އިޖުތިމާއީ މައްސަލަތައް އުފެދުމުގެ މައިގަނޑު އަސްލެއް ކަމުގައި ހިމެނޭ ބޯހިޔާވަހިކަމުގެ ދަތިތަކާއި ގުޅޭގޮތުން އާއްމުންގެ އަޑު އުފުލުމަށްޓަކައި އަމިއްލަ ޖަމިއްޔާއެއް "އާއްމުންގެ އެކުވެރި ގުޅުން" މި ނަމުގައި ޖަމިއްޔާއެއް މިއަދު ރަޖިސްޓްރީ ކޮށްފިއެވެ.

މިއީ، މިހާރުވެސް ހިޔާ ފްލެޓްތަކަށް ގެނައި ބަދަލުތަކާއި އޭގެ ސަބަބުން އާއްމުންނަށް ދިމާވަމުންދާ ދަތިތައް ހިއްސާކުރުމަށް އުފައްދާފައިވާ ވައިބާ ކޮމިއުނިޓީ "ކޮތަރު ކޮށި" ގްރޫޕް ހިންގާ ފަރާތްތަކުން އިސްނަގައިގެން އުފެއްދި ޖަމިއްޔާއެއްކަމަށް މަޢުލޫމާތު ލިބެއެވެ.

Ad
rt

އެޖަމިއްޔާގެ އޮފިސަލަކު ވިދާޅުވީ، އެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އާއްމު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި މިނޫންވެސް އިޖުތިމާއީ މައްސަލަތަކުގައި އާއްމުންގެ އަޑު އުފުލައިދިނުމެވެ. އަދި މިފަދަ މައްސަލަތަކުގައި އާއްމުންނަށް އެކުވެރިކަމާއެކު އިދާރާތަށް ޖަވާބުދާރީ ކުރުވުމަށް މަސައްކަތްކުރާނެ މާހައުލެއް ހޯދައިދިންކަމަށެވެ.

އާއްމުންގެ އެކުވެރި ގުޅުން ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި މިވަގުތަށް އެ ޖަމިއްޔާއިން އެއްމެ މުހިއްމު ކަމެއްގެ ގޮތުގައި ކުރިއަށް ގެންދާނީ ހިޔާ ފްލެޓާއި ގުޅުން ހުރި މަސައްކަތްތަކެވެ. އެގޮތުން ރާއްޖޭގެ މައި ސިޔާސީ ޕާޓީތަކާއި ސިޔާސީ ވެރިންނާއި ބައްދަލުކޮށް "ކޮތަރު ކޮށި" ގްރޫޕުގެ 3،700 މެންބަރުންގެ ހައްގުގައި ވާހަކަ ދައްކަން އެދިފައިވެއެވެ.

ނޭޝަނަލް ބިއުރޯގެ ތަފާސްހިސާބުތަކުން އެނގޭގޮތުގައި މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ %74 ކުއްޔަށް ދިރިއުޅޭއިރު އެވްރެޖް ކުއްޔަކީ 13،494ރުފިޔާއެވެ. އެހެންކަމުން ބޯހިޔާވަހިކަމަކީ އަވަސް ހައްލެއް އާއްމުން ބޭނުންވެފައިވާ ދާއިރާއެކެވެ.

މީގެ އިތުރުންވެސް އާއްމުންނަށް ދިމާވާ އިޖުތިމާއީ މައްސަލަތަކާއި ގުޅިފައިވާ އެކި ދާއިރާތަކުގައި އާއްމު މީހާގެ ހައްގުތައް ހޯދައިދިނުމަށްޓަކައި ކުރިއަށް އޮތްތަނުގައި ވަކާލާތުކުރާނެކަމަށް މި ޖަމިއްޔާއިންވަނީ ބުނެފައެވެ.