"ކާނާގެ ޔަޤީންކަން" ކަށަވަރު ކުރުމުގައި ދަނޑުވެރިކަން ޙިއްޞާކުރާ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން، މާލޭގައި "އާބަން ގާޑެނިން" މޮޑެލްއެއް ތަޢާރަފް ކުރުމުގެ މަސައްކަތް ފައްޓަވައިފި އެވެ.

އެ މިނިސްޓްރީން ވިދާޅުވެފައިވަނީ އޮކްޓޯބަރ 27 ވަނަ ދުވަހު އައިލެންޑާރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑް އާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއީ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގައި މިނިސްޓްރީގެ ފަންނީ ލަފަޔާއި އިރުޝާދުގެ ދަށުން ތައްޔާރުކުރާ އާބަން ގާޑެނިންގ މޮޑެލްގެ އަމަލީ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

Ad
rt

މި ޕްރޮގްރާމް އިފްތިތާޙްކޮށް ދެއްވާފައިވަނީ ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ އަލްފާޟިލާ ޒަހާ ވަހީދް އެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ސްކޫލްގެ ދަރިވަރުން އަހުލުވެރިވުމުގެ މުހިންމުކަމާއި ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް ފަރުދީ ފެންވަރުގައި ކުރާ ދަނޑުވެރިކަމަށް ފަހި މާޙައުލެއް ކަށަވަރުކޮށްދިނުމުގައި އާބަން ގާޑެނިން ހިއްޞާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

އަދި މިމޮޑެލްގައި ގަސްހެއްދުމަށް ވިހަ ކެމިކަލް އެކުލެވޭ ބާރުގަދަ ބޭސްތައް ބޭނުމެއް ނުކުރާނެ ކަމަށާއި ގަސްކާނާގެ ގޮތުގައި މައިގަނޑު ގޮތަކަށް ބޭނުންކުރާނީ އޯގަނިކް ކޮމްޕޯސްޓްގެ ބާވަތްތައް ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނެފައިވަނީ ގޭބިސީތަކުން އުކާލާ ތަކެތި ބޭނުންކޮށްގެން ގަސްކާނާ އުފައްދައި، އެތަކެތި ބޭނުންކުރުންވެސް މިޕްރޮގްރާމްގައި ހިމެނާފައިވާނެ ކަމަށާއި މިނިސްޓްރީގެ އިސްނެގުމާއެކު ފެށި މި ޕްރޮގްރާމް ކުރިއަށްދާނީ އައިލެންޑާރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފަށާފައިވާ "ވަން އާތު އެކަޑަމީ" ޕްރޮގްރާމްއާއި ގުޅުވާލައިގެން ކަމަށެވެ.

ވަން އާތު އެކަޑަމީ ޕޮރޮގްރާމަކީ ދަރިވަރުންނަށް ނަފްސުގެ ފުދުންތެރިކަމާއި(“Self-Sufficient”) އެކު ތިމާވެއްޓާއި ރައްޓެހި ދިރިއުޅުމެއް ދަސްކޮށްދިނުމުގެ މަޤްޞަދުގައި އެކުންފުންނިން ފަށާފައިވާ ޕްރޮގްރާމެކެވެ. އަދި ސްކޫލުގެ ފަރާތުން މިޕްރޮގްރާމްގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ލޯގޯވެސް ވަނީ މިރަސްމިއްޔާތުގައި ނެރެދެއްވާފައެވެ. އާބަންގާޑެނިންގ ޕްރޮގްރާމްގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ޕްރޮމޯޓްކުރުމަށް ސްކޫލުން ގެންގުޅުއްވާނެ ޝިޢާރަކީ "ގްރޯ ފްރޮމް ހޯމް" މި ޝިޢާރެވެ.