ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޢިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 2021 ވަނަ އަހަރުގެ ޖެނުއަރީ 4 ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފިއެވެ.

ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ސޮއިކުރަށްވާ މިރޭ އާންމުކުރި ''އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް ޢިއުލާން ކުރާ ގަރާރު'' ގައި ބުނީ ރާއްޖޭގައި ކޯވިޑް-19 ފެތުުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި 12 މާޗުގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަަލުގެ ހާލަތު އަދިވެސް ދެމިއެބައޮތް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ ދެއްވާފައި ވާކަމަށެވެ.

Ad
rt

އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކަތެރިކަން ކަށަވަރު ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ލަފާ ދެއްވާފައި ވާތީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓަރަކަށް ލިބިދޭ ބާރުގެ ދަށުން 12 މާޗު 2020 އިން ފެށިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 4 ޖެނުއަރީ 2021ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް އެ ގަރާރުގައި ބުނެފައި ވެއެވެ.

ކޯވިޑް19 އާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކޮށްފައިވަނީ 12 މާޗުގައެވެ. 30 ދުވަހަށް އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުު އެކި ފަހަރުމަތިން އިތުރު ކޮށްފައިވާއިރު، އެންމެ ފަހުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިފަހުން، އެ މުއްދަތު ހަމަވާނީ މިރޭ 12:00ގެ ނިޔަލަށެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދަންމާލިއިރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭ ހާމަ ކުރެއްވި ގޮތުގައި އިއްޔެ އިރުއޮއްސި 6 އާއި ހަމައަށް ރާއްޖެއިން އިތުރު 37 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ކޯވިޑް ނަންބަރު ވަނީ 13،143 އަށް އަރާފައެވެ.

މިވަގުތު ރާއްޖޭގައި ކޯވިޑުން ރަނގަޅު ނުވެ ތިބީ 890 މީހުންނެވެ. މިހާތަނަށް 12،199 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފައެވެ. އަދި އެބަލީގައި 47 މީހަކު ވަނީ މަރުވެފަ އެވެ. އެބަލި ޖެހިފައިވާ 78 މީހަކަށް މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ދަނީ ފަރުވާ ދެމުންނެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދަންމާލި ނަމަވެސް ސަރުކާރުން އަންނަނީ ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުތައް ގެންނަމުންނެވެ. މިގޮތުން ޑިސެމްބަރު 4 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުންނާއި، މާލެއިން އަތޮޅުތެރެއަށާއި، ރިޒޯޓުތަކުން ރަށްރަށަށް ދަތުރުކުރާ މީހުންނާއި، އަދި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ މީހުން ކަރަންޓީނުވުމުގެ މުއްދަތު 10 ދުވަސް ކަމަށް ކަނޑައަޅައި، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިިހާ ރަށަކާއި އެއާޕޯޓު ހިންގާ ރަށްރަށުގައި މާސްކު އަޅައިގެން އުޅުމަށް، އެޗްޕީއޭއިން ވަނީ އަންގާފައެވެ.