ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، މާދަމާ ހަވީރުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިމަހުގެ 3 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށެވެ.
މިތޫފާން ހުޅަނގަށް ދަތުރުކޮށް 3 ޑިސެމްބަރުވާ ބުރާސްފަތި ދުވަހު ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރިފަށާއި ކައިރިވާނެކަމަށް ލަފާކުރެވޭ،
މިކޮޅިގަނޑު އުފެދި، އަންނަމުންދާ ބަދަލުތައް ބަލަމުންދާކަމަށްވެސް މެޓް އޮފީސް އިން ވިދާޅުވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ އިރުދެކުނުން ދެކުނު އިންޑިއާ ކަނޑުގައިވެސް ކޮޅިގަނޑެއް އުފެދިފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި މިމަހުގެ 3 ވާ ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާ ބަންދު ތެރެއާއެކު ރާއްޖޭގެ ސަރަޙައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވެގެންދާނެކަމަށް ބެލެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
މިކަމާގުޅިިގެން ރާއްޖޭގެ މޫސުމަށް ފޯރާނެކަމަށް ބެލެވޭ އަސަރުތައް އެ އިދާރާއިން އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން، ނެރޭ ސަމާލު، އަދި އިންޒާރުގެ މެސެޖްތައް މެދުވެރިކޮށް އާންމުކުރަމުންދާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، ގުގުރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ދެކުނު ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.
އެ ކޮޅިގަނޑު ތޫފާނަކަށް ބަދަލު ވުމުން ދޭން ކަނޑައަޅާފައިވާ ނަމަކީ ބުރެވި އެވެ. ތޫފާން ބުރެވި އާއި ގުޅިގެން ލަންކާގައި ވަނީ ރަތް ސަމާލު ނެރެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!