މެގްރޫވް ދިރާސާ ކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)ގެ ފަރާތުން މުޅި ދުނިޔޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުވާލި އެ ޖަމްޢިއްޔާގެ 19 ވަނަ "ޗިލްޑްރަންސް މެންގްރޫވް އާރޓް ކަލަންޑަރ ކޮންޓެސްޓް" ގެ 1،2،3 ވަނާގައި ވެސް ހދ. ނޭކުރެންދޫ ސްކޫލްގެ ދަރިވަރުން ހިމެނިއްޖެއެވެ.
މުޅިދުނިޔޭގެ ހުރިހާ ސްކޫލަކަށްވެސް ބައިވެރިވެވޭނެހެން އާންމުކޮށް ހުޅުވާލި މި މުބާރާތަކީ ކަނޑޫފާ، ކުޅި އަދި ޗަސްބިންތަކާއި ގުޅޭގޮތުން ހޭލުންތެރި ކުރުވުމަށާއި، އެތަންތަނުގެ މުހިންމުކަން އަންގައި ދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ މުބާރާތެކެވެ.
''މެޕް''އިން މިފަހަރު ބޭއްވި މުބާރާތުގެ މުޅިދުނިޔޭން 1 ވަނާގައި ހިމެނުނު 4 ދަރިވަރުންތެރޭ ހިމެނި، އެ މުބާރާތުގެ ފަޚުރުވެރި 1 ވަނަ ހާސިލްކޮށްފައިވާ ނޭކުރެންދޫ ސްކޫލްގެ ދަރިވަރަކީ އެ ސްކޫލްގެ ގްރޭޑް 5 ގެ ދަރިވަރު، ޢުމުރުން 11 އަހަރުގެ މުޙައްމަދު ވިޝާލް ވަޖީހެވެ.
1 ވަނަ ހޯދި ވިޝާލް
އެ މުބާރާތުން މުޅި ދުނިޔޭން ފަޚުރުވެރި ދެވަނަ ހޯދި ދަރިވަރަކީ ނޭކުރެންދޫ ސްކޫލްގެ ގްރޭޑް 6 ގެ ދަރިވަރު، ޢުމުރުން 12 އަހަރުގެ ހާޖަރަތު ޒުހާއެވެ. އަދި ފަޚުރުވެރި 3 ވަނަ ހޯދި ދަރިވަރަކީ އެ ސްކޫލްގެ ގްރޭޑް 5 ގެ ދަރިވަރު، ޢުމުރުން 11 އަހަރުގެ މަރިޔަމް ލައިޝާ ޢަލީ ޝިހާމެވެ.
2 ވަނަ ހޯދި ޒުހާ
މިއަދު ނޭކުރެންދޫ ސްކޫލްގެ އެސެމްބްލީގައި ވަނީ ނޭކުރެންދޫ އަށާއި، ރާއްޖެއަށް މި މުބާރާތުން ފަޚުރުވެރި ވަނަތައް ހޯދައިދިން އެ ސްކޫލްގެ ދަރިވަރުންނަށް ހިތްވަރުދީ، އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުމާއި، ޓްރޮފީ ދީފައެވެ.
3 ވަނަ ހޯދި ލައިޝާ
އެ ދަރިވަރުންގެ ތެރެއިން 1 ވަނަ ހޯދި ވިޝާލްއަށް ޓްރޮފީއާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ނޭކުރެންދޫ ސްކޫލްގެ ޕްރިންސިޕަލް ރޮބަޓް ސިލްވާއެވެ. 2 ވަނަ ހޯދި ޒުހާ މިވަގުތު ރަށުގައި ނެތުމުން، އެ ޓްރޮފީއާއި ހަނދާނީ ލިޔުމާއި ހަވާލުވީ ޒުހާގެ މާމައެވެ. އެ ޓްރޮފީއާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ނޭކުރެންދޫ ކައުންސިލްގެ ރައީސް ޢަލީ އާދަމްއެވެ. އަދި 3 ވަނަ ހޯދި ލައިޝާއަށް ޓްރޮފީއާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެ މުބާރާތުގެ ފޯކަލް ޕޮއިންޓް އަދި ނޭކުރެންދޫ ސްކޫލްގެ ތިމާވެށި ކްލަބްގެ ކޯޑިނޭޓަރ އާއިޝަތު ޒައިނާއެވެ.
މިފަދަ ބައިނަލްއަޤްވާމީ މުބާރާތެއްގައި ބައިވެރިވެ ނޭކުރެންދޫ ސްކޫލް ތަމްސީލްކޮށް ޝަރަފްވެރިވަނަތަކެއް ލިބިގެން ދިޔުމާއި ގުޅިގެން، ނޭކުރެންދޫ ސްކޫލްގެ ފަރާތުން މި މުބާރާތުގެ ކަންތައްތަކުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވި އަދި އެ ސްކޫލްގެ ތިމާވެށި ކްލަބްގެ ކޯޑިނޭޓަރ އާއިޝަތު ޒައިނާ ''ތިލަދުން''އަށް ވިދާޅުވީ އެ ކާމިޔާބީއަކީ ނޭކުރެންދޫ ސްކޫލަށާއި ނޭކުރެންދޫއަށް އަދި މުޅި ރާއްޖެއަށް ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް، އަދި ފަޚްރެއް ކަމަށެވެ.
''މިއީ މި ސްކޫލުން ބައިނަލްއަޤްވާމީ މުބާރާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރުކަންވެސް އަޅުގަނޑު ހަމަ އުފަލާއެކު ފާހަގަކޮށްލަން. މި މުބާރާތް ހިންގެވުމުގައި ސްކޫލްގެ ފަރާތުން ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބުމީ ވަރަށްވެސް ބޮޑު އުފަލެއް. އަދި ހަމައެއާއިއެކު މި ކާމިޔާބުގެ ފަހަތުގައި އަޅުގަނޑު ހިމެނުންމީ އަޅުގަނޑަށްވެސް މިފަދަ ކަންކަން ކުރުމަށް ލިބުނު އާ ހިތްވަރެއް. އެގޮތުން މި މުބާރާތް ކުރިއަށް ގެންދިއުމުގައި އަޅުގަނޑާއެކު އެއްސަފެއްގައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތައް ޝާމިލްވާނެހެން ހިތުގެ ފުންމިނުން ޝުކުރުއަދާކޮށްލަން. އެގޮތުން ސްކޫލްގެ ޕްރިންސިޕަލްއަށް ޝުކުރުއަދާކޮށްލަން. އަދި މި މުބާރާތުގައި އަޅުގަނޑުމެންގެ ސްކޫލް ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދެއްވި ސޭވް މޯލްޑިވްސް އަށް ހާއްސަކޮށް އާދަމް އިޝާމް އަށް ވަރަށްބޮޑަށް ޝުކުރުއަދާކޮށްލަން.''
ޒައިނާ ވިދާޅުވިއެވެ.
އެ މުބާރާތް ވަނީ ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވިފައިކަން ފާހަގަކުރަށްވާ ޒައިނާ ވަނީ މި މުބާރާތް ކާމިޔާބުކޮށް، ސްކޫލް ފަޚުރުވެރިވާފަދަ ރީތި ނަން ހޯދައިދީ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް މަރުޙަބާ ކިޔާފައެވެ. އަދި އުއްމީދަކީ މިފަދަ މުބާރާތްތަކުގައި އެ ސްކޫލްގެ ހުރިހާ ދަރިވަރުންވެސް ބައިވެރިވެ ސްކޫލަށް އަބަދުވެސް ރީތި ނަން ހޯދައިދިނުންކަމަށް ޒައިނާ ވިދާޅުވިއެވެ.
މި މުބާރާތް ބާއްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)އަކީ ދުނިޔޭގައި ހުރި ކުޅި، ފާ އަދި ޗަސްބިންތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. މި މުބާރާތުން ހޮވާލެވޭ ކުރެހުންތައް 2021 ވަނަ އަހަރުގެ އެ ޖަމްޢިއްޔާގެ ކަލަންޑަރުގައި ހިމެނޭނެއެވެ.
މި މުބާރާތުގައި ނޭކުރެންދޫ ސްކޫލުން ބައިވެރިވެފައިވަނީ 43 އަންހެން ދަރިވަރުންނާއި، 28 ފިރިހެން ދަރިވަރުންނާއިއެކު ޖުމްލަ 71 ދަރިވަރުން ނެވެ.
https://thiladhun.wonstasite.com/43043
މި މުބާރާތް އަމާޒު ކުރެވިފައިވަނީ އުމުރުން 6 އަހަރާއި 16 އަހަރާއި ދެމެދުގެ ދަރިވަރުންނަށެވެ. މިއީ ރާއްޖޭގެ ސުކޫލަކުން މިމުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.
މި މުބާރާތުގައި ނޭކުރެންދޫ ސްކޫލުން ބައިވެރިވެފައިވަނީ ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ''ސޭވް މޯލްޑިވްސް'' ހަރަކާތުގެ އެހީތެރިކަމާއެކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!