ހުޅުމާލޭގައި ތަރައްގީކުރާ، "ދަ އިންޓަރނޭޝަނަލް އޮލިމްޕިކް ސްޓޭޑިއަމް ޕްރޮޖެކްޓް" ގެ ފްރޭމްވާރކް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން، އިއްޔެ މި އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އާއި އެކުގައެވެ.

Ad
rt

ޕްލޭނިން ނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީޕް ރެޕްރެޒެންޓޭޓިވް މިސްޓަރ ލިއު ޒައިއޯޑާއެވެ.

ޕްލޭނިން ނިސްޓްރީން ބުނީ، މި ފްރޭމްވާރކް އެއްބަސްވުމަކީ، ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަންގެ ފަރާތުން ހުށައަޅާފައިވާ ޕްރޮޕޯސަލް އާއި ގުޅިގެން ޕްރޮޖެކްޓްގެ ފީސަބިލިޓީ އަދި ޑިޒައިންގެ އިތުރުން ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ކުރެވުނު އެއްބަސްވުމެއް ކަމަށެވެ.

"ދަ ކޮރަލް" ގެ ނަމުގައި ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި، ގާތްގަނޑަކަށް 20،000 މީހުންގެ ޖާގައިގެ ސީޓިންގ ކެޕޭސިޓީގެ އިތުރުން، ސިންތެޓިކް ރޭސް ޓްރެކް އަކާއި، ފުޓުބޯޅަ ދަނޑަކާއި އެހެނިހެން ކުޅިވަރު ޙަރަކާތްތައް ބޭއްވުމަށް ޚާއްސަ ޖާގަތަކެއް ހިމަނާފައިވާކަމަށް ވެސް ޕްލޭނިން ނިސްޓްރީން ބުންޏެވެ.

އިއްޔެ ކުރިއަށްދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މިރަސްމިއްޔާތުގައި ޗައިނާއިން ދިވެހި ރާއްޖެއަށް ކަނޑަަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ އެމްބެސިޑަރ ޒާން ލިޒޮންގ ، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް އަދި ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޢަބްދުލް ޣަފޫރު ބައިވެރިވެވަޑައިގެންނެވިއެވެ.