ދުނިޔެ ބަވަނަވަމުން، ތަރައްޤީވަމުން، ތަހުޒީބުވަމުން މިދާ ބާރުމިނުގައި ބާރަށް އުދުހޭ ދޫނިތަކަށްވުރެވެސް ބާރަށް އުދުހެމުން ގޮސް އެތައް އަލިއަހަރެއް ހުރަސްކޮށްފި ކަހަލައެވެ. ހީވެސްނުކުރާހާ އަވަސްމިނެއްގައެވެ.

އިއްޔެ ކުޑަކުދިން ފަރުމަތިން ބޮލިހޮވަމުން، ވަލުތެރޭން ގޮބު ހޮވަމުން، މޫދުގައި ކަނދުފަތި ދުއްވަމުން މަޖާނެގި ދުވަސްތައް މިއަދު މާޒީވެ ގޮސްފިއެވެ. އަދުގެ ކުޑަކުދިންނަށް މިބުނެވުނު ކަންތައްތަކަކީ ވަރަށް އުނދަގޫ، "އެޑްވެންޗަރަސް" ކަންތައްތަކަކެއްކަމުގައި ޤަބޫލުކުރެވިދާނެއެވެ.

Ad
rt

ނަމަވެސް އިއްޔެގެ ކުޑަކުދިންނަށް އެއީ އެދުރުދައިތަގެއިން ނުކުމެ ގޭތެރޭގަ މަންމަމެންނަށް އެހީވުމަށް ކުރަން އޮތް މަސައްކަތެއްވިއްޔާ ކޮށްފައި ދެން ހަމަ އާދަވެގެން ކުރާ ކަންކަމެވެ. ނަމަވެސް އަދުގެ ކުޑަކުދިންގެ ޖީލަށް މިފަދަކަންތަކަކީ މާ މަޖާ ނުވަތަ ކުރާހިތްވާ ކަންތައްތަކެއް ކަމުގައި ނުވެއެވެ.

އާދެ ކީއްވެތޯއެވެ؟ މަދަރުސާ މަސައްކަތް ގިނައީއެއް ނޫނެވެ. ޓިއުޝަންތައް ގިނައީއެއްވެސް ނޫނެވެ. ކުރަންޖެހޭ އަޅުކަންތައް ގިނަވެފައޮތީއެއްވެސް ނޫނެވެ. ދެބަހުގެ ލަފުޒެކެވެ. "ވީޑިއޯ ގޭމެވެ."

ޤަބޫލު ކުރެވުނަސް ނުވަތަ ނުކުރެވުނަސް ނުވަތަ ކުރަން ބޭނުން ނުވިނަމަވެސް އަދުގެ ޙާލަތު، އޭގެ ދުލުން ބުނަމުންދާ ވާހަކައަކީ، ވީޑިއޯ ގޭމްތައް މިވަނީ އަހަރެމެންގެ ޅަދަރިންގެ ސިކުނޑިތައް ކާލާފައެވެ. ޤުރްއާނުން އަކުރެއް ކިޔެވޭ ކަމަށްވަނީ، ކިޔަވާނިންމާފައި ޕްލޭސްޓޭޝަން ކުޅެން ބައްޕަ ހުއްދަ ދޭނަމައެވެ. މިސްކިތަށް ނަމާދަށް ދެވެނީ އަތުގަ އޮތް "ޕީ.އެސް.ޕީ" މަންމަ ނަގާ ފޮރުވީމައެވެ. ހޯމްވޯކް ހަދާނިމުނީމާ ނޫނީ "ފީފާ-2020" ގޭމް ސީޑީ ބައްޕަ ނުދޭނެކަން އެނގޭތީ ހެދުނުގޮތަކަށް ހޯމްވޯކް ހަދާލާފައި ސީޑީ އަތުލައިގެން ދެން ފަށަނީ އެކުޅޭށެވެ.

އަދި މިކަމަށް ހުރި ފޯރި އެންމެބޮޑަށް ތިލަވެގެންދިޔައީ މި "ކޯވިޑް-19" ބަލާއާފާތުގެ ދުވަސްވަރު އޮންލައިން ކޮށް ކިޔަވައިދީ-ކިޔަވަން ޖެހުމުންނެވެ. އެންމެފަހުން ހުކުރު ޚުތުބާގައި ކުދިންނަށް ނަސޭހަތްދޭންވެސް ޖެހުނީއެވެ.

މުދައްރިސު ކުލާހަށް ވަންނައިރު ހުރިހާކުރިން ހާޒިރެވެ. ނަމަވެސް ގްރޭޑުގެ ހުރިހާ ކުލާހެއް އެއްކޮށްލައިގެން "ގޫގުލް-މީޓް" ގައި ކްލާސް ނަގާއިރުވެސް އަނގައިން ބުނެލާ އުޅެނީ ދެތިން ކުއްޖެކެވެ. ފިލާވަޅު ނަގައިދެމުން އެވެނި ކުއްޖެއްގެ ނަން ގޮވާލާފައި ސުވާލެއްކޮށްލުމުން އަންނަނީ ހަނދުވަރުނުދޭ، ވައިނުޖެހޭ ރެއެއްގެ ފަތިސްވަގުތު ޖެހެން ކައިރިވެފައި އޮންނައިރު މަގުމައްޗަށް ވެރިވެފައި އޮންނަފަދަ ހަމަހިމޭންކަމެކެވެ. ބެލެނިވެރިއާއަށް ގުޅާފައި މިވެގެންއުޅޭގޮތް ބަލާލާއިރު، މަންމަ މޭގައި އަތްޖަހާލާފައި ބުނަނީ މަގޭ ދަރިފުޅު ބަރާބަރަށް ކުލާހަށް ވެދެޔޯއެވެ. ވަންނަކަން ޖަގީންވެސް ކުރަމޯއެވެ. ރަނގަޅަށް ވެގެންއުޅެގޮތް ބަލާލީމާ މިއިނގެނީ، "ގޫގުލް-މީޓުން" ކުލާހަށްވަދެ އަޑު ކަނޑާލުމަށްފަހު ދަރިފުޅު މިއިންނަނީ އޮންލައިން ގޭމެއްގައެވެ.

މިހިސާބަށް ކަންތަށް ދާން މެދުވެރިވާނީ އިހުމާލުތަކެއް ވެވުނީމައެވެ. ނުވަތަ ފަރުވާކުޑަކުރުންތަކެއް ހުރީމައެވެ. އެނޫންގޮތެއް ނެތީއޭ ބުނާ ބެލެނިވެރިންވެސް އުޅޭނެއެވެ. ނަމަވެސް އަދިއެއްފަހަރު ހަތިޔާރު ބަހައްޓާފައި، ހަމަޖެހިލައިގެން ހުރެ ރަނގަޅަށް ވިސްނައިފިނަމަ، އެނޫން ގޮތްތަކެއްވެސް އެބަހުރިކަން އެނގޭނެއެވެ. ނަމަވެސް މިވަގުތަކީ އިހުމާލުގެ ވާހަކަ މާބާރަށް ދައްކަންވީ ވަގުތެއް ނޫނެވެ. އަދި އެކަކު އަނެކަކު ގޯސްކޮށް އެކަކު އަނެކަކަށް އިނގިލި ދިއްކުރައްވީ ވަގުތެއްވެސް ނޫނެވެ. އިނގިލި ދިއްކުރަންވެއްޖެނަމަ ސަލާމަތްވާނެ އެކަކުވެސް ނެތެވެ. މީހަކާ ދިމާލަށް އެއް އިނގިލި ދިއްކުރިއްޔާ، ތިން އިނގިލި ދިމާވެފައިވަނީ އަމިއްލަ ނަފުސާ ދިމާލަށެވެ. ވީމާ މިކަން ހައްލުކުރާނެ ގޮތަކާމެދު ވާހަކަދެއްކުން ބުއްދިވެރިއެވެ. ކޮންމެ މީހަކުވެސް ތިމާއަށް ހެދުނު ގޯސް، އެއީ ގޯހެއްކަމުގައި ބަލައިގަނެ ކަންކަން ރަނގަޅުކުރަން ހިފައިގަތީމާ ކުރިއެރުމެއް ލިބިދާނެއެވެ.

އެހެންކަމުން، ވީޑިއޯ-ގޭމުގެ އަވާގައި ދަރިން ޖެހިފައިވާ ވެއްޓެއްގައި ކުދިން އެކަމުން ދުރުކުރުމަށް ކުރެވިދާނެ ކަންތައްތަކަކާމެދު ވާހަކަދައްކާލަމާތޯއެވެ.

• ފުރަތަމަކަމަކަށް ސިކުނޑީގަ ބަހައްޓަން ވީކަމަކީ، ކޮންމެ މުސްލިމު މަންމައާއި ބައްޕައަކުވެއް އެދެމީހުންގެ ދަރިންނަކީ ރަނގަޅު އިސްލާމީ ތަރުބިއްޔަތެއްގެ މަތީގައި ބޮޑުވާ ބައެއްކަމުގައި ހަދަން ބޭނުންވާނެއެވެ. ނުވާނަމަ އެއީ ބޮޑު މައްސަލައެކެވެ. އިސްލާމީ ތަރުބިއްޔަތަށްވުރެ އެހެން ޘަޤާފަތްތަކުގެ ތަރުބިއްޔަތު މޮޅުވެފައި، ޒަމާނާ ގުޅިފައި، ތަހުޒީބު ކަމަށް ދެކޭނަމަ، ފުރަތަމަ އިސްލާޙުވާންވީ ތިމާއެވެ.

ދަރިންގެ ވާހަކަ އިހަށް ދައްކާނީ ފަހުންނެވެ. އެހެންކަމުން އިސްލާމީ ތަރުބަވީ ޢިލްމުވެރިންނާއި މުރައްބީން ހޯދައި، އެބޭބޭކަލުންގެ ކިބައިން ކަންކަން އޮޅުންފިލުވައި ނުވަތަ ކުލާސްތައް ނެގެން އޮތްނަމަ ކުލާސްތައް ނަގައިގެންވެސް ތިމާގެ ވިސްނުން ރަނގަޅުކުރެވޭތޯ މަސައްކަތް ކުރާށެވެ. "މެއިންސްޓްރީމް" ނުވަތަ މުޖުތަމަޢުގައި ވައިގަ ހިފައިފައިވާ ގޮތަކީ އެންމެ ރަނގަޅުގޮތްކަމުގައި ނުވެދާނެކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ.

• ދެވަނަކަމަކަށް ހަނދާނުގައި ބަހައްޓަންވީ ކަމަކީ، ވީޑިއޯ ގޭމް ކުޅެން ދެވިހިފައިފައިވާ ބަޔަކަށް ކުއްލިއަކަށް ގޭމް ކުޅުން އެއްކޮށް ހުއްޓާލަން އެންގުމަކީ ބުއްދިވެރިކަމަކަށް ނުވާނެއެވެ. އަދި މިކަމުން އެދެވޭ ނަތީޖާއެއް ނުނުކުމެ، އިތުރު އެހެން މައްސަލަތަކެއްގެ ތެރެއަށް ހުށަހެޅިވެސްދާނެއެވެ.

އެހެންކަމުން މިފަދަ ޙާލަތެއްގައިވާ ކުއްޖަކާ "ޑީލް" ކުރަންވާނީ ވަރަށް ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކުއެވެ. ކުރިމަތީގައި އޮތީ އުނދަގޫ އަދި ބުރަ ދުވަސްތަކެއްކަން ދަނެގެންނެވެ. ހަމައެއާއެކު، މައްސަލަ ޙައްލުވެއްޖެނަމަ، އެތައް ބައިވަރު ހާސްކަމަކާއި ބޯގޮވުންތަކަކުން ތިމާ ސަލާމަތްވެވޭނެކަންވެސް ދަނެގެންނެވެ. ވީމާ މިފަދަ ކުއްޖަކާ ކުރިމަތިލާންވާނީ، އެކުއްޖާގެ ބައިވެރިއެއްގެ ގޮތުގައާއި މަގުދައްކުވައިދޭ މީހެއްގެ ގޮތުގައެވެ.

• ކުއްޖާގެ ބައިވެރިއެއްގެ ގޮތުގައޭ ބުނުމުން އޭގެ މާނައަކީ އެއްވެސް ޙާލެއްގައި ކުއްޖާއެކޭ އެއްފަދައިން ގޭމްކުޅެ، "މަލްޓި-ޕްލޭއާ" ކޮށް ދަރިފުޅާއެކީ ކުޅޭށެކޭނޫނެވެ. އޭގެ ބަދަލުގައި، މިސާލަކަށް ދަރިފުޅާއެކު ކުޅޭނެ ގޭމްތައް ކަނޑައަޅަން ތިމާއަށް އުޅެވިދާނެއެވެ. އެގޮތުން، އިސްލާމްދީނާ ޚިލާފުކަމެއް އޭގައިނުވާ، ދަރިފުޅުގެ އުމުރާގުޅެ އަދި އޭގެސަބަބުން ދަރިފުޅުގެ އަޚްލާޤަށް އުނިކަމެއް ނައަންނާނެފަދަ ގޭމްތައް އިޚްތިޔާރު ކުރާށެވެ.

• މަގުދައްކުވައިދޭ މީހެކޭ މިބުނެވުނީ، ދަރިފުޅަށް ރަނގަޅަށް މަގުދައްކުވައި ނުދީފިނަމަ، މިކަން ކާމިޔާބު ނުވާނެތީއެވެ. މާނައަކީ ދަރިފުޅާއެކު ކޮންމެވެސް ތާކަށް ގޮސްލައި، ހަމަޖެހިލައިގެން ދަރިފުޅާ ވާހަކަދައްކާނޭ ފުރުސަތެއް ހޯދުމަށްފަހު ވީޑިއޯ ގޭމުގެ މައުޟޫ ގެނެސް، ބެލެނިވެރިއެއްގެ ޙައިސިއްޔަތުން ތިމާ ދަންކަންޖެހޭ ވާހަކަތަށް ދެއްކުމެވެ. ދަރިފުޅަށް ޤަބޫލުކުރެވޭނޭ ފަދަ ގޮތަކަށެވެ.

ގޭމްކުޅެން ހުއްޓައި "ޖޯއީސްޓިކް" ޖަހައިގެންފައި ހަޅެއްލަވައިގަތަކަސް ނުވާނެއެވެ. ދަރިފުޅަށް ރިވެތިގޮތުގައި ނަސޭހަތް ދޭށެވެ. ގޭމް ކުޅުމަކީ ދިރިއުޅުމުގެ މަޤްސަދު ނޫންކަން ހަނދާންކޮށްދޭށެވެ. ގޭމް ކުޅެން ބޭނުންނަމަ އެކަމުގައިވެސް ލިމިޓުތަކެއް ކަނޑައަޅަންޖެހޭނޭކަމާއި، ކުޅެވޭނީ ވަކި ކަހަލަ ގޭމްތަކެއް ކަމާއި، ވަކި ކަހަލަ ގޭމްތަކަކީ އެއްވެސް ގޮތަކަށް ކުޅުން ކީއްކުރަން އެއާ ގާތަވާންވެސް ހެޔޮނުވާވަރުގެ ގޭމްތަކެއްކަން ކުއްޖާއަށް ވިސްނުވައިދޭށެވެ.

ދީނީ އަޅުކަންތަކާއި، މަދަރުސީ ފިލާވަޅުތަކާއި ހަށިގަނޑުގެ ދުޅަހެޔޮކަމަކީ "އިސްކަންދޭ ތަރުތީބުގެ ލިސްޓުގައި" ގޭމަށްވުރެ ކުރީގައި ބަހައްޓަންޖެހޭ ބައިތަކެއްކަމުގައި ވިސްނުވައިދޭށެވެ. ވިސްނުވައިދޭއިރު ނުވަތަ މަގު ދައްކާއިރު އަބަދުވެސް ބެލެނިވެރިން ހަނދާން ކުރަންޖެހޭ ކަމެއް ވެއެވެ. ފުރަތަމަ މަހަށް ދާދުވަހު އެންމެ މަހެއްވެސް ނުބޭނި ހުސްއަތާ އަންނަން ޖެހިދާނެއެވެ. ނަމަވެސް އެހިސާބުން ތިމަންނައަކީ މަސްބޭނޭނޭ މީހެއް ނޫނޭ ކިޔާފައި ދެން ދުވަހަކުވެސް މަހަށް ނުގޮސް ހުންނަން ވެއްޖެ ނަމަ ތިމާއަކީ މޮޔައެއްކަމުގައި ދެކެވިދާނެއެވެ. އެހެންކަމުން ކެތްތެރިކަން އިސްކުރުން ވަރަށް މުހިންމެވެ.

އެންމެ ދުވަހަކު ހަމައެކަނި ނަސޭހަތެއްދީގެން ކުއްޖާއަށް ނުވިސްނިދާނެއެވެ. އޯގާތެރިކަމާއެކު ކުދިންނަށް ވިސްނުވައިދޭށެވެ. މައުޟޫއާ ގުޅޭ ވާހަކަތައް ކުދިންނަށް ކިޔައިދޭށެވެ. ލިމިޓެއްނެތި ވީޑިއޯގޭމް ކުޅުމުގެ ސަބަބުން ހިނގާފަ ހުރި ހިތާމަވެރި ހާދިޘާތައް ކުދިންނަށް ކިޔައިދީ ހަދާށެވެ. ވަގުތު ހޯދައިގެން މިފަދައިން ކުދިންނަށް ވިސްނުވައިދޭށެވެ. މިކަންކުރުމަށް ޓަކައި ވަގުތުހޯދުމަށް އޮފީހުން ޗުއްޓީއެއް ނަގަން ޖެހޭނަމަ ޗުއްޓީވެސް ނަގާށެވެ. މިކަމަށް ވަގުތު ދިނުން ވަރަށް މުހިންމެވެ.

• ދަރިފުޅަށް ވިސްނެންފެށުމުން، ގޭމްކުޅުމުގެ ކުރިއަށް އެހެން ކަންތައް އިސްކުރާނެގޮތް ދަރިންނަށް ދަސްކޮށްދޭށެވެ. މިސާލަކަށް ދުވާލަކަށް ވަކި ވަގުތުކޮޅަކަށްވުރެ ގިނައިން ގޭމް ނުކުޅެވޭނެކަން އަނގުވައިދޭށެވެ. އަދި ގޭމް ކުޅުމުގެ ކުރިން ކޮންމެހެން ކުރަންޖެހޭ ކަންކަން ހުރިކަން ވިސްނުވައިދީ، އެކަންތައް "ރަނގަޅަށް" ކުރުމަށް ކުދިންނަށް ހިތްވަރުދޭށެވެ. އަދި އެކަންތައް ކުރުމުގައި ކުދިންނާ ބައިވެރިވާށެވެ.

މިސާލަކަށް ޤުރްއާނުން މިންވަރެއް ކިޔެވުން ނުވަތަ ހިތުދަސްކުރުން، ކޮޓަރި ސާފުކޮށްލުން، އަދި ގޭތެރޭގެ ކަންކަމުގައި އެހީވުންފަދަ ކަންކަން ހިމެނިދާނެއެވެ. މިއީ ނަމާދާއި، ހޯމްވޯކާއި، ފިލާވަޅު ދަސްކުރުމުގެ އިތުރަށް ކުރާ ކަންތައްތަކެކެވެ. އަދި ކުދިންގެ ޝަޢުޤުވެރިކަން އެހެންކަމަކަށް އަނބުރުވައިލުމަށް ކުއްޖާއަށް ކުރެވިދާނެ މޮޅެތި-ބޮޑެތި ކަންކަން ހުރިކަން ދަރިފުޅަށް ކިޔައިދޭށެވެ.

މިސާލަކަށް އާޓިކަލް ލިޔެ ޕަބްލިޝްކުރުން، ކުނިން ތަކެތި ހެދުމަށްފަހު ވިއްކުން އަދި "ހޮބީ" އެއްގެ ގޮތުގައި ވަޑާން ކޮށް ކުދިކުދި އެއްޗިހި ހެދުން ފަދަ ކަންކަމަކީ ކުދިން އެކަމަށް ޝަޢުޤުވެރި ވެއްޖެނަމަ، ވަރަށް ކުރާހިތުން ކުރާނޭ ކަންތައްތަކެއްކަން ޔަޤީނެވެ. އަދި މިކަންކަމަށް ބެލެނިވެރިންގެ އެއްބާރުލުން ވަރަށް މުހިންމުވާނެއެވެ.

• ދަރިންނާއެކު ވަގުތު ހޭދަކުރާށެވެ. ދެމަފިރިން އެކީ ނުވަތަ ބަހާލައިގެން ނަމަވެސް ރަނގަޅުވާނެއެވެ. މިފިތުނަވެރި ޒަމާނުގެ އަނދިރި ދުނިޔެއަށް ދަރިން އެކަނިމާއެކަނި ދޫކޮށް ނުލާށެވެ. އަދި އެދަރިފުޅާއެކު ވަގުތުހޭދަކޮށް، އެކުދިންގެ ދުނިޔެއަކީ އިސްލާމީ ތަރުބަވީ ނޫރުން އަލިވެފައިވާ ތަނެއްކަމުގައި ހަދާށެވެ.

ދަރިން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްފައި ބެލެނިވެރިން ޑުރާމާ ބަލަން ނުވަތަ ކަންމަތީ ހޮޓަލުގައި ރާޒުވާ ކުޅެން އުޅޭނަމަ، އަދުގެ ޅަދަރިންގެ ޖީލު ދާނީ ހަލާކުވެގެންނެވެ. ތިމާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާށެވެ. މަސްއޫލިއްޔަތާމެދު ސުވާލު ކުރެވޭނޭ ދުވަހު ތިމާ ބުނާނީ ކީކޭތޯއެވެ؟

• ދަރިންނާއެކު ގެއިން ބޭރުގައި ކޮންމެވެސްކަހަލަ މަޖާ ވަގުތުކޮޅެއް ދޭތެރެއަކުން ހޭދަކޮށްލާށެވެ. މިސާލަކަށް އާއިލާ އެންމެން ޕިކުނިކު ގޮސްލުން، "ބީޗް-ބްރެކްފާސްޓް"، އަދި ދޭތެރެއަކުން ކައިރި ރަށަކަށް ދަތުރުގޮސްލުން ކަހަލަ ކަމެކެވެ. ވީޑިއޯ ގޭމް ކުޅެގެން ނޫނަސް މަޖާކުރެވޭނެކަން ކުދިންނަށް މިގޮތްގޮތުން އަންގުވައިދެވިދާނެއެވެ.

• އިތުރުކަމަކަށް ބަލާލާނަމަ، އެކިކަހަލަ ސޯޝަލް ސެންޓަރުތަކުގައި، ކުދިން ބައިވެރިކޮށް، އެކުދިންގެ އިޖުތިމާޢީ ބައިވެރިވުން ރަނގަޅުކުރުމަށް އެފަދަ ސެންޓަރު ތަކުގެބޭނުން ކުރެވިދާނެއެވެ.

މިމައުޟޫގައި ކިތަންމެ ދިގުކޮށްވެސް ވާހަކަދެއްކިދާނެއެވެ. ނަމަވެސް މިކަމަކީ އަޅާނުލައި ދޫކޮށްފިނަމަ، ޤައުމަށާއި މުޅި އުންމަތަށްވެސް އިޢާދަ ނުކުރެވޭވަރުގެ ގެއްލުންތަކެއް ކުރިމަތި ކުރުވަފާނެ ކަމެއްކަން ހަނދާންކުރާށެވެ. މިގޮތްގޮތުން މަސައްކަތްކޮށް ކުދިން ގޭމްކުޅުމާ ދުރުކުރަން އުޅެފިނަމަ ﷲގެ އިރާދަފުޅާއެކު އެކަން ކާމިޔާބުވެދާނެއެވެ.

ދަރިފުޅުގެ ކިބައިގައި އިރެއްގައި ދެވިހިފައިފައި ހުރި މިކަންތަކަކީ އެހާ ކުރާހިތް ނުވާ ކަމަކަށްވެސް ވެދާނެއެވެ. އަދި އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. ދުޢާއަކީ ކަންކަން ފަހިވުމަށް އޮތް އެންމެ ބޮޑު އެއް ސަބަބު ކަމުގައިވެއެވެ. ދަރިން މިކަމުން ސަލާމަތް ކުރެއްވުން އެދި ﷲގެ ޙަޟްރަތަށް އިޚްލާސްތެރިކަމާއެކު ދުޢާކުރުން ގިނަކުރާށެވެ.

ﷲ ތިޔަ އެންމެހާ ލޮބުވެތި ބެލެނިވެރިންގެ ދުޢާތައް އިޖާބަކުރައްވާށިއެވެ. އާމީން.