"ހިޔާ" މަޝްރޫއުގެ 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ H7 ކެޓަގަރީގެ ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ އާންމުކޮށްފި އެވެ.

އެ ކޮމިޓީން މިއަދު ވަނީ H7 ކެޓަގަރީން ފްލެޓަށް އެދި ހުށަހެޅި މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓު އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

Ad
rt

"ހިޔާ" މަޝްރޫޢުގެ H7 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓު 1 އަދި ލިސްޓު 2 މި އިޢުލާނާއެކު ވަނީ އާންމު ކޮށްފަ އެވެ. އަދި ޝަރުތުހަމަނުވާ ފަރާތްތަކުގެ (ޝަރުތުހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު) ވަގުތީ ލިސްޓުވެސް މި އިޢުލާނާއެކު ޢާންމުކޮށްފައިވެއެވެ. އަދި މި ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައް ސަބަބާއެކު ވަގުތީ ލިސްޓުގައި ފާހަގަކޮށްފައިވެސްވެއެވެ.

މިލިސްޓުން ފުލެޓް ލިބޭނީ ލިސްޓުގެ 805 ވަނައިން މަތީގައި ތިބި ފަރާތްތަކަށެވެ.

އެ ލިސްޓުތަކުގައި ފްލެޓަށް ހުށަހެޅި މީހުންގެ ވަނަވަރާއި ޕޮއިންޓް ލިބިފައިވާ އަދަދު އަދި ކުރިން ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްސީލް ވެސް ވަނީ ހިމަނައިފަ އެވެ. އެ ކެޓަގަރީއަށް 7808 މީހަކު ޝަރުތު ހަމަވެއެވެ. އަދި ފްލެޓަށް އެދުނު މީހުންގެ ތެރެއިން 1248 މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް ލިސްޓުގައިވެއެވެ.

"ހިޔާ" މަޝްރޫޢުގެ H7 ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވާ ފަރާތްތައް ކަނޑައެޅިފައިވާނީ، 6 ޝަރުތުތަކަށް ބެލުމަށްފަހުކަމަށް އެއިޢުލާނުގައި ބުނެފައިވެއެވެ.

  1. ދިވެއްސަކަށްވުން
  2. ފޯމު ހުށަހަޅާ ތާރީޚާ ހަމައަށް މީލާދީގޮތުން 18 އަހަރު ފުރި، 30 އެޕްރީލް 2018 އަށް މީލާދީގޮތުން 41 އަހަރު ފުރިފައިނުވުން
  3. ފޯމު ހުށަހަޅާ ތާރީޚުގައި ކައިވެންޏެއްކޮށްގެން އުޅޭ ފަރާތަކަށްވުން
  4. ފޯމުގައި ހިމެނޭ ޖުމްލަ އާމްދަނީއަށް މަހަކު 7000 (ހަތްހާސް) ދިވެހި ރުފިޔާ ލިބުން
  5. މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅޭ އަދި މާލެ ހުޅުމާލެ ނުވަތަ ވިލިމާލޭގައި ފްލެޓަށް އެދޭމީހާ ނުވަތަ ފްލެޓަށް އެދޭ މީހާގެ އަނބި / ފިރިމީހާ ވަޒީފާ އަދާކުރުން ނުވަތަ، ފްލެޓަށް އެދޭ މީހާގެ އަނބި / ފިރިމީހާ ނުވަތަ/އަދި ދަރިން މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅޭ އަދި ފްލެޓަށް އެދޭ މީހާ ކ. އަތޮޅު އެއްވެސް ރަށެއް/ރިސޯޓެއްގައި ވަޒީފާ އަދާކުރުން
  6. މާލެއިން 600 އަކަފޫޓު ނުވަތަ 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް/ފްލެޓެއް/ރޯހައުސެއް ލިބިފައިވާ ފަރާތެއްކަމުގައި ނުވުން

"ހިޔާ" މަޝްރޫޢުގެ H7 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މިއަދު، 1 ޑިސެންބަރު 2020 އިން ފެށިގެން 13 ޑިސެންބަރު 2020 ގެ 15:00 ނިޔަލަށް ހުޅުވާލެވޭނެ ވާހަކަ ދަންނަވަމެވެ. މިގޮތުން https://hcp.presidency.gov.mv/ މެދުވެރިކޮށް މި ލިސްޓަށް ޝަކުވާ ހުށަހެޅުއްވުމަށް ދަންނަވަމެވެ. "ހިޔާ" މަޝްރޫޢުގެ ދާއިމީ ލިސްޓް އެކުލަވާލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރެވޭނެއެވެ. މިކަމާގުޅޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3010718 އަށް ގުޅުއްވުން އެދެމެވެ.

"ހިޔާ" މަޝްރޫޢުގެ އެހެން ކެޓަގަރީތަކުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ވަގުތީ ލިސްޓް އިޢުލާންކުރެވޭނެ ވާހަކަ އެކޮމެޓީން ވަނީ ދަންނަވާފަ އެވެ.

ލިސްޓު 1

ލިސްޓު 2

ޝަރުތުހަމަނުވާ ފަރާތްތަކުގެ (ޝަރުތުހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު) ވަގުތީ ލިސްޓު