި ސްކުރީން ހުރި ތަކެތި ބޭނުންކުރުން ހުއްޓާލާށެވެ.
  • "ބޭބީސިޓާ" ނުވަތަ ކުދިން ބަލާ މީހެއްގޮތަށް ސްކުރީން ބޭނުން ނުކުރާށެވެ.
  • ކުދިން ނިދާވަގުތާ ކައިރިކޮށްފައި އެކުދިންނަށް ސްކުރީން ހުރި އާލާތެއް ނުދޭށެވެ. އަދި ނިދަން ކައިރިކޮށްފައި ސްކުރީންޓައިމްވެސް އެކުދިންނަށް ނުދޭށެވެ.

މަޢުލޫމާތު ނެގިފައިވަނީ ޑޮކްޓަކުންގެ ބައިނަލްއަޤްވާމީ އެންޖީއޯ އެއް ކަމަށްވާ www.mayoclinic.org އިންނެވެ.